ފިނިޕޭޖް

އަޑު ނެތް ފިލްމުން އަޑުގަދަ ފިލްމަށް އިންޑިއާކުރި ދަތުރު!

އެއީ 1917 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ދުވަހެކެވެ. ހިރަލާލް ސެން އޮތީ ބަލިވެ އެނދުމަތިވެފަ އެވެ. ފައިސާއެއް ނެތް، މީހާ ބަނގުރޫޓުވެއްޖެ އެވެ. މަރު ތައްމަތީގައި އޮވެ އެންމެ ފަހުގެ ނޭވާއަށް އިންތިޒާރު ކުރަނީ އެވެ. މި ހާލަތަށް މީހާ ވެއްޓުނީ ދިރިއުޅުމުގައި ރޯވި ބޮޑު ހުޅުގަނޑަކާއެކު އެވެ. އޭނާގެ ބޭބެގެ ގުނދަނެއްގައި ރޯވި ހުޅުގަނޑާއެކު މުޅި ދިރިއުޅުން އަނދަން ފެށީ އެވެ. ފިލްމު އުފެއްދުމަށް ހަޔާތުގެ ބޮޑުބައި ހޭދަކޮށް، ކުރި ބުރަ މަސައްކަތްތައް ހިނދުކޮޅެއްގެ ތެރޭގައި އަޅިޔައްވީ އެވެ.

އެ ގުދަނުގައި ރައްކާކޮށްފައި ހުރީ އިންޑިއާގެ އެންމެ ފުރަތަމަ ފިލްމު ޕްރޮޑަކްޝަން ހައުސް "ރޯޔަލް ބަޔޮސްކޯޕް ކޮމްޕެނީ" ގެ ހުރިހާ މުދަލެކެވެ. މަޝްހޫރު ނަމުންނަމަ އެއީ "ސެން ބްރަދާސް ފާމް" އެވެ. ވިހި ވަނަ ގަރުނުގެ ކުރީކޮޅުގައި މި ޕްރޮޑަކްޝަން ހައުސްއިން އިންޑިއާގެ ބެންގާލްގައި ފިލްމުތައް އުފައްދާ، ކަލްކަތާ ހިމެނޭ ސަރަހައްދުގައި ފިލްމުތައް ދައްކަމުން ދިޔަ އެވެ. އެ ގުދަނުގައި ރޯވެ އެތައް އެއްޗެއް ނެތިގެން ދިޔައިރު، އިންޑިއާގެ ފިލްމު އިންޑަސްޓްރީއާއި ގުޅުންހުރި ތާރީހީ އެތައް މައުލޫމާތެއް ވެސް ނެތިގެންދިޔަ އެވެ.

އިންޑިއާގެ ފިލްމީ ތާރީހު ފެށުނީ މީގެ ވެސް މާ ކުރިންނެވެ. ބައެއް މީހުން އިންޑިއާގެ ފިލްމު އިންޑަސްޓްރީ ފެށުނީ 1913 ގައި ކަމަށް ބުނި ނަމަވެސް މީގެ އެތަކެއް އަހަރުތަކެއް ކުރިން އެ ގައުމުގައި ފިލްމުތައް އުފައްދަން ފެށި އެވެ. އިންޑިއާގައި އެންމެ ފުރަތަމަ އުފައްދާ އުޅުނީ ހަމައެކަނި މަންޒަރު ފެންނަ، އަޑު ނީވޭ ނުވަތަ "ސައިލެންޓް" ފިލްމުތަކެވެ. އޭގެ ތެރޭގައި ވެސް ގިނައީ ޑޮކިއުމެންޓްރީ ފިލްމުތަކެވެ. މީގެ ތެރެއިން 90 ޕަސެންޓް ފިލްމުތައް މިހާރު ވަނީ ގެއްލިފަ އެވެ.

އިންޑިއާގެ ފިލްމު ސިޓީ ނުވަތަ ބޮމްބޭ ނުވަތަ މިހާރުގެ މުމްބާއީގައި އެންމެ ފުރަތަމަ ބޭރުގެ ފިލްމެއް ދެއްކީ ޖުލައި 7، 1986 ގަ އެވެ. ދުނިޔޭގައި އެންމެ ފުރަތަމަ ފިލްމު އުފެއްދި މީހުންގެ ތެރޭގައި ހިމެނޭ ފްރާންސުގެ "ދަ ލުމިއާރް ބްރަދާސް" އިންޑިއާއަށް، މޯރިސް ސެސްޓިއާ ކިޔާ މީހަކު ފޮނުވި އެވެ. އޭނާ ފޮނުވީ އޭރު އިންޑިއާގައި އިސްތިއުމާރީ ބާރު ހިންގަމުން އައި އިނގެރޭސިވިލާތުގެ މީހުންނަށް ދެއްކުމަށް ފިލްމެއް ހަވާލު ކުރުމަށްފަހު އެވެ. އެ ފިލްމު ދެއްކީ މުމްބާއީގައި ހުންނަ ވަޓްސަން ހޮޓެލްގަ އެވެ. އެ ވަގުތު އެތާކު ސެން ހިރަލާލެއް ނެތެވެ.

އަމިއްލަ ފިލްމުތައް އުފެއްދުމުގެ މަސައްކަތައް އޭނާ ނިކުތީވެސް އޭގެ ދެ އަހަރު ފަހުންނެވެ. އެކަމަކު އެ ވަގުތު އެތަނުގައި ވަރަށް ހާއްސަ މީހަކު އިނެވެ. އިންޑިއާގެ ފޮޓޯގުރާފަރެއް ކަމަށްވާ ހަރިސްޗަންދުރަ ޝަޚަރަމް ބަތަވްދޭކަރް ނުވަތަ މަޝްހޫރު ނަމުންނަމަ ސޭވް ދާދާ އެވެ.

މި ފިލްމު ބަލާލުމަށްފަހު ސޭވް ދާދާ ބޭނުންވީ އޭނާގެ އަމިއްލަ ފިލްމެއް އުފައްދާށެވެ. އެކަމަށް ބޭނުންވާ ކެމެރާ އިނގެރޭސިވިލާތުން ގެނައުމަށް އޭނާ އޯޑަރުދިނެވެ. އެ ކެމެރާއިން ސޭވް ދާދާ، 1899 ވަނަ އަހަރު ހެދި ފިލްމަކީ އިންޑިއާގައި އިންޑިއާގެ މީހަކު ހެދި ފުރަތަމަ ފިލްމެވެ. ޑޮކިއުމެންޓްރީ އެ ފިލްމުގައި ގެނެސްދިނީ މުމްބާއީގެ "ހޭންގިން ގާޑެންސް" ގައި އޮތް ރެސްލިން މެޗެކެވެ. އިންޑިއާގެ ފުރަތަމަ ފިލްމު "ދި ރެސްލާސް" އެވެ. މަންޒަރުތައް ކެމެރާގެ ރީލަށް ނެގުމަށްފަހު އެ ސާފުކޮށް ބެލޭނެ ގޮތް ހެދުމަށްޓަކައި އޭރު ފޮނުވީވެސް އިނގެރޭސިވިލާތަށެވެ.

ލިބެމުން ދިޔަ ކުރިއެރުންތަކާއެކު ސޭވް ދާދާ ޕްރޮޖެކްޓަރެއް ވެސް ގަނެ އާންމުނަށް ފިލްމުތައް ދައްކަން ފެށި އެވެ. އަދި ބޭރު ގައުމުތަކުގެ ފިލްމުތައް ވެސް ގެނެސްގެން ދައްކަން ފެށި އެވެ. އިންޑިއާގެ މަޝްހޫރު ހިސާބު އިލްމުވެރިޔާ އާރްޕީ ޕަރަންޖީޕް ކޭމްބްރިޖް ޔުނިވާސިޓީން ކިޔާވާ ވިދާޅުވުމަށްފަހު އެނބުރި އިންޑިއާއަށް ވަޑައިގަތް ދުވަހު އޭނާގެ ވީޑިއޯވެސް ސޭވް ދާދާ ކުރި އެވެ. އެ ވީޑިއޯއަކީ އިންޑިއާގައި އެންމެ ފުރަތަމަ ވީޑިއޯ ކުރި ހަބަރު ފުޓޭޖެވެ. ވިހި ވަނަ ގަރުނުގެ މެދަކާއި ޖެހެންގެން ސޭވް ދާދާ ފިލްމުތައް ހެދި އެވެ. ނަމަވެސް ވަކި ހިސާބަކުން ފިލްމު އުފެއްދުން ހުއްޓާލުމަށްފަހު އުމުރު ދުވަސް ހޭދަކުރީ އަމިިއްލަ ތިއޭޓަރެއް ހުޅުވައި އެތަން ހިންގުމަށެވެ.

ހަރިސްޗަންދުރަ ޝަޚަރަމް ބަތަވްދޭކަރް (ސޭވް ދާދާ)، 1911 ވަނަ އަހަރު ތައްޔާރުކުރި ޑޮކިއުމެންޓްރީ ފިލްމެއް.

ހިރަލާލް ކުރިއަރާ ދިޔައީ އަދި މާ ތަފާތުކޮށެވެ. އެމީހުން ވެސް ބޭރު ފިލްމުތައް ގެނެސްގެން އިންޑިއާގެ ތިއޭޓަރުތަކުގައި ސްޓޭޖް ޑްރާމާތަކުގެ އިންޓަވަލް ވަގުތުތަކުގައި ދައްކަމުން ދިޔަ އެވެ. އެހެން ދައްކަމުން ދަނިކޮށް އޭރު އިންޑިއާގެ މަޝްހޫރު ނޫހަކުން އިންޓަވަލް ވަގުތުތަކުގައި ގެނެސްދޭ މި ފިލްމުތަކަށް ތައުރީފުކޮށް ހަބަރެއް ޖެހި އެވެ.

މިއާއެކު އެމީހުނަށް ލިބެމުންދިޔަ ތަރުހީބު ބޮޑުވުމާއެކު އަމިއްލަ ފިލްމުތައް ވެސް އުފައްދަން ފެށި އެވެ. އެގޮތުން އުފެއްދި ފުރަތަމަ ފިލްމަކީ "ދި ފްލާވާ އޮފް ޕާސިއާ ޓު އަލީ ބާބާ" އެވެ. މި ފިލްމު ނިކުތީ ސޭވް ދާދާގެ ފިލްމު "ދި ރެސްލާސް" ނިކުތުމުގެ ކުރިން 1898 ގަ އެވެ. ނަމަވެސް އެ ފިލްމު އިންޑިއާގެ ފުރަތަމަ ފިލްމަށް ނުވީ އެ ފިލްމު އުފެއްދުމުގައި ހިރަލާލްއާއެކު އިނގެރޭސިވިލާތުގެ މީހުން މަސައްކަތްކޮށްފައި ވާތީ އެވެ. ސޭވް ދާދާވެސް އަދި ހިރަލާލްވެސް އޭރު އުފައްދަމުން އައީ ހަމައެކަނި ޑޮކިއުމެންޓްރީ ފިލްމުތަކެވެ.

އިންޑިއަން ސިނަމާގެ ބައްޕައަކީ ދާދާސާހެބް

އިންޑިއާގައި ފުރަތަމަ ފަހަރަށް ފުރިހަމަ ދިގުމިނެއްގެ މޯޝަން ފިލްމެއް ނުވަތަ ފީޗާ ފިލްމެއް އުފެއްދި މީހަކީ ދާދާސާހެބް ޕަލްކޭ އެވެ. ދާދާސާހެބްއަކީ އިންޑިއަން ސިނަމާ -- އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ދީފައިވާ އާންމުން ނަން -- ގެ ބައްޕަކަމަށް މިއަދު އެންމެންވެސް ގަބޫލުކުރެ އެވެ. އޭނަ އެންމެ ފުރަތަމަ އުފެއްދީ "ރާޖާ ހަރިސްޗަންދުރަ" ކިޔާ ފިލްމެކެވެ. އެ ފިލްމު ނިކުތީ މެއި 13، 1913 ވަނަ އަހަރު އެވެ. މި ތާރީހަކީ އިންޑިއަން ސިނަމާގެ ރަސްމީ އުފަން ތާރީހުކަމަށް އިންޑިއާގެ ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.

"ރާޖާ ހަރިސްޗަންދުރަ" އަކީވެސް ސައިލެންޓު ފިލްމެވެ. މި ފިލްމު ކުޅުނީ ހުސް ފިރިހެނުންނެވެ. ބަތަލާއިންގެ ރޯލުވެސް ކުޅުނީ ފިރިހެނުންނެވެ. މާރާޓީ ބަހުން އުފެއްދި މި ފިލްމުގެ ތައްޔާރުކުރީ ވެސް އެންމެ ކޮޕީއެކެވެ. ފިލްމު ދެއްކީ ކޮރޮނޭޝަން ސިނެމަޓޯގްރާފް ކިޔާ މުމްބާއީގެ ސިނަމާއެއްގައި އެވެ. މި ސިނަމާ މިހާރުވެސް އެބަހުއްޓެވެ. އެންމެ ޝޯއެއް ދެއްކިއިރު ފިލްމަށް ރަނގަޅު އާމްދަނީއެއް ވެސް ލިބުނެވެ. އޭގެ ފަހުން އެކި ބަސް ބަހުން އެކި މީހުން ފިލްމުތައް އުފައްދަމުން އަންނަން ފެށި އެވެ. މި ފިލްމަށްފަހު ދެން އެންމެ ފުރަތަމަ ނިކުތީ ތަމަޅަ ބަހުން ގެނެސްދިން ފިލްމެކެވެ.

އަޑުއިވޭ ފުރަތަމަ ފިލްމާއެކު އިންޑިއަން ސިނަމާގެ ރަން އަހަރުތައް

މާ ގިނަ ދުވަސްތަކެއް ނުވެ 1930 އާއި ހަމައަށް ދިޔައިރު އިންޑިއާގެ ސައިލެންޓް ފިލްމުތަކުގެ ތާރީހަށް ނިމުން އަތުވެއްޖެ އެވެ. އަޑުއިވޭ ފުރަތަމަ އިންޑިއާގެ ފިލްމު ރިލީޒްކުރީ މާޗް 14، 1931 ގަ އެވެ. އަދްރޭޝީރް އިރާނީ ކިޔާ މީހަކު ޑައިރެކްޓުކުރި އެ ފިލްމުގެ ނަމަކީ "އަލަމް އަރާ" އެވެ.

ހިންދީ އަދި އުރުދޫ ބަހުން ގެނެސްދިން މި ފިލްމަށް ލިބުނު ތަރުހީބު ބޮޑުކަން އިނގުނީ ފިލްމު އެޅުވި ދުވަސްކޮޅު ސިނަމާ ކައިރީގައި މީހުން ބައިބޯވެ އެންމެފަހުން މީހުން މައިތިރިކުރުމަށް ފުލުހުންގެ އެހީ ހޯދަން ޖެހުމުންނެވެ. އަށް ހަފްތާވަންދެން މި ފިލްމުގެ ހައުސްފުލް ޝޯތައް ދެއްކި އެވެ. ބްލެކް އެންޑް ވައިޓްކޮށް ގެނެސްދިން މި ފިލްމު މިހާރު ވަނީ ގެއްލިފަ އެވެ. މި ފިލްމު އުފެއްދި އަދްރޭޝީރްއަކީ އަޑު އިވޭ ފުރަތަމަ ތަމަޅަ ފިލްމުވެސް އުފެއްދި މީހާ އެވެ.

އަޑުއިވޭ ފިލްމުތައް އައިތާ މާ ގިނަ ދުވަސްތަކެއް ނުވެ، އިންޑިއާގެ ބްލެކް އެންޑް ވައިޓް ފިލްމުތަކަށް ވެސް ނިމުންއަ އެވެ. އެންމެ ފުރަތަމަ ކުލަކޮށް އުފެއްދި އިންޑިއާގެ ފިލްމު ނިކުތީ 1937 ގަ އެވެ. "ކިސަން ކަންޔާ" ކިޔާ މި ފިލްމުގައި ގެނެސްދިނީ ދަނޑުގޮވާން ކުރާ ބައެއްގެ ވާހަކައެކެވެ. އަޑުއިވޭ ފުރަތަމަ އިންޑިއާގެ ފިލްމު އުފެއްދި އަދްރޭޝީރް ޕްރޮޑިއުސްކުރި މި ފިލްމު ޑައިރެކްޓުކުރީ މޯޓީ ބީ ގިޑްވާނީ އެވެ. މި ފިލްމުން ފެނިގެން ދިޔައީ އޭރުގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ޕަދްމާދޭވީ، ޖީލޯ، ގުލާމް މުހައްމަދު، ސިސާރް، ސައިދު އަހްމަދު އަދި ގަނީ އެވެ.

އޭރު އިންޑިއަން ސިނަމާގައި ރަސްކަން ކުރަމުން އައީ ބެންގާލީ ނުވަތަ "ޓޮލީވުޑް" ގެ ފިލްމުތަކެވެ. އޭރުގައި އިންޑިއަން ސިނަމާގެ މައި ތަނބަކީ ޓޮލީވުޑެވެ. އެމީހުންހާ މޮޅަށް ފިލްމު އުފައްދާ އިންޑިއާގެ ބައެއް އޭރުގައި ނެތެވެ. ހިންދީ ފިލްމުތަކަށްވުރެ އެހެން ބަސްތަކުން އުފައްދާ ފިލްމުތަކަށް ލިބޭ ތަރުހީބުވެސް އޭރު ބޮޑެވެ. ސައުތު އިންޑިއާގެ ފިލްމު އިންޑަސްޓްރީތައް އޭރު އޮތީ ވަރަށް ކުރީގަ އެވެ.

އިންޑިއަން ސިނަމާގެ ގޯލްޑެން އީރާ ނުވަތަ ރަން އަހަރުތައް ފެށުނީ 1940 އަށްފަހު އެވެ. ހިންދީ ފިލްމުތައް އުފައްދަން ފެށީ މިހާ ހިސާބުންނެވެ. އޭރުވެސް އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ރަސްކަންކުރީ ބެންގާލީ ފިލްމުތަކާއި ސައުތު އިންޑިއާ ފިލްމުތަކެވެ. ހިންދީ ފިލްމުތައް ފުރަތަމަ އުފެއްދީވެސް ބެންގާލީ މީހުންނެވެ. ހިންދީ ސިނަމާއަށް އޮތް ތަރުހީބު އިތުރަށް ބޮޑުވެގެން ދިޔައީ 1960 ގައި ބޮޑު ވަޒީރު އިންދިރާ ގާންދީގެ ސަރުކާރުގައި އެކަމަނާ ފިލްމީ ދާއިރާއަށް ހާއްސަކޮށް މިނިސްޓްރީއެއް އުފެއްދި ހިސާބުންނެވެ. ހިންދީ ބަހަކީ އިންޑިއާގެ ރަސްމީ ބަހަށްވުމުން އޭގެފަހުން އުފެއްދި ފިލްމުތަކުގައި މި ބަހަށް ދޭން ފެށި އިސްކަން ބޮޑުވެގެންދިޔަ އެވެ.

އޭރު އެންމެ މަޝްހޫރުވި ފިލްމުތަކުގެ ތެރޭގައި "ޕިޔާސާ"، "އާވާރާ"، "ކާގަޒްލާ ޕޫލް"، "ޝްރީ 420"، "މަދާ އިންޑިއާ" ހިމެނެ އެވެ. ފިލްމު "މަދާ އިންޑިއާ" ވަނީ 1958 ވަނަ އަހަރު ބެސްޓް ފޮރިން ފިލްމުގެ ކެޓަގަރީން އޮސްކާ އެވޯޑަށްވެސް ނޮމިނޭޓުވެފަ އެވެ. މި ފިލްމަކީ އޮސްކާ އެވޯޑަށް ނޮމިނޭޓުވި އިންޑިއާގެ ފުރަތަމަ ފިލްމެވެ. މި ފިލްމުތަކާއެކު އެ ދުވަސްވަރު އެންމެ މަޝްހޫރުވި ތަރިންގެ ތެރޭގައި ގުރޫ ދަތް، ރާޖް ކަޕޫރް، މެހެބޫމް ޚާން އަދި ދިލިޕް ކުމާރްފަދަ ތަރިން ހިމެނެ އެވެ.

ބޮލީވުޑްގެ ފެށުމާއެކު އިންޑިއަން ސިނަމާއަށް ތާރީހީ ބަދަލެއް

ބައެއް މީހުނަށް މިއީ އޮޅުން އަރާ އެއްޗެކެވެ. އިންޑިއާގެ ފިލްމު އިންޑަސްޓްރީއޭ ބުނުމުން ގިނަ މީހުންގެ ބޮލަށް އަންނަނީ "ބޮލީވުޑް" އެކަންޏެވެ. އެކަމަކު މިއީ އަދި ރަނގަޅު ވާހަކައެއް ނޫނެވެ. އިންޑިއަން ސިނަމާއަކީ ހަމައެކަނި ބޮލީވުޑެއް ނޫނެވެ. އެކަމަކު ބޮލީވުޑަކީ އިންޑިއަން ސިނަމާ އެވެ. މި ބުނީ ބޮލީވުޑްއަކީ އިންޑިއަން ސިނަމާގެ ތެރޭގައި ހިމެނޭ އިންޑަސްޓްރީތަކުގެ ތެރެއިން އިންޑަސްޓްރީއެކެވެ.

އިންޑިއަން ސިނަމާގައި ތަފާތު އެކި ބަސްތަކުގެ ފިލްމު އުފައްދަން ވަކި ކޮންމެ ބަހުރުވައަކަށް ފިލްމު އިންޑަސްޓްރީއެއް އޮވެ އެވެ. "ބޮލީވުޑް" އަކީ ހިންދީ ބަހުން ފިލްމު އުފައްދާ ފިލްމު އިންޑަސްޓްރީ އެވެ. އެހެން މަޝްހޫރު ބައެއް އިންޑަސްޓްރީތަކުގެ ތެރޭގައި، "ޓޮލީވުޑް" (ބެންގާލީ އަދި ޓެލުގޫ ފިލްމު އިންޑަސްޓްރީ)، "ކޮލީވުޑް" (ތަމަޅަ ފިލްމު އިންޑަސްޓްރީ)، "ސްކޭންޑަލްވުޑް" (ކަރްނާޓަކާ ފިލްމު އިންޑަސްޓްރީ)، "މޮލީވުޑް" (މެލެޔާލަމް ފިލްމު އިންޑަސްޓްރީ)، "ޕޮލީވުޑް" (ޕަންޖާބީ ފިލްމު އިންޑަސްޓްރީ)، "ގޮލީވުޑް" (ގުޖުރާތީ ފިލްމު އިންޑަސްޓްރީ) އާއި "ޓެލީވުޑް" (ހިންދީ ޓީވީ ޑްރާމާ އިންޑަސްޓްރީ) އަދި އިތުރު އެކި ބަސްތަކުގެ އިންޑަސްޓްރީތައް ހިމެނެ އެވެ.

ބޮލީވުޑްއަކީ އިންޑިއަން ސިނަމާގެ ތެރޭގައި ހިމެނޭ ފިލްމު އުފައްދާ އިންޑަސްޓްރީތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ މަޝްހޫރު ފިލްމު އިންޑަސްޓްރީ އެވެ. އުފައްދާ ފިލްމާއި މަސައްކަތްކުރާ މީހުންގެ ނިސްބަތުން އެންމެ ބޮޑީ މި އިންޑަސްޓްރީ އެވެ. އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ވަންނަ އާމްދަނީގެ ތެރެއިން 43 ޕަސެންޓަކީ ބޮލީވުޑްގެ ފިލްމުތަކުން ލިބޭ އާމްދަނީ އެވެ.

ބޮލީވުޑްގެ ރަން އަހަރުތައް ފެށުނީ 80 ގެ އަހަރުތަކާއެކު އެވެ. "އޭކް ދޫޖޭ ކޭ ލިޔޭ"، "ހިތްމަތުވާލާ"، "ތޯފާ"، "ނާމް"، "މިސްޓަރު އިންޑިއާ"، "އައްލާ ރައްކާ" އަދި "ތޭޒާބް" ފަދަ ފިލްމުތަކާއެކު މުޅި ދުނިޔޭގައިވެސް ބޮލީވުޑް ވިދާލި އެވެ. އާމީތާބް ބައްޗަންނާއި ރިޝީ ކަޕޫރް، ސްރީދޭވީ، ޖާޔާ ބައްޗަން އަދި ރޭކާމެން ފަދަ ތަރިންގެ ބޮލީވުޑްގައި ރަސްކުރީ މި އިިރުގަ އެވެ. ނަމަވެސް އައްޑިހައިގެ އަހަރުތަކުގައި މެދަކާ ހަމައަށް ދިޔަތަކުން ބޮލީވުޑަށް ތާއްޓެއް އެރި އެވެ. ބޮކްސް އޮފީހުގައި ފިލްމުތަކުގެ ވިޔަފާރީ ދަށްވި އެވެ. މިހެންވާން މެދުވެރިވީ މުމްބާއީގައި އެދުވަސްވަރު ހަމަނުޖެހުތައް އުފެދި އަނިޔާވެރިކަން އިންތިހާއަށް އިތުރުވެ ފިލްމު ބަލަން ސިނަމާތަކަށް ދާ މީހުންގެ އަދަދު މަދުވުމާއި ގުޅިގެންނެވެ.

މި އައި ބޮޑު ލޮޅުންގަނޑަށްފަހު އަނެއްކާ ބޮލީވުޑްގެ ދުވެލި ބާރުވީ 1988 ވަނަ އަހަރު ނިކުތް ފިލްމު "ގަޔާމަތް ސޭ ގަޔާމަތް ތަކް" އާއެކު އެވެ. މަންސޫރް ޚާން ޑައިރެކްޓުކުރި މި ފިލްމުގެ ވާހަކަ ލިޔެ އަދި ފިލްމު ޕްރޮޑިއުސްކުރީ އޭނާގެ ބައްޕަ ނާސިރް ހުސެން އެވެ. ފިލްމުގައި ލީޑުން ފެނިގެންދިޔައީ މަންސޫރްގެ ދެބެންގެ ދަރި އަދި މިހާރު ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް ބަތަލް އާމިރް ޚާން އާއި ޖުހީ ޗާވްލާ އެވެ. މި ފިލްމަށް އެހާ ތަރުހީބު ބޮޑުވެގެންދިޔައީ ބޮލީވުޑަށް ތަފާތު ސްޓައިލެއްގެ ފިލްމަކަށްވުމުންނެވެ. ޒުވާން އުމުރުފުރާގެ ކުދި ބައެއްގެ މެދުގައި ހިނގާ ލޯތްބާއި ޖަޒުބާތާއި އަދި ހެއްވާ ކަންތަައްތަކެއް ގެނެސްދިން މި ފިލްމާއެކު އަނެއްކާވެސް ސިނަމާތައް ފުރެން ފެށި އެވެ. މި ފިލްމު ވެގެންދިޔައީ ބޮލީވުޑްގެ ލޯބީގެ ފިލްމުތަކަށް އިންގިލާބެއް ގެނުވި ފިލްމަކަށެވެ.

އައްޑިހާގެ އަހަރުތައް ނިމި ނުވަދިހައަށް އެޅިއިރު ބޮލީވުޑްގެ އިންޖީނު ވަރަށް ހަލުވިވެއްޖެ އެވެ. "ޗާލްބާޒް"، "ޗާންދުނީ"، "މޭނޭ ޕިޔާރް ކިޔާ"، "ސާޖަން"، "ކަލްނާޔަކް"، "ޑަރް"، "ހަމް އާޕްކޭ ހެއި ކޯން"، "ދިލްވާލޭ ދުލްހަނީއާ ލޭ ޖައެންގީ"، "ދިލް ތޯ ޕާގަލް ހޭ"، "ޕިޔާރް ކިޔާ ތޯ ޑަރްނާ ކިޔާ" އަދި "ކުޗް ކުޗް ހޯތާ ހޭ" ފަދަ ފިލްމުތަކާއެކު ބޮލީވުޑް އާ ތާރީހީ ސަފުހާތަކެއް ލިޔެވެން ފެށި އެވެ. މި ފިލްމުތަކުގައި މަގުބޫލުކަން އިނގެނީ މިއަދުވެސް ފޫހިކަމެއް ނެތި ގިނަ ބަޔަކު އަދިވެސް މި ފިލްމުތައް ބަލަމުން އަންނަތީ އެވެ. އޭރު ވިދާލި ތަރިން ކަމަށްވާ ޝާހުރުކް ޚާން، ސަލްމާން ޚާން، އާމިރް ޚާން، އަކްޝޭ ކުމާރް، މާދުރީ ދިކްޝިތް، ކާޖަލް، ގޯވިންދާ، ކަރިޝްމާ ކަޕޫރް، ރާނީ މުކަރްޖީ، އަޖޭ ދޭވްގަން، އަނިލް ކަޕޫރް، ސުނިލް ސެއްޓީ، ޓުވިންކަލް ކަންނާ، ތާބޫ އަދި ޕްރިތީ ޒިންތާފަދަ ތަރިންނަކީ މިއަދުވެސް ބޮލީވުޑްގައި ގިނަ ބައެއް ލޯބި ލިބިފައިވާ މަގުބޫލު ތަރިންތަކެކެވެ.

ބޮލީވުޑް ފިލްމު އުފައްދާ މިންވަރުވެސް އޭރު ބޮޑުތައް އުފުލިގެންދިޔަ އެވެ. ކޮންމެ އަހަރަކު މަދުވެގެން 215 ބޮލީވުޑް ފިލްމުތައް އޭރު ނިކުތެވެ. ބައެއް އެކްޓަރުން ކޮންމެ އަހަރަކު 3 ފިލްމާއި 4 ފިލްމު ކުޅުނެވެ. އިންޑަސްޓްރިއަލް ޑެވެލޮޕްމެންޓް ބޭންކް އޮފް އިންޑިއާފަދަ ތަންތަނުން ހިންދީ ފިލްމުތައް އުފެއްދުމަށް ބޮޑު ހަރަދެއްކުރި އެވެ. ފިލްމުފެއާ، ސްޓާޑަސްޓް އަދި ޗައިން ބްލީޓްޒްފަދަ ބޮލީވުޑްގެ މެގަޒިންތައް ކުރިއަރައިގެންދިޔަ އެވެ. މި ކާމީޔާބީތަކުގެ ފަހަތުގައި ތިބީ ކޯލް، ކުމާރް ޝަހާނީ، ކެތަމް މެހެތާ، ގޯވިންދު ނިހަލަނީ، ސުދީޝް މިޝްރާ އަދި ނަންދިތާ ދަސްފަދަ ކުޅަދާނަ ޑައިރެކްޓަރުންނެވެ.

މުއްސަނިދި ތާރީހެއް އޮތް ދުނިޔޭގެ ދެ ވަނައަށް އެންމެ ބޮޑު ފިލްމު އިންޑަސްޓްރީ

ކުރާ މަސައްކަތާއި އުފައްދާ ފިލްމުގެ އަދަދަށް ބަލާނަމަ މިހާރު ދުނިޔޭގައި އޮތް އެންމެ ބޮޑު ފިލްމު އިންޑަސްޓްރީއަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީ ނުވަތަ އާންމު ނަމުންނަމަ އިންޑިއަން ސިނަމާ އެވެ. ދުނިޔޭގެ އެއްވެސް އެހެން ފިލްމު އިންޓަސްޓްރީއަކަށް ނުއުފެއްދޭ ވަރަށް ކޮންމެ އަހަރު އިންޑިއަން ސިނަމާއިން ފިލްމުތައް އުފައްދަ އެވެ. އެކަމަކު އިންޑަސްޓްރީ ފެށިގެން އައި ތާރީހަށް ބަލާނަމަ ދުނިޔޭގައި ދެ ވަނައަށް އެންމެ މުއްސަނދި ތާރީހެއް އޮތް އަދި އެންމެ ބޮޑު ފިލްމު އިންޑަސްޓްރީއަކީ މި އެވެ.

ކޮންމެ އަހަރަކު އިންޑިއާގައި ތަފާތު އެކި ބަސްތަކުން މަދުވެގެން 16 ހާހަށްވުރެ ގިނަ ފިލްމުތައް އުފައްދަ އެވެ. މިދިޔަ އަހަރު އެކަނިވެސް 1986 ފިލްމު އެ ގައުމުގައި އުފައްދާފައިވެ އެވެ. ދުނިޔޭގެ އެއްވެސް ފިލްމު އިންޑަސްޓްރީއެއްގެ ފިލްމުތައް ނުބަލާހާއި ގިނައިން ދުނިޔޭގެ އެކި ހިސާބުތަކުގައި މީހުން އިންޑިއާގެ ފިލްމުތައް ބަލަންވެސް ބަލަ އެވެ. އިންޑިއާގެ ފިލްމުތައް ދެއްކުމަށް 2011 ވަނަ އަހަރު އެ އިންޑަސްޓްރީން ދުނިޔޭގެ އެކި ހިސާބުތަކުގައި 3.5 ބިލިއަން ޓިކެޓް ވިއްކާފައިވެ އެވެ. މިއީ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ފިލްމު އިންޑަސްޓްރީ ހޮލީވުޑާއި އަޅާ ކިޔާނަމަ ނުވަ ލައްކައިގެ ފަރަގަކާއެކު ބޮޑު އަދަދެކެވެ.

އެންމެފަހުން 2013 ވަނަ އަހަރު އާންމުކުރި ދުނިޔޭގެ އެކި ފިލްމު އިންޑަސްޓްރީތަކުގެ އުފައްދާ ފިލްމުތަކުގެ އަދަދު ބަލާ ރިޕޯޓަކުން ހާމަވިގޮތުގައި ގިނަ ފިލްމު އުފައްދާފައި ވަނީ އިންޑިއާ އިންނެވެ. އެއަށްފަހު ދެން އެންމެ ގިނަ ފިލްމުތައް އުފެއްދީ ނައިޖީރިއާގެ ފިލްމު އިންޑަސްޓްރީ އިންނެވެ. ލިސްޓުގެ ތިން ވަނާގައި ހޮލީވުޑް އޮތްއިރު ހަތަރު ވަނާގައި އޮތީ ޗައިނާގެ ފިލްމު އިންޑަސްޓްރީ އެވެ.

ލިބޭ އާމްދަނީގެ ގޮތުން ބަލާނަމަ އިންޑިއަން ސިނަމާ އޮތީ ތިން ވަނާގަ އެވެ. މިދިޔަ އަހަރު އިންޑިއަން ސިނަމާއަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 2.1 މިލިއަން އެމެރިކާ ޑޮލަރެވެ. މިއަހަރު މި އަދަދު ހީނުކުރާހާ ވަރަށް މައްޗަށް ދާނެ ކަމަށް ބެލެވެ އެވެ. އެއީ އިންޑިއާގެ ގިނަ ފިލްމުތަކެއް ޗައިނާގެ މާކެޓުގައި ދައްކާ ބޮޑު އާމްދަނީއެއް ހޯދަމުން އަންނާތީ އެވެ. އިންޓަނޭޝަނަލް މާކެޓުގައިވެސް އިންޑިއަން ސިނަމާގެ ވިޔަފާރީ ޖުމްލަ ގޮތެއްގައި އެހެން އިންޑަސްޓްރީތަކާ އަޅާ ބަލާއިރު ރަނގަޅެވެ. އޭޝިއާގެ ގައުމުތަކާއި ޔޫރަޕް، އިނގެރޭސިވާލަތް، މެދުއިރު މަތީގެ ގައުމުތަކާއި އުތުރު އެމެރިކާ އަދި އެފްރިކާގެ ގައުމުތަކުގައި އިންޑިއާ ފިލްމުތަކުގެ މަގުބޫލުކަން ބޮޑެވެ.

އިންޑިއާގެ ފިލްމު އިންޑަސްޓްރީ ކުރިއަރާއި ގޮސް މިއަދު ބައިނަލްއަގުވާމީ ގިނަ ފިލްމު އުފައްދާ ކުންފުނިތަކުން އެ އިންޓަސްޓްރީގައި ފިލްމުތައް އުފައްދަންވެސް ވަނީ ފަށާފަ އެވެ. އެގޮތުން ވާނާ ބްރޯސް، ޓުއެންޓިއެތް ސެންޗުރީ ފޮކްސް އަދި ސޮނީ ޕިކަޗާސްފަދަ ދުނިޔޭގެ ބޮޑެތި ފިލްމު އުފައްދާ ކުންފުނިތަކުން އިންޑިއާގެ ފިލްމުތައް އުފެއްދުމަށް މިހާރު ހަރަދުކުރެ އެވެ. ފިލްމު އުފައްދާ އިންޑިއާގެ އަމިއްލަ ބޮޑެތި ކުންފުނިތައްވެސް މިހާރު ގިނަ އެވެ.