ކުޅިވަރު

ބްރެޒިލް ހުއްޓުވާނެ ހާއްސަގޮތެއް ކޮސްޓަރިކާއިން ރާވައިފި

ބްރެޒިލް އާއި އެ ޓީމުގެ ފޯވަޑް ނޭމާ ހުއްޓުވާނެ ހާއްސަ ގޮތެއް ކޮސްޓަރިކާ އަތުގައި އެބައޮތް ކަމަށް ކޮސްޓަރިކާގެ ކޯޗް އޮސްކާ ރަމިރޭޒް ބުނެފި އެވެ.

ސްވިޒަލެންޑާ ދެކޮޅަށް ބްރެިލް ކުޅުނު މެޗުގައި، ސްވިޒަލޭންޑްގެ ކުޅުންތެރިން އަމާޒު ކުރީ ނޭމާ ހުއްޓުވުމަށެވެ. ސްވިޒަލޭންޑްގެ ކުޅުންތެރިން ނޭމާއަށް ގިނަ ފައުލުތަކެއް ކުރި އެވެ. ނަމަވެސް ރަމިރޭޒް ބުނީ ނޭޟަ ހުއްޓުވަން ފިޒިކަލީ މަސައްކަތް ނުކުރާނެ ކަމަށެވެ.

"ނޭމާ އަކީ ވަރަށް މޮޅު ކުޅުންތެރިޔެއް ބައެއް މީހުން ނޭމާ ހުއްޓުވާކަށް ފިޒިކަލީ މާބޮޑަށް ތައްޔާރުވޭ،" ރަމިރޭޒް ބުންޏެވެ. "އަހަރެމެންގެ އޮތީ އަހަރެމެންގެ އަމިއްލަ ގޮތެއް، ބަލަމާ ހިނގާ ކިހިނެއްތޯ އަހަރެމެން ކަންތައް ކުރަނީ."

"ފަހަރެއްގައި ނޭމާ އަށް އަހަރެމެންގެ ދެ މީހުން ތިބެދާނެ، ނަމަވެސް އަހަރެމެން ބޭނުމެއް ނޫން ފިޒިކަލީ ވިއްދައިގެން އޭނާ ހުއްޓުވާކަށް، އަދި ބަލައި ނުގަނެވޭ ކަހަލަ ގޮތަކަށްވެސް އޭނާ އާ މެދު ކަންތައްތަކެއް ނުކުރާނެ، އަހަރެމެންގެ ކުޅުންތެރިންނަށް އެނގޭނެ ހަދަން ޖެހޭ ގޮތަކީ ކޮބައިކަން."

ބްރެޒިލް އާއި ކޮސްޓަ ރިކާ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ހަވީރު 5:00 ގަ އެވެ. މެޗާ ބެހޭޣޮތުން ބްރެޒިލްގެ ކޯޗް ޓީޓޭ ބުނީ، ސްވިޒަލޭންޑާ ދެކޮޅަށް ނެރުނު ފުރަތަމަ 11 އަށް ބަދަލު ނުގެންނާނެ ކަމަށެވެ.