ކުޅިވަރު

ފްރާންސްއާއެކު ޑެންމާކް ވެސް ދެވަނަ ބުރަށް

ފްރާންސާއި، ޑެންމާކު އެއްވަރުވުމުން، ގުރޫޕް "ސީ" ގެ ގަދަ ދެ ޓީމުގެ މާގަމަށް ބަދަލެއް ނައިސް ގުރޫޕް މެޗުތައް ނިމިއްޖެ އެވެ. މިރޭ މެޗު ނިމުނީ ލަނޑެއް ނުޖެހި އެވެ.

ކުރިން ކުޅުނު ދެ މެޗުން ވެސް މޮޅުވެފައި އޮތުމުން، މެޗަށް ނުކުތް އިރުވެސް ފްރާންސް އޮތީ ގުރޫޕްގެ އެއް ވަނައިގަ އެވެ. ޑެންމާކު ކުރިން ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވުމުން، މެޗަށް ނުކުތް އިރު އެ ޓީމަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ފްރާންސް އަތުން މޮޅުވިނަމަ، ގުރޫޕްގެ އެއްވަނަ ޑެންމާކަށް ހޯދުނީހެވެ.

ދެވަނަ ބުރުގައި، ފްރާންސް ވާދަ ކުރަނީ ގުރޫޕް "ޑީ" ގެ ދެވަނަ ޓީމާ ދެކޮޅަށެވެ. ޑެންމާކު ވާދަ ކުރާނީ ގުރޫޕް "ޑީ" ގެ އެއް ވަނަ ޓީމާ ދެކޮޅަށެވެ. އެ ޓީމަކަށް ވެގެންދާނީ ކޮރޭޝިއާ ނުވަތަ ނައިޖީރިއާ އެވެ.

ފްރާންސް ދެވަނަ ބުރުގައި، ކުޅޭ މެޗު އޮންނާނީ، ރާއްޖޭ ގަޑިން އަންނަ ހޮނިހިރު ދުވަހު އިރުއޮއްސި 7:00 ގަ އެވެ. ޑެންމާކު ދެ ވަނަ ބުރުގައި ކުޅޭ މެޗު އޮންނާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 11:00 ގަ އެވެ.

މި ގުރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ، އޮސްޓްރޭލިއާ އާއި ޕެރޫ މެޗު ނިމުނީ 2-0 ން ޕެރޫ މޮޅު ވެގެންނެވެ. ޕެރޫ މޮޅުވި ނަމަވެސް އެޓީމަށް ދެވަނަ ބުރަކަށް ނުދެވުނެވެ. ގޫރުޕްގެ ފުލުން އެ ޓީމަށް ސަލާމަތް ވެވުނީ އެވެ. ގުރޫޕްގެ ފުލަށް ވެއްޓުނީ އޮސްޓްރޭލިއާ އެވެ.

މިރޭ ދެން އޮންނާނީ ގުރޫޕް "ޑީ" ފަހު މެޗުތަކެވެ. ގުރޫޕްގެ އެއް ވަނައިގައި މިވަގުތު އޮތް، ކޮރޭޝިއާ ވާދަ ކުރާނީ އައިސްލެންޑާ ދެކޮޅަށެވެ. މި ވަގުތު އެ ގުރޫޕްގެ ދެ ވަނައިގައި އޮތް ނައީޖީރިއާ ނުކުންނާނީ އާޖެންޓީނާ އާ ދެކޮޅަށެވެ.

ފޮޓޯ: ފީފާ