ހަބަރު

ކިތާބީ ހެކި ހުށަހަޅަން ފާރިސްއަށް ފުރުސަތުދީ، ހުލާސާ ބަޔާން ފަސްކޮށްފި

Jun 21, 2018

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނަށް އުފުލާފައިވާ ޝަހުސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތުގައި ކިތާބީ ހެކި ހުށަހަޅަން ފުރުސަތުދީ، އެ މައްސަލާގެ ހުލާސާ ބަޔާން އިއްވުން ފަސްކޮށްފި އެވެ.

މިއަދު މި މައްސަލާގައި ތާވަލުކުރި އަޑުއެހުމަކީ ހުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެވެ. ނަމަވެސް އަޑުއެހުން ފެށުމާއެކު ފާރިސްގެ ވަކީލުން ވަނީ ކިތާބީ ހެކި ޝަރީއަތަށް ހުށަހަޅައި ވާހަކަ ދައްކަން ފުރުސަތު ލިބިފައިނުވާކަން ފާހަގަކޮށް އެކަމަށް ފުރުސަތު ދެއްވުމަށް އެދިފަ އެވެ. އެހެންނޫނީ ހުލާސާ ބަޔާން ނުއިއްވާނެކަން ފާހަގަކުރި އެވެ.

އެކަމަށް ދައުލަތުން ވެސް އިއުތުރާޒު ނުކުރާތީ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ އެ ފުރުސަތު ދެއްވާފަ އެވެ.

ފާރިސްގެ ފަރާތުން ކިތާބީ ހެކީގެ ގޮތުގައި މި މައްސަލާގައި 27 ހެއްކެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި މައްސަލާގެ ތަހުގީގު ވީޑިއޯ ރެކޯޑިން އާއި މައްސަލަ ބަލައިދޭން ޕީޕީއެމްއިން ފުލުހަށް ފޮނުވި ސިޓީ އާއި ޕީޕީއެމްއިން ވަކިކުރުމާ ގުޅިގެން އިލެކްޝަން ކޮމިޝަނުން އެކި ފަރާތްތަކަށް ފޮނުވާފައިވާ ސިޓީތަކާއި ޕާޓީން ވަކިކުރި ފަހުން ވެސް އޭނާ މަޖިލީހުގައި ޕީޕީއެމް ތަމްސީލްކުރިކަން އެނގޭ ލިޔުންތައް ހިމެނެ އެވެ.

މީގެއިތުރުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގްގެ ކެމްޕެއިން ފޮޓޯތައް ވެސް ހިއްސާކުރި އެވެ. އެއީ އެ ދެ ބޭފުޅުން އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވިއިރު ޕީޕީއެމްގެ ދިދަ ބޭނުންކޮށްފައިވާކަން ސާބިތުކުރުމަށެވެ. ފާރިސް ކުރީ ކުށެއް ނޫންކަން ސާބިތުކުރުމަށެވެ.

މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އެމްޑީޕީއިން ވަކިކުރުމުން ވެސް އޭނާގެ ނަން އެ ޕާޓީގެ ދަފުތަރުގައި އޮތް ކަމާއި އޭނާއަށް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ވަގުތުދީފައިވާކަން ސާބިތުކުރުމަށް ލިޔުންތަކެއް ވެސް ހުށަހެޅި އެވެ.

ކިތާބީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކާ ނިންމުމުން ގާޒީ ވަނީ ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުންކަން ހާމަކުރައްވާފަ އެވެ. އެގޮތުން އަންނަ ހޯމަ ދުވަހަށް އެ އަޑުއެހުން ތާވަލުކުރި އެވެ.

މި މައްސަލަ ފާރިސްގެ މައްޗަށް ސާބިތުވެއްޖެނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.