ކުޅިވަރު

ކޮސްޓަރިކާ ބަލިކޮށް ބްރެޒިލް ގަދަ 16 އާ ކައިރިއަށް

މެޗުގެ އެންމެ ފަހު ވަގުތު ކޮޅުގައި ކޮސްޓަރިކާ ކޮޅަށް ކާމިޔާބު ކުރި ދެ މޮޅުވެ، ވޯލްޑްކަޕުގެ ގަދަ 16 އަށް ދިއުމުގެ އުންމީދު ބްރެޒިލް ބޮޑު ކޮށްފި އެވެ.

ބްރެޒިލު މެޗުން މޮޅުވުމުން، އެ ޓީމަށް ވަނީ ހަތަރު ޕޮއިންޓާއެކު ގުރޫޕްގެ އެއް ވަނަ ލިބިފަ އެވެ. މިރޭ ސާބިއާ އާއި ސްވިޒަލޭންޑް ކުޅޭ މެޗު އެއްވަރު ވެއްޖެނަމަ ބްރެޒިލަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނެ އެވެ.

ފުރަތަމަ ހާފުގައި ގޯލައާ ސީދާކޮށް ބްރެޒިލަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ފުރަތަމަ ހާފުގައި ބްރެޒިލަށް ވުރެ ރަނގަޅު ފުރުސަތެއް ލިބުނީ ކޮސްޓަރީކާ އަށެވެ. ނަމަވެސް ދެ ވަނަ ހާފުގައި ބްރެޒިލުން ދިޔައީ ފުލުފުލުގައި ކޮސްޓަރިކާގެ ގޯލަށް ނުރައްކާ ކުަރަމުންނެވެ.

ދެ ވަނަ ހާފުގައި، ނޭމާގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނުނެވެ. އޭނާ އަށް ގޯލް ޖަހަން ލިބުނު ދެ ފުރުސަތު ވެސް ބޭނުމެއް ނުކުރެވުނެވެ. ކޮސްޓަރިކާގެ ޑިފެންސްގެ ތެރެއިން ދެމިގަނެގެން ގޮސް ޕެނަލްޓީ އޭރިއާގެ ބޭރުން ނޭމާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ދެ ވަނަ ހާފުގައި، ފިލިޕޭ ކްޓީނިއޯއަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ބާރު ބޯޅައެއް ފޮނުވާލެވުނީ، ސީދާ ކޮސްޓަރިކާގެ ކީޕަރު ކޭލޯ ނާވަސް ހުރި ދިމާލަށެވެ. ބްރެޒިލްގެ ދެ ހަމަލާއެއް ދަނޑިއަށް އަމާޒުވި އެވެ.

ދެ ވަނަ ހާފުގައި، ކޮސްޓަރިކާގެ ޕެނަލްޓީ އޭރިއާަގެ ތެރެއިން، ކޮސްޓަރިކާގެ ޑިފެންޑަރުން ނޭމާ އަށް ޗާޖު ކުރުމުން ރެފްރީ ޕެނަލްޓީ އަކަށް ދެއްކި އެވެ. ނަމަވެސް ކޮސްޓަރިކާގެ ކުޅުންތެރިން އެޕީލް ކުރުމުން، ވީއޭއާރް ބެލުމަށް ފަހު ރެފްރީ ނިންމީ ޕެނަލްޓީ އެއް ނޫން ކަމަށެވެ.

ބްރެޒިލްގެ ފުރަތަމަ ލަނޑު ފިލިޕޭ ކްޓީނިއޯ ކާމިޔާބު ކުރީ މެޗުގެ 91 ވަނަ މިނެޓްގައެވެ. ރޮބާޓޯ ފިރިމީނޯ ބޮލުން ގޯލް ކުރިމައްޗަށް ނަގައިދިން ބޯޅަ ލިބުނީ ގެބްރިއަލް ޖެސޫސް އަށެވެ. އެނބުރިގެންފައި އޭނާ އަށް ބޯޅަ ފޮނުވާލަން މަސައްކަތް ކުރިިއިރު ކޮސްޓަރިކާގެ ޑިފެންޑަރުން ހުރީ ކައިރީގައި ވިއްދާފަ އެވެ. ޖެސޫސް އަށް ބޯޅަ ފޮނުވާލުމުގެ ކުރިން ކްޓީނިއޯ ކާމިޔާބު ކުރީ ބާރު ސްޕީޑްގައި ދުވެފައި އައިސް ގޯލްގެތރެއަށް ބޯޅަ ވައްދާލަފަ އެވެ.

ދެ ވަނަ ލަނޑު ނޭމާ ކާމިޔާބު ކުރީ މެޗުގެ 97 ވަނަ މިނެޓްގަ އެވެ. ޑަގްލަސް ކޯސްޓާ ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާގެ ކަނާ ދިމާލުން އަރުމުން، ބޮޅަ ދިފާއު ކުރަން ކޮސްޓަރިކާގެ ކީޕަރު ކޭލޯ ނާވަސް ކުރިއަށް އެރުމުން ގޯލް އޮތީ ހުސްކޮށެވެ. ކޮސްޓާ ވަނީ ގޯލް ކުރިމަތީގައި ހުހަށް ހުރި ނޭމާ އަށް ބޯޅަ ދިފަ އެވެ. ނޭމާ ބޮޅަ ފޮނުވާލީ ހުހަށް އޮތް ގޯލްގެ ތެރެއަށެވެ.

މި ބައްޔާއެކު ކޮސްޓަރިކާ ވަނީ މުބާރާތުން ކަޓާފަ އެވެ.