މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން

މަޖިލިސް އިންތިހާބުގައި ޕާޓީތައް އެކުގައި ވާދަކުރާ ފޯމިއުލާ އުއްމީދީ ވާނެ: ލީޑަރުން

Nov 29, 2018
8

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޕާޓީތައް ގުޅިގެން ވާދަކުރުމާ މެދު މިއަދު ބޭއްވި ބައްދަލުވުމުގައި ވެސް ލީޑަރުންނަށް އެއްބަސްވުމަކަށް ނާދެވި، އެކަމުގައި ފޯމިއުލާއެއް ނެރުން އަނެއްކާ ވެސް ފަސްކޮށްފި އެވެ. އެހެން ނަމަވެސް ލީޑަރުން ބައްދަލުވުމަށް ފަހު ވިދާޅުވަނީ، އެބޭފުޅުން ނެރޭ ފޯމިއުލާއިން ރައްޔިތުންނަށް އުންމީދު އާކޮށްދޭނެ ކަމަށެވެ.

ގަޑިއެއްހާ އިރު ވަންދެއް އެމްޑީޕީ އޮފީހުގައި ކުރިޔަށް ދިޔަ މަޝްވަރާ ބައްދަލުވުންތަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުން މަޖިލީހާ ގުޅޭ ގޮތުން ނިންމަވާނީ ހުރިހާ ޕާޓީތަކުގެ ލީޑަރުންނަށް އެއްބަސްވެވޭ ގޮތަކަށް ކަމަށެވެ. އެގޮތުން މާދަމާ މަޝްވަރާތައް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ނިންމާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި ރާއްޖޭގެ ރައްޔިތުންނަށް އެ ރައްޔިތުން ބޭނުންވާ، އިހްތިޔާރު ކުރާ ގޮތަށް އެ ރައްޔިތުންނަށް އިންތިހާބުތަކުގައި ބައިވެރި ނުވެވޭ ގޮތަކަށް އަޅުގަނޑުމެން ވިސްނަވަމަކުންނެއް ނުގެންދަން،" ނަޝީދު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ ރައްޔިތުން މަޔޫސް ނުވާ ފޯމިއުލާއެއް ނެރޭނެ ކަމަށާއި އެހެން ޕާޓީތަކުގެ ވާހަކަތައް އެ ޕާޓީ އިން ތާއީދު ކުރާ ކަމަށެވެ. އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ ވެސް ވިދާޅުވީ އެންމެނަށް އެއްބަސްވެވޭ ގޮތަކަށް މަސައްކަތްތައް
ނިންމަވާނެ ކަމަށެވެ.