ހަބަރު

އެއް ކެނޑިޑޭޓެއް ނެރުމަށް ޕާޓީތަކުގެ ވާދަވެރިކަން އެއްފަރާތް ކުރަންޖެހޭ: އަދާލަތު

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މެދުގައި އޮންނަ ވާދަވެރިކަން ދޫކޮށް ގައުމުގެ އެންމެ މަތީ މަސްލަހަތުތައް އިސްކޮށް އެއް ކެނޑިޑޭޓަކު ނެރުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.

އަދާލަތު ޕާޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ، ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ގާއިމްކޮށްފައިވާ މިނިވަން ޖުމްހޫރީ ވެރިކަން ހިންގުމުގެ ނިޒާމް އަލުން އަނބުރާ އިއާދަކުރަން ޖެހޭ ކަމަށެވެ. އަދި ވަކިވަކި ފަރުދުންނަށާއި މަދުބައެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް ގާނޫނުތައް ހެދުމުގެ ސަގާފަތް ހުއްޓުވުމާއި ރައްޔިތުންގެ ވިންދާއި ގައުމުގެ މަސްލަހަތަށް ރިއާޔަތް ކުރެވޭނެހެން ގާނޫނުތައް ފަރުމާ ކުރެވޭނެ ރައްޔިތުންގެ މަޖިލީހެއް އަލުން އަނބުރާ ހިންގަން ޖެހޭ ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، ނުފޫޒުން އެއްކިބާވެފައިވާ އަދުލު އިންސާފާއި ހަމަހަމަކަން ގާއިމް ކުރެވޭނެ ޝަރުއީ ނިޒާމެއް ގާއިމް ކުރުމަށާއި ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ސަލާމަތީ ބާރުތަކުގެ ގާނޫނީ ހައިސިއްޔަތު ނަގަހައްޓަންޖެހޭ ކަމަށެވެ. އަދި ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ދެފުށްފެންނަށް މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ހުރިހާ ދޮރެއް ބަންދުވެފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

"... ގުޅިފައިވާ ސިޔާސީ ވަކިވަކި ޕާޓީތަކުގެ މެދުގައި އަބަދުހެންމެ އޮންނަ ތަބީއީ ވާދަވެރިކަމާއި ޕާޓީތަކުގެ ވަކިވަކި އަމާޒްތައް މިހިނދަށް އެކަހެރިކޮށް ގައުމުގެ މަތީ މަސްލަހަތުތައް އިސްކޮށް ރައީސް ޔާމީން ކިބައިން މުޅި ދިވެހި ދައުލަތަށް ކުރިމަތިވެފައިވާ މުސީބާތްތަކުން ސަލާމަތް ކުރުމަށާއި ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުމަށާއި ރިޔާސީ އިންތިހާބުގައި ކުރިމަތިވެދާނެ ހުރިހާ ގޮންޖެހުންތަކަށް އެކުގައި ކުރިމަތިލުމަށް ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އެއް ކެނޑިޑޭޓަކު ނެރުން ކޮންމެހެންވެސް މުހިންމު" ބަޔާނުގައި ވެއެވެ.

އަދާލަތު ޕާޓީން ބުނީ، ޕާޓީތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް ބައެއް ޕާޓީތަކުގެ ކޮންގްރެސް ބޭއްވިގެންދާކަމީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ޕާޓީތަކުގެ އެތެރޭގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު ގުޅިގެން މަސައްކަތްތައް ކާމިޔާބު ކުރެވޭނެ ގޮތަކަށް ބައްޓަން ކުރުމަށްވެސް އަދާލަތުން ގޮވާލާފައި ވެއެވެ.