ކުޅިވަރު

ޕެރޫ މޮޅަކުން ނިންމާލައިފި، އޮސްޓްރޭލިއާ ގުރޫޕުގެ ފުލަށް

ޕެރޫ އަތުން 2-0 ބަލިވެ، ގުރޫޕް "ސީ" ގެ ފުލަށް ވެއްޓި އޮސްޓްރޭލިއާ މުބާރާތް ނިންމާލައިފި އެވެ.

ކުރިން ދެ މެޗުން ވެސް ބަލިވެ، މެޗަށް ނުކުތް އިރުވެސް ޕެރޫ އޮތީ މުބާރާތުން ކަޓާފަ އެވެ. ޕެރޫ މުބާރާތް ނިންމާލީ މޮޅަކާއެކު އެވެ.

ޑެންމާކާއި ފްރާންސް މެޗުން ޑެންމާކު ބަލިވެ، ޕެރޫ އަތުން އޮސްޓްރޭލިއާ މޮޅުވިނަމަ ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮސްޓްރޭލިއާއަށް ވެސް ލިބުނީހެވެ.

އެ ގުރޫޕުން ދެ ވަނަ ބުރަށް ދިޔައީ ގުރޫޕްގެ އެއް ވަނަ ހޯދި ފްރާންސާއި ޑެންމާކެވެ. އެ ދެ ޓީމު މިއަދު ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ދެ ވަނަ ބުރުގައި، ފްރާންސް ވާދަ ކުރަނީ ގުރޫޕް "ޑީ" ގެ ދެ ވަނަ ޓީމާ ދެކޮޅަށެވެ. ޑެންމާކު ވާދަ ކުރާނީ ގުރޫޕް "ޑީ" ގެ އެއް ވަނަ ޓީމާ ދެކޮޅަށެވެ. އެ ޓީމަކަށް ވެގެންދާނީ ކޮރޭޝިއާ ނުވަތަ ނައިޖީރިއާ އެވެ.

ފްރާންސް ދެ ވަނަ ބުރުގައި، ކުޅޭ މެޗު އޮންނާނީ، ރާއްޖޭ ގަޑިން އަންނަ ހޮނިހިރު ދުވަހު އިރުއޮއްސި 7:00 ގަ އެވެ. ޑެންމާކު ދެ ވަނަ ބުރުގައި ކުޅޭ މެޗު އޮންނާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 11:00 ގަ އެވެ.

ޕެރޫއިން ވަނީ މެޗުގެ 18 ވަނަ މިނެޓްގައި ލީޑް ނަގާފަ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެންޑްރޭ ކެރިޔޯ އެވެ. އޭނާ ލަނޑު ޖެހީ ކެޕްޓަން ޕައުލޯ ގަރޭރޯ އެވެ. ޕެރޫގެ ދެވަނަ ލަނޑު ގަރޭރޯ ކާމިޔާބު ކުރީ މެޗުގެ 50 ވަނަ މިނެޓްގަ އެވެ.