ކުޅިވަރު

ވީއޭއާރުގެ އެހީގައި އޮސްޓްރޭލިއާ ޑެންމާކު ހިފަހައްޓައިފި

ވީއޭއާރްގެ އެހީގައި ދިން ޕެނަލްޓީން މެޗުގެ ނަތީޖާ 1-1 ން އެއްވަރުކޮށް، އޮސްޓްރޭލިއާއިން ޑެންމާކު ހިފަހައްޓައިފި އެވެ.

ޑެންމާކުން ލަނޑު ޖެހީ މެޗު ފެށިގެން ހަތް ވަނަ މިނެޓްގަ އެވެ. އެ ލަނޑު ކާމިޔާބު ކުރީ ކްރިސްޓިއަން އެރިކްސަން އެވެ. ނިކޮލައި ޔުރުގެންސެން ތަނަވަސް ކޮށްދިން ފުރުސަތަކުން ތަނަވަސްވި ބޯޅަ އެރިކްސަން ފޮނުވާލީ އޮސްޓްރޭލިއާގެ ކީޕަރު މެތިއު ރަޔަން ހުރި ދިމާލަށެވެ. ބޯޅަ ދިޔައީ މެތިއު ބޯމަތިންނެވެ.

އޮސްޓްރޭލިއާއަށް ޕެނަލްޓީ ލިބުނީ، އެ ޓީމުން މެޗުގެ 36 ވަނަ މިނެޓްގައި ނެގި ކޯނަރެއް އޮސްޓްރޭލިއާގެ ކުޅުންތެރިން ބޮލުން ފޮނުވާލުމުން، ޕެނަލްޓީ އޭރިއާ ތެރެއިން އެބޯޅަ ދިފާއު ކުރަން އެރި ޑެންމާކުގެ ކުޅުންތެރިޔެއްގެ އަތުގައި ޖެހުމުންނެވެ.

މެޗުގެ ރެފްރީ، ސްޕެއިންގެ އެންޓޯނިއޯ މެޓިއު ވީއޭއާރް ބަލަން ދިޔައީ ޑެންމާކުން ބޯޅަ ހިފައިގެން އޮސްޓްރޭލިއާގެ ޕެނަލްޓީ އޭރިއާ އާ އަރާ ހަމަވެފައި ވަނިކޮށެވެ. ވީއޭރު ބެލުމަށް ފަހު އޭނާ ނިންމީ އޮސްޓްރޭލިއާއިން ޕެނަލްޓީ ޖެހުމަށެވެ.

މެޗުގެ 37 ވަނަ މިނެޓްގައި އޮސްޓްރޭލިއާގެ ޕެނަލްޓީ ކާމިޔާބު ކުރި މިލޭ ޔަޑިނިކް އެވެ. ފްރާންސް އަތުން 2-1 ބަލި މެޗުގައިވެސް އޮސްޓްރޭލިއާ ލަނޑު ކާމިޔާބު ކުރީ ޕެނަލްޓީ އަކުންނެވެ.

ދެ ވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ތަނަވަސް ވެފަ އެވެ. މެޗުގެ 70 ވަނަ މިނެޓްގައި އޮސްޓްރޭލިއާގެ އާރޮން މުއީ އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ ދިޔައީ ޑެންމާކުގެ ގޯލްގެ ކަނާދިމާލުން ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗުގެ 72 ވަނަ މިނެޓްގައި ޑެންމާކުގެ ޕިއޯނޭ ސިސްޓޯ، އޮސްޓްރޭލިއާގެ އޭރިއާގެ ތެރެއިން ފޮނުވާލި ބޯޅަ ދިޔައި ގޯލް ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 87 ވަނަ މިނެޓްގައި އޮސްޓްރޭލިއާއިން ނެގި ހުރަހެއްގައި ގެ މެތިއު ލިކޭ ފޮނުވާލި ބޯޅަ ޑެންމާކުގެ ކީޕަރު ކެޝްޕާ ޝްމައިކަލް ދިފާއު ކުރީ ގޯލްތެރެއަށް ވަދަވެ އޮއްވަ އެވެ. އޭގެ އެއް މިނެޓް ފަހުން ޑެންމާޚުގެ އެރިކްސަން އަށް ލިބުނު ބޯޅަވެސް ބޭނުމެއް ނުކުރެވުނެވެ.

މިގުރޫޕުން، މިހާރު އެއް ވަނައިގައި އޮތީ ޑެންމާކެވެ. އެ ޓީމަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ދެ ވަނަ އިގައި ތިން ޕޮއިންޓާއެކު އޮތީ ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ ބަލި ކުރި ފްރާންސެވެ. މިރޭ އެ ޓީމުން ނިކުންނާނީ ޕެރޫ އާ ދެކޮޅަށެވެ.