ކުޅިވަރު

އައިސްލެންޑް ބަލިކޮށް ނައިޖީރިއާ އިތުބާރު ހޯދައިފި

ފުރަތަމަ މެޗުގައި ވަރުގަދަ އާޖެންޓީނާއާ އެއްވަރު ކުރި އައިސްލެންޑްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ނައިޖީރިއާއިން އިތުބާރު ހޯދައިފި އެވެ.

މުބާރާތަށް އެންމެ ގިނަ ޒުވާން ކުޅުންތެރިން ގެނައި ނައިޖީރިއާ ވަނީ ފުރަތަމަ މެޗުގައި ކޮރޭޝިއާ އަތުން 2-0 ބަލިވެފަ އެވެ. އެ މެޗުގައި ނައިޖީރިއާގެ ކުޅުން އެއްގޮތަކަށް ވެސް ދައްކައެއް ނުލެވުނެވެ. މިރޭގެ މެޗުގައި ވެސް ފުރަތަމަ ހާފުގައި ފެނުނީ އާދައިގެ ކުޅުމެކެވެ. އާޖެންޓީނާ އާ ދެކޮޅަށް ވަރުގަދަ ޑިފެންސިވް ގޭމެއް ކުޅުނު އައިސްލެންޑުން ނައިޖީރިއާ ދެކޮޅަށް ގޭމް އޯޕަން ކޮށްލައިގެން ކުޅުނު ނަމަވެސް ރަނގަޅު ފުރުސަތެއް ނުހޯދުނެވެ.

ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އައިސްލެންޑްގެ ޖިލްފީ ސިގޮޑްސަން އެވެ. އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސް ދަނޑި މަތިން ބޭރަށެވެ.

ފުރަތަމަ ހާފުގައި، އައިސްލެންޑަށް ލިބުނު ހިލޭޖެހުން ސިގޮޑްސަން ފޮނުވާލުމުން، ނައިޖީރިއާގެ ޒުވާން ކީޕަރު ފްރެންކިސް އުޒޯހޯ ވަނީ އެ ބޯޅަ ސޭވް ކޮށްފަ އެވެ.

ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓްގައި، ނައިޖީރިއާއިން ވަނީ އައިސްލެންޑްގެ ގޯލް ހުޅުވާފަ އެވެ. ލަނޑު ކާމިޔާބު ކުރީ އަހްމަދު މުސާ އެވެ. އޭނާ ލަނޑު ޖެހީ، އައިސްލެންޑްގެ ކުޅުންތެރިން ނައިޖީރިއާގެ ހާފުގެ ތެރެއަށް ކުރިއަށް އަރާ ތިބި ވަގުތު، ކައުންޓަ އެޓޭކުގައި އުފެއްދި ފުރުސަތެއްގަ އެވެ.

ބައިކޮޅަށް ވަން ލަނޑަށް ފަހު އައިސްލެންޑްގެ ކުޅުންތެރިން ވަނީ، ނަތީޖާ ހަމަހަމަ ކުރުމަށްޓަކައި އިތުރަށް ކުރިއަށް ޖެހިފަ އެވެ. އޭގެ ބޭނުން ނައީޖިރިއާގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ހިފި އެވެ.

ނައިޖީރިއާގެ ދެ ވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓް އަހްމަދު މޫސާ ކާމިޔާބު ކުރީ އައިސްލެންޑްގެ ގިނަ ކުޅުންތެރިން ކުރިއަށް އަރާ ތިއްބަ އެވެ. އޭނާ ލަނޑު ޖެހީ އައިސްލެންޑްގެ ޑިފެންޑަރާއި ގޯލްކީޕަރު ހާނޭސް ހޯލްޑަސްން ކަޓުވާލުމަށް ފަހު އެވެ.

އޭގެ ތިން މިނެޓް ކުރިން އަހްމަދު މޫސާ ފޮނުވާލި ހަމަލާއެއް، އައިސްލެންޑްގެ ގޯލްގެ ހުރަސް ދަނޑިއަށް ވެސް އަމާޒުވި އެވެ.

މެޗުގައި އައިސްލެންޑްގެ ގިލްފީ ސިގާސަން އަށް ވަނީ ޕެނަލްޓީ އެއް ލިބިގެން ގޮސްފަ އެވެ. އެ ޕެނަލްޓީ އަކީ ނައިޖީރިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން އައިސްލެންޑްގެ އަލްފްރެޑް ފިންބޮގަސަން އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ނައިޖީރިއާގެ ކުޅުންތެރިން ފައުލު ކުރުމުން ދިން ޕެނަލްޓީ އެކެވެ. މެޗުގެ ރެފްރީ ނިއުޒިލެންޑްގެ މެތިއު ކޮންގާ، ފުރަތަމަ ދެއްކީ ޕެނަލްޓީއެއް ނޫން ކަމަށެވެ. ނަމަވެސް ފަހުން ވީއޭއާރް ބެލުމަށް ފަހު އޭނާ ނިންމީ ޕެނަލްޓީއެއް ކަމަށެވެ.

މެޗުގެ 83 ވަނަ މިނެޓްގައި، އައިސްލެންޑަށް ލިބުނު ޕެނަލްޓީ ނައިޖީރިއާގެ ކީޕަރު އުޒޯހޯއަށް މިސްރާބު އޮޅުވާލި ނަމަވެސް ގިލްފީ ސިގޮޑްސަން ޖެހީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ނައިޖީރިއާ ހޯދި މޮޅާއެކު އެ ޓީމު ވަނީ ތިން ޕޮއިންޓާއެކު ގުރޫޕްގެ ދެ ވަނަ އަށް ޖެހިލާފަ އެވެ. އާޖެންޓީނާ އާއި އައިސްލެންޑް، ކޮންމެ ޓީމަކަށް އެއް ޕޮއިންޓެވެ.