ކުޅިވަރު

ފްރާންސަށްވުރެ ޑެންމާކާ މާވަރުގަދަ: އޮސްޓްރޭލިއާ

ފްރާންސަށް ވުރެ ޑެންމާކުގައި ޓީމު ވަންތަކަން މާބޮޑަށް އެބައޮތް ކަމަށާއި ފްރާންސަށް ވުރެ ޑެންމާކާ ދެކޮޅަށް ކުޅެން އުނދަގޫވާނެ ކަމަށް އޮސްޓްރޭލިއާގެ ކޯޗް ބާޓް ވެން މާވިކް ބުނެފި އެވެ.

ގުރޫޕް ސީގެ ފުރަތަމަ މެޗުގައި، ފްރާންސާއި އޮސްޓްރޭލިއާ ބައްދަލު ކުރި މެޗުން ފްރާންސަށް ލިބުނީ އުނދަގޫ މޮޅެކެވެ. އޭނާގެ އަމިއްލަ ގައުމު ހޮލެންޑް 2010 ވަނަ އަހަރުގެ ވޯލްޑްކަަޕު ފައިނަލަށް ގެންގޮސދިން މާވިކް ބުނީ، ފްރާންސްގައި އޮތީ ވަކި ވަކި ކުޅުންތެރިންގެ ހުނަރު ކަމަށާއި ޓީމެއްގެ ގޮތުގައި ޑެންމާކު މާ ވަރުގަދަ ކަމަށެވެ.

"ޑެނިޝް އަކީ، ވަރުގަދަ ޓީމެއް އެ ޓީމު އޮތީ ދުނިޔޭގެ ރޭންކިންގެ 12 ވަނައިގައި، އޭގެއިން ބުނެދޭ ޑެންމާކުގެ ފެންވަރު އެ ޓީމާ ދެކޮޅަށް ފަސޭހަ ނުވާނެ ކަން އެނގިގެންދޭ، މާވިކް ބުންޏެވެ. "އެ ޓީމުގެ ކުޅުންތެރިންނަކީ ފިޒިކަލީ ވަރުގަދަ ބައެއް، އިސްކޮޅުން ދިގު ކުޅުންތެރިންތަކެއް، އެއީ އެމީހުންގެ އެންމެ ބޮޑު ހަތިޔާރަކަށް ވާނީވެސް، ވަކިވަކި ކުޅުންތެރިންގެ ހުނަރަށް ބެލިޔަސް އެ މުއްސަނދިކަންވެސް ޑެންމާކުގައި އެބައޮތް އެކަމަކު އަހަންނަށް ހީވަނީ އެ ޓީމަކީ މާބޮޑަށް ޓީމެއްގެ ގޮތުގައި ވަރުގަދަ ޓީމެއް ހެން."

އޭނާ ބުނީ ޑެންމާކާ ދެކޮޅަށް އޮސްޓްރޭލިއާގެ ކުޅުންތެރިން ނިކުންނަން ޖެހޭނީ ފިޒިކަލީ ވަރުގަ ގޭމަކަށެވެ. ރާއްޖޭ ގަޑިން މިއަދު ހަވީރު 5:00 ގައި ކުޅޭ މެޗުން މުބާރާތުގައި ކުޅޭ އެންމެ ޒުވާން ކުޅުންތެރިޔާ އޮސްޓްރޭލިއާގެ ޑެނިއަލް އަޒާނީ އަށް މެޗުގެ ފުރަތަމަ 11 އިން ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ.

ޑެންމާކުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ޓޮޓެންހަމް ހޮސްޕާގެ އެޓޭކިން މިޑްފީލްޑާ ކްރިސްޓިއަން އެރިކްސަން އެވެ. އެންމެ ފަހުން ޕެރޫ އާ ދެކޮޅަށް ކުޅުނު މެޗުގައި އެރިކްސަންގެ ދައުރު ކުޑަ ކަމަށް ބުނެ އޭނާ އަށް ފާޑު ކިޔުން އަމާޒުވި އެވެ. ނަމަވެސް އެ މެޗުގައި ޑެންމާކުގެ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީވެސް އެރިކްސަން އެވެ. އެރިކްސަންގެ ދިފާއުގައި ޑެންމާކުގެ ކޯޗް އާރައިޑޭ ވަނީ ވާހަކަ ދައްކާފަ އެވެ.

"ކްރިސްޓިއަން [އެރިކްސަން] އަކީ ގޭމް ބަދަލު ކޮށްލެވޭ ފެންވަރުގެ ކުޅުންތެރިޔެއް، މެޗުގައި އޭނާގެ ދައުރު ބޮޑު ކުރުމަށް އަހަރެމެން މަސައްކަތް ކުރާނަން،" ނޯވޭއަށް އުފަން ކޯޗް ބުންޏެވެ.

"އިދިކޮޅު ޓީމު ތިބޭނީ އޭނާ ހުއްޓުވަން ތައްޔާރުވެގެން އަދި އޭނާ އާ މެދު ވަރަށް ސާމާލު ވާނެ، ނަމަވެސް އޭނާއަށްވެސް އެކަން އެނގޭނެ އޭނާ ހުރީ ޕްރިމިއާ ލީގްގައި ހުރި ފޯމުގައި ނޫންތަ."