ކުޅިވަރު

ޕެނަލްޓީގައި ޑެންމާކު ބަލިކޮށް ކޮރޭޝިއާ ކުއާޓާއަށް

ޕެނަލްޓީގައި 3-2 ން ޑެންމާކުގެ މައްޗަށް ކާމިޔާބު ހޯދައި ކޮރޭޝިއާއިން ވޯލްޑްކަޕުގެ ކްއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މިފަހަރު ވޯލްޑްކަޕުގައި ފެނިގެން ދިޔަ އެންމެ އަވަސް ލަނޑު، ޑެންމާކުގެ މެތިއަސް ޖޮޖަންސަން ކާމިޔާބު ކުރީ މެޗު ފެށިގެން 50 ވަނަ ސިކުންތުގަ އެވެ. އެ ލަނޑު ޖެހުމުގައި ޑިލޭނީ ބޮޑު ދައުރެއް އޮތެވެ.

ލީޑް ނަގައިގެން، ޑެންމާކަށް ހަމަޖެހި ނުލެވެނީސް ކޮރޭޝިއާ އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ހަތަރު ވަނަ މިނެޓްގައި، ކޮރޭޝިއާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މާރިއޯ މަންޒޫކިޗެވެ.

މެޗަށް ބަލާއިރު، ގޯލަށް ފޮނުވާލި ހަމަލާތަކުގައި ބޮޑަށް ފެނުނީ ކޮރޭޝިއާއިން ނުރައްކާ ކުރި ތަނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް 1-1 ން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރެން ކުޅުނު އެކްސްޓްރާ ޓައިމްގައިވެސް ނަތީޖާއަށް ބަދަލެއް ނުގެނެވުނެވެ.

ނަމަވެސް އެކްސްޓްރާ ޓައިމްގެ ދެ ވަނަ ހާފު ނިމެން ދަނިކޮށް، ކޮރޭޝިއާއަށް ވަނީ ނަތީޖާ ބަދަލު ކޮށްލުމަށްޓަކައި ޕެނަލްޓީއެއް ލިބިގެން ގޮސްފަ އެވެ. ކެޕްޓަން ލުކަ މޮޑްރިޗް ފޮނުވާލި ޕެނަލްޓީ ޑެންމާކް ކީޕަރު ކެޝްޕާ ޝްމައިކަލް ސޭވް ކުރީ އެވެ. އެ ޕެނަލްޓީ އަކީ، ޑެންމާކުގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ އެންޓޭ ރަބިކް އަށް، ޑެންމާކްގެ ޖޯގަންސެން ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.

ޕެނަލްޓީ ޝޫޓްގައި ދެ ޓީމުންވެސް ޖެހި ފުރަތަ،މަ ޕެނަލްޓީ، އިދިކޮޅު ޓީމުގެ ކީޕަރުން ދިފާއު ކުރީ އެވެ. ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން ޖެހި ޕެނަލްޓީ، ކޮރޭޝިއާގެ ކީޕަރު ޑެނިއަލް ސްބަޝިޗް ދިފާއު ކުރީ އެވެ. ކޮރޭޝިއާގެ މިލާން ބަޑްލުޖް ފޮނުވާލި ޕެނަލްޓީ ޝްމައިކަލް ދިފާއު ކުރީ އެވެ.

ޕެނަލްޓީ ޝޫޓް އައުޓްގައި، މޮޑްރިޗްވެސް ވަނީ ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. ދެން ކޮރޭޝިއާގެ ޕެނަލްޓީތައް ކާމިޔާބު ކުރީ ކްރަމަރިޗް އާއި އީވާން ރަކިޓިޗް އެވެ. ކޮރޭޝިއާ މޮޅު ކޮށްދިން، ޕެނަލްޓީ ކާމިޔާބު ކުރީ، ރަކިޓިޗް އެވެ.

އޭގެ ކުރިން ޝްބަޝިޗް ވާނީ ޑެންމާކުގެ ޖޯގަންސެން ފޮނުވާލި ޕެނަލްޓީ ދިފާއު ކޮށްފަ އެވެ. އަދި ލާސަ ސޯން ޖެހި ޕެނަލްޓީވެސް ޝްބަޝިޗް ދިފާއު ކުރި އެވެ. ކޮރޭޝިއާގެ ޖޮސިޕް ޕިވަރިޗް ފޮނުވާލި ޕެނަލްޓީ ޝްމައިކަލް ދިފާއު ކުރީ އެވެ. ޑެންމާކުގެ ޕެނަލްޓީ ކާމިޔާބު ކުރީ ސައިމަން ކަޖާ އާއި މައިކަލް ކޯ ޑެލީ އެވެ.

ކްއާޓާ ފައިނަލުގައި ކޮރޭޝިއާ ނިކުންނާނީ މިރޭ ސްޕެއިން ބަލިކޮށް ކްއާޓާގެ ޖާގަ ހޯދި، މުބާރާތް ބާއްވާ ގައުމު ރަޝިއާއާ ދެކޮޅަށެވެ.