ކިލިޔަން އެމްބަޕޭ ކާމިޔާބު ކުރި ލަނޑުން 1-0 ގެ ނަތީޖާ އަކުން މޮޅުވެ ވޯލްޑް ކަޕުގެ ގަދަ 16 އަށް ފްރާންސް ދަތުރު ކޮށްފި އެވެ.
ފްރާންސް އަތުންވެސް ބަލިވެ، މުބާރާތުގައި ކުރިއަށް ދިއުމުގެ ދޮރު ޕެރޫ އަށް ވަނީ ބަންދު ވެފަ އެވެ. ސާޅިހަކަށް އަހަރު ފަހުން ވޯލްޑް ކަޕަށް އައި ޕެރޫ ފުރަތަމަ ކުޅުނު މެޗުގައި ބަލިވީ ޑެންމާކު އަތުންނެވެ. މިއަދު އޮސްޓްރޭލިއާ އާއި ޑެންމާކު ބައްދަލު ކުރި މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.
ކުޅުނު ދެ މެޗުން މޮޅުވެ ފްރާންސް ވަނީ ހަ ޕޮއިންޓް ހޯދާފާ އެވެ. ޑެންމާކަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. އޮސްޓްރޭލިއާ އަށް އެއް ޕޮއިންޓެވެ. މި ގުރޫޕްގައި ކޮންމެ ޓީމަކަށްވެސް އޮތީ އެއް މެޗެވެ. ދެ ވަނަ ބުރަށް ދިއުމުގެ ދެ ވަނަ ފުރުސަތު ލިބޭނީ ޑެންމާކު ނުވަތަ އޮސްޓްރޭލިއާ އަށެވެ.
ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ ދެކޮޅަށް، ފްރާންސަށް އުނދަގޫވި ނަމަވެސް މިރޭގެ މެޗު ފްރާންސް ފެށީ ގިނަ ކަންތައްތަކެއް ރަނގަޅު ކޮށްގެންނެވެ. އުސްމާން ޑެމްބެލޭގެ ބަދަލުގައި އޮލިވާ ޖިރޫޑަށް ފުރަތަމަ 11 އިން ފުރުސަތު ދިނުމުން، ފްރާންސްގެ އެޓޭކްުތައް ރަނގަޅުވި އެވެ.
މެޗުގެ 34 ވަނަ މިނެޓްގައި ފްރާންސްގެ ލަނޑު އެމްބަޕޭ ކާމިޔާބު ކުރުމުގައި ޖިރޫޑް ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވެދެ ޖިރޫޑް މަސައކަތް ކުރީ އޭރިއާ ތެރެއަށް ނަގައިދޭށެވެ. އޭނާ ގޯލް ކުރިމައްޗަށް ނެގި ބޯޅަ ދިޔައީ ޕެރޫގެ ކުޅުންތެރިޔެއްގެ ގައިގައި ޖެހިފަ އެވެ. އޭރު ޕެރޫގެ ކީޕަރު ޕެޑްރޯ ގެލޭސޭ އޮތީ ބޯޅައަށް ކުރިއަށް ނިކުމެ އެވެ. އެހެންވެ އެމްބަޕޭއަށް ބޯޅަ ފޮނުވާލަށް ލިބުނީ ހުސްކޮށް އޮތް ގޯލެވެ.
އެމްބަޕޭއަކީ، ވޯލްޑްކަޕުގައި ފްރާންސަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އޭނާގެ އުމުރަކީ 19 އަހަރެވެ.
މުޅި މެޗުގައިވެސް ޕެރޫއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ފުރަތަމަ ހާފުގައި ޕެޑްރޯ އަކީނިއޯ އަށެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ކަނާދިމާލުން ގޯލްގެ ދަނޑި އަށެވެ.
ޕެރޫއިން ވަނީ ޑެންމާކާ ދެކޮޅަށް ކުޅުނު ކުޅުން ފްރާންސާ ދެކޮޅަށް ދެ ވަނަ ހާފުގައި ތަކުރާރު ކޮށްފަ އެވެ. އެ ޓީމުގެ ކެޕްޓަން ޕައުލާ ގަރޭރޯ އަށްވެސް ވަނީ ދެ ފުރުސަތެއް ލިބިފަ އެވެ.
ދެ ވަނަ ހާފުގައި އެ ޓީމުން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޖެފާސަން ފާފަން އަށެވެ. އެންޑްރޯ ކެރިއޭރޯ އޭރިއާ ތެރެއަށް ނަގައިދިނުމުން ފާފަން ޖެހި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދާގަނޑަށެވެ.
މެޗުގެ އެންމެ ފަހު ވަގުތުގައި ޖިރޫޑަށް ވާނީ ރަނުގެ ފުރުަތެއް ލިބިފަ އެވެ. ޕެރޫގެ އޭރިއާގެ ތެރެއިން އޭނާ އަށް ލިބުނު ފުރުސަތު ޖަހަޖަހައި އޮއްވާ ޕެރޫ ޑިފެންޑަރު ވަނީ އެބޯޅަ ބޭރުކޮށލްާފަ އެވެ.