ކުޅިވަރު

އައިސްލެންޑަށް ވިއްޔާ ރާއްޖެއަށްވެސް ވާންޖެހޭނެ!

ވޯލްޑްކަޕު ދެ ވަނަ ބުރަށް ނުދެވުނަސް، ވޯލްޑްކަޕުގައި ވާދަ ކުރި އެންމެ ކުޑަ ގައުމު، އައިސްލެންޑް ވޯލްޑްކަޕަށް އައިސް ދެއްކި ކުޅުމަށް ތައުރީފް ހައްގެވެ. ވަރުގަދަ އާޖެންޓީނާ އަތުން އައިސްލެންޑަށް ޕޮއިންޓެއް ހޯދި ދާނެ ކަމަކަށް އެއްވެސް މީހަކު ހީއެއް ނުކުރެ އެވެ.

އައިސްލެންޑްގެ އާބާދީ އަކީ، 334252 މީހުންނެވެ. ރާއްޖޭގެ އާބާދީއަށް ވުރެވެސް ކުޑަ އެވެ. އައިސްލެންޑްގެ ފުޓްބޯޅައިގެ ވާހަކަ ގަދަ ވެގެންދިޔައީ ޔޫރޯ 2016 އިގައެވެ. އޭގެ ކުރިންވެސް ޔޫރަޕްގައި އައިސްލެންޑްގެ ވާޙަކަ ދެކެވުން ދެއެވެ.

ނޮވެމްބަރު، 2013 ގެ ވޯލްޑްކަޕު ކޮލިފިކޭޝަންގެ ޔޫރޯ ޒޯންގެ ގުރޫޕް "އީ" ގެ ދެ ވަނަ އައިސްލެންޑުން ހޯދި އެވެ. އެ ގުރޫޕްގައި ޔޫރަޕްގެ ފުޓްބޯޅައިގައި އަޑުގަދަ ޓީމަކަށް އޮތީ ސްވިޒަލޭންޑެވެ. ގުރޫޕްގެ ދެ ވަނަ ހޯދުމުން އައިސްލެންޑަށް ޖެހުނީ ޕްލޭއޮފް ކުޅޭށެވެ.

ޕްލޭއޮފްގައި އެ ޓީމު ވާދަ ކުރީ، ކޮރޭޝިއާ އާ ދެކޮޅަށެވެ. ކޮރޭޝިއާ ޓީމުގެ ކުޅުންތެރިންނަކީ، ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ބަޔާން މިޔުނިކުގެ އިތުރުން ޔޫރަޕްގެ ބޮޑެތި އެހެން ޓީމުތަކަށް ކުޅެމުން ދިޔަ ކުޅުންތެރިންނެވެ. އައިސެލެންޑްގައި، ޔޫރަޕްގެ ޓޮޕް ކުލަބަކަށް ކުޅޭ ކުޅުންތެރިޔަކަށް ހުރީވެސް ގިލްފީ ސިގޮޑްސަން އެވެ. އޭނާ އޭރު ކުޅެމުން ދިޔައީ ޓޮޓެންހަމް އަށެވެ. އެ ޓީމުގައިވެސް ގިނަ މެޗުތަކުގައި އޭނާއަށް ފުރުސަތު ލިބުނީ ބެންޗުންނެވެ. އައިސްލެންޑްގެ އެހެން ކުޅުންތެރިން ކުޅެމުން ދިޔައީ އުތުރު ޔޫރަޕްގެ ކުދި ގައުމުތަކުގެ ލީގްގައެވެ.

ތަޖުރިބާ އާއި ހުނަރަށް ބެލިޔަސް، ކޮރޭޝިއާގެ ޓީމަށް ފޭވަރިޓެއްގެ ލަގަބު ހައްގެވެ. ނަމަވެސް ފުރަތަމަ ލެގްގައި އައިސްލެންޑުން ކޮރޭޝިއާ ހިފަހައްޓާލި އެވެ. އެފަހަރުގެ ވޯލްޑްކަޕަށް ކޮލިފައި ނުވި ނަމަވެސް އައިސްލެންޑްގެ ފުޓްބޯޅައަށް އޮތީ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. ތެދުވެގެން ހިނގައި ގަނެވޭނެ ކަން އައިސްލެންޑަށް އެނގެ އެވެ. އެންމެ ފަހުގެ ޔޫރޫ އަށް ކޮލިފައިވެ، ފުރަތަމަ މެޗުގައި ވަރުގަދަ ޕޯޗްގަލް އާ އެއްވަރުކޮށް ޔޫރޫގައި އައިސްލެންޑް ފުރަތަމަ ޕޮއިންޓް ހޯދި އެވެ. ގުރޫޕް ސްޓޭޖު ފަހަނައަޅައި ގޮސް، ދެ ވަނަ ބުރުގައި ވަރުގަދަ އިންގެލެންޑް ބަލިކޮށް ކްއާޓާ ފައިނަލަށް ދަތުރު ކުރި އެވެ.

އެކެއް ނުވަތަ ދެ އަހަރުގެ މަސައްކަތެއް ނޫން

އައިސްލެންޑަކީ، ފުޓްބޯޅައިގެ ހަބެއް ނޫނެވެ. އެ ގައުމުގެ މޫސުން އޮންނަ ގޮތުން އައުޓްޑޯގައި ރަނގަޅަށް ކުޅެލެވޭ ގޮތެއް ނޯވެ އެވެ. ފުޓްބޯޅަ ކުޅެވެނީވެސް ހޫނު މޫސުމުގައި އެކަންޏެވެ. ނަމަވެސް ގޮތް ހުސްވެގެން އަތް އުރާލައިގެން އައިސްލެންޑުން ތިބީކީ ނޫނެވެ. އައިސްލެންޑްގެ ފުޓްބޯލް އެސޯސިއޭޝަން ރީސްޓަރަކްޗާ ކޮށް، ބަދަލު ގެނައުމުގެ މަސައްކަތް އެ ގައުމުން ފެށީ 2002 ވަނަ އަހަރު އެވެ.

"ބައެއް ފަހަރު އައުޓްޑޯގައި ފުޓްބޯޅަ ޕްރެކްޓިސް ކުރަމަކީ ވަރަށް އުނދަގޫ ކަމެއް، ފިނި މިނާއި ވައިގެ ގަދަ ކަމުން އެއްވެސް މީހަކު ނޫޅޭ ފުޓްބޯޅަ ކުޅޭކަށް،" އައިސްލެންޑްގެ މިހާރުގެ ހެޑް ކޯޗް ހާމިއޭ ހޯލްގްރިމްސަން މިދިޔަ އަހަރު ބުނެފައި ވެއެވެ.

"އައިސްލެންޑްގައި ފުޓްބޯޅަ ކުޅޭ ކަމަށް ވަންޏާ ވަރަށް ރަނގަޅު ވަސީލަތްތައް ބޭނުންވޭ، މިހާރު އަހަރެމެންގެ އެބައޮތް ވަރަށް ރަނގަޅު އާޓިފިޝަލް ދެ ދަނޑާއި، އިންޑޯ ފުޓްބޯޅަ ހޯލެއް ވެސް އެބަހުރި."

ފުޓްބޯޅައިގެ ޖީލެއް އުފައްދަން އަމަލީ މަސައްކަތް ފެށުމުގެ ކުރިން އައިސްލެންޑުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ، އެކަމަށް އެންމެ އެކަށޭނެ އެޑިއުކޭޝަން ކޯޗުންނަށް ފޯރުކޮށްދިނުމެވެ.

ފުޓްބޯޅައިގެ ވިސްނުން ހުރި މީހުންނަށް ކޯޗު ކަމަށް ވުމަށް ފުރުސަތު ހުޅުވާލި އެވެ. އެކަމަށް ޝައުގުވެރިވި މީހުން އިނގިރޭސި ވިލާތަށް ފޮނުވައި، ކޯޗިން ކޯސްތަކުގައި ބައިވެރި ކުރަން ފެށި އެވެ. އެމީހުންގެ ހިދުމަތް އައިސްލެންޑްގެ ފުޓްބޯޅައަށް ދޭން މަޖުބުރު ކުރި އެވެ.

އެހާހިސާބުންވެސް ކޯޗިން އެޑިއުކޭޝަންގެ ޕްރޮގްރާމްގެ މަސައްކަތް ނިންމާލީކީ ނޫނެވެ. އައިސްލެންޑްގެ އެފްއޭގައި އޮންނަ ފުޓްބޯޅަ ކޯޗިން ޕްރޮގްރާމްވެސް ބަދަލު ކުރި އެވެ.

"ކުރިން އޮތް ކޯޗިން ޕްރޮގްރާމުގައި އޮވޭ ފަސް ލެވަލެއް، އޭތި ކިޔައި ދެނީ މެނައުލް ކޮށް، ކޮންމެ ބައެއް ވަކިން، ކޮންމެވެސް މީހަކު އައިސް ތިމަންނައަށް މިވެނި ބައެއް ކިޔވައިދޭނަމޭ ބުނީމަ އެމީހަކަށް ކިޔަވައިދޭން ދެނީ އެމީހެއްގެ ތަޖުރިބާގެ މައްޗަށް، އެއްވެސް ކަރިކިއުލަމެއް ނޯވޭ." އައިސްލެންޑްގެ ގައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗް ސިގްޑާ ރެގްނާ އީޖޮފްސަން ބުނެފައި ވެއެވެ.

ނަމަވެސް އޭނާ އިސްވެ ހުރެ، ކޯޗިން ޕްރޮގްރާމެއް ފަރުމާ ކުރި އެވެ. އަދި އެ ޕްރޮގްރާމް ޔޫއެފްއާގެ ލެވަލް ބީ އާއި ލެވަލް އޭ އާ ބެންޗުމާކު ކުރި އެވެ. ކޯޗިން ސެޓްފިކެޓް ހާސިލު ކުރިޔަސް، ކޮންމެ އަހަރަކު އެއްފަހަރު ކޯޗިން ރިފްރެޝާސް ކޯސްތައް ހެދުމަށް ކޯޗުންނަށް މަޖުބޫރު ކުރި އެވެ. އެހެން ނޫންނަމަ ސެޓްފިކެޓް ކެންސަލް ވާނެ އެވެ. ދެހާސް ސާދަ ވަނަ އަހަރު އެކަނިވެސް ކޯޗުން ތާޒާ ކުރާ ޕްރޮގްރާމްގެ ދަށުން 26 ސެމީނާ ކުރިއަށް ގެންދިޔަ އެވެ.

ގްރާސް ރޫޓް ކޯޗިން ޕްރޮގްރާމަށް ވަކިން ބޮޑު އިސްކަމެއް ދިނެވެ. އެއީ ކުޑަކުދިން ކަމަށް ވުމުން އެ ކުދިންނަށް ބުނެދޭން ޖެހޭގޮތާއި ޓްރެއިނިން ކުރަން ޖެހޭ ގޮތްތައްވެސް ތާފަތު ވުމުންނެވެ.

"އެންމެ މުހިންމު އުމުރަކީ އަށް އަހަރުން ފެށިގެން 12 އަހަރާ ދެމެދު، އެހާހިސާބުން އަހަރެމެން މަސައްކަތް ފަށައިގަތީ، އޭގެ ކުރިން ގްރާސްރުޓް ލެވަލްގައި މަސައްކަތް ކުރާނެ ކޯޗުންނަށް އަހަރެމެން ކިޔަވައިދިނިން އެމީހުންނަކީ ކޯޗިން އެޑިއުކޭޝަންގެ ރަނގަޅު ކޮލިފިކޭޝަނެއް އޮތް މީހުން އަދި އެމީހުން އެ ކުރަނީ ކޮންކަމެއްކަން އެމީހުންނަށް އެނގޭނެ،" އައިސްލެންޑްގެ ގްރާސްރޫޓް ޑައިރެކްޓާ ޖަގާ ޑަގްބާޓްސަން ބުންޏެވެ.

"އަހަރެމެން ގަބޫލު ކުރަނީ މި އުމުރު ފުރާތަކުގައި މަސައްކަތް ކުރާ ކޯޗުންނަށް އެކަމުގެ ހާއްސަ ކޮލިފިކޭޝަންތައް ލިބިފައި ހުންނަން ޖެހޭނެ ކަން، އަދި ގްރާސް ރޫޓް ލެވަލްގައި ތަމްރީން ވަމުން އަންނަ ވަކިވަކި ކުދިންގެ ކުރިއެރުމަށް އަންނަ ބަދަލުތައް އަހަރެމެން ވަކިން ޑޭޓާތައް ކަލެކްޓް ކުރަމުން ގެންދަނީ."

ރާއްޖެއަށް ނުވާންވީ ކީއްވެ؟

އައިސްލެންޑަށް ނިސްބަތްވާ ގިނަ ކުޅުންތެރިން ނޯވޭ ލީގްގައިވެސް ކުޅެމުން ދެ އެވެ. ނަމަވެސް ނޯވޭގެ ގައުމީ ޓީމަށް އައިސްލެންޑް ނެރޭ ވަރުގެ ނަތީޖާއާ ގާތްކުރާ މިންވަރަށެވެސް ނަތީޖާ ނުނެރެވޭތީ ނޯވޭގެ ސަޕޯޓަރުންވެސް އެކަމުގެ ޝަކުވާ އެ ގައުމުގެ އެފްއޭއަށް އުފުލައެވެ. ނޯވޭގެ ގައުމީ ޓީމުގެ ނަތީޖާތަކަށް ވުރެ އައިސްލެންޑް އުޅެނީ މާ ކުރިގަ އެވެ. ނަމަވެސް ފުޓްބޯޅައިގެ ވަސީލަތްތަކުގެ ގޮތުން ނޯވޭ އުޅެނީ އައިސްލެންޑަށް ވުރެ އުހުގަ އެވެ.

"ނޯވޭގެ މީހުން ބުނޭ، ކީއްވެހޭ ނޯވޭގެ ގައުމީ ޓީމަށް ރަނގަޅު ނަތީޖާއެއް ނުލިބެނީ، ކީއްވެހޭ އެމީހުންގެ ތެރޭގައި ޓޮޕް ކުޅުންތެރިން ނުތިބެނީ ކީއްވެހޭ އެ ގައުމުގެ ކުޅުންތެރިން ބޭރު ލީގްގައި ނުކުޅެނީ، ރެއާލް މެޑްރިޑްގެ އެއްބަސްވުމުގައި ހުރި މާޓިން އޮޑިގާޑް އެކަނި ބޭރު ލީގެއްގައި ކުޅެނީވެސް." އީޖޮފްސަން ބުންޏެވެ.

"އެމީހުންނަށް ފެނޭ އައިސްލެންޑުން އުފައްދާ ކުޅުންތެރިންގެ ގިނަ ކަން، އަދި އެ ކުޅުންތެރިންގެ ފެންވަރުވެސް ރަނގަޅު، އެމީހުންނަކަށް އޮޅުން ނުފިލާ ކީއްވެގެން ކަމެއް، އެމީހުން އަހާ ކޮބާހޭ އައިސްލެންޑު ގެންގުޅޭ ފޯމިއުލާއަކީ، އަދި އެމީހުން ބުނޭ ތިމަންނަ މެން ބޭނުމޭ އައިސްލެންޑްގެ ކަންތައް ކުރާ ގޮތް ދަސް ކުރަން."

އައިސްލެންޑް އަތުގައި އޮތް ސިއްރަކީ ރައީޓް މެންޓަލިޓީ އެވެ. ކުޅުންތެރިންނާއި ކޯޗުންގެ މެންޓަލިޓީ ބަދަލު ކޮށްލީ، ފުޓްބޯޅަ އެޑިއުކޭޝަން ޕްރޮގްރާމްތަކުންނެވެ. ކުރިން އޮތް ޕްރޮގްރާމް ރިވިއުކޮށް ބަދަލު ގެނައީ އެވެ.

"100 ގޮތަށްވެސް މަސައްކަތް ކުރެވިދާނެ، ނަމަވެސް ރައިޓް މަންޓަލިޓީއެއް ނެތިއްޔާ 100 ޕަސަންޓެއް ނުދެވޭނެ،" ފީފާ ޓީވީއަށް ހޯލްގްރިމްސަން ދީފައިވާ އިންތަވިއުގައި ބުނެފައި ވެއެވެ. "އަބަދުވެސް ވިސްނައިދޭން ޖެހޭ ތިމަންނާމެންނޭ ވާނީ އައިސްލެންޑްގެ ވޯލްޑްކަޕު ކުޅޭ ޖީލްގެ ޓީމަށް، އެކަން ވާނެ ކަނަް ވިސްނައިދޭން ޖެހޭނެ، އަދި އަބަދުވެސް ޓެކްނިކް އާއި ޓެކްޓިކަލް ދާއިރާއިންެވސް އިމްޕްރޫވް ކުރަން ޖެހޭނެ، ކޮންމެ ދުވަހަކީވެސް އާ ކަންކަން ދަސް ކުރާ ދުވަހަކަށް ވާން ޖެހޭނެ."

ރާއްޖެއަށްވެސް އޮތީ އެކަމެވެ. ވިސްނުން ވަދަލު ކުުރުމެވެ. ކުޅުންތެރިންނާއި ގްރާންސް ރޫޓް ލެވަލްގެ ކޯޗުންވެސް މެއެވެ. ރާއްޖޭގައި ކޯޗިން ލައިސެންސް އޮތް މީހުން ނިސްބަތުން ގިނަ އެވެ. ނަމަވެސް ކޯޗިން އެޑިއުކޭޝަން ޕްރޮގްރާމްގެ ދަށުން ތާޒާ ވުމެއް ނެތެވެ. މިކަންކަން ބަދަލު ކުރެވޭނީ ރަނަގަޅު މެންޓަލިޓީ އަކުންނެވެ. ވިސްނުން ބަދަލުކޮށް، ރާއްޖޭގައި އޮތް ސިސްޓަމް ރިވިއުކޮށް ބަދަލު ގެނެސްފިއްޔާ ރާއްޖެއަށް ވަކި ނުވާންވީ ކީއްވެ ހެއްޔެވެ. އައިސްލެންޑަށް ވަންޏާ ރާއްޖެއަށްވެސް ވާން ޖެހޭނެ އެވެ.