ނައިޖީރިއާގެ މައްޗަށް 2-1 ނަތީޖާ އަކުން ކާމިޔާބު ހޯދައި، ގުރޫޕް "ޑީ" ގެ ދެ ވަނަ ޓީމުގެ ގޮތުގައި އާޖެންޓީނާ ދެ ވަނަ ބުރަށް ދަތުރު ކޮށްފި އެވެ.
އެ ގުރޫޕްގެ އެއް ވަނައަށް ދިޔައީ، މިރޭ އައިސްލެންޑް ބަލިކުރި ކޮރޭޝިއާއިންނެވެ. ދެ ވަނަ ބުރުގައި އާޖެންޓީނާ ވާދަ ކުރާނީ ގުރޫޕް ސީ ގެ އެއް ވަނަ ފްރާންސާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މި އަންނަ ހޮނިހިރު ދުވަހު އިރުއޮއްސި 7:00 ގަ އެވެ.
ދެ ވަނަ ބުރުގައި ކޮރޭޝިއާ ނިކުންނާނީ ގުރޫޕް ސީ ގެ ދެ ވަނަ ޑެންމާކާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 11:00 ގަ އެވެ.
އާޖެންޓީނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ކެޕްޓަން ލިއޮނަލް މެސީ އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 14 ވަނަ މިނެޓްގައި، އެވާ ބަނޭގާ ތަނަވަސް ކޮށްދިން ޕާސް ކޮންޓްރޯލް ކުރުމަށް ފަހު ގޯލްގެ ދުރު ކަނަށް ފޮނުވާލައިގެންނެވެ.
ނައިޖީރިއާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގަ އެވެ. އާޖެންޓީނާގެ ޑިފެންޑަރު ހާވިއޭ މެޝަރޯނާ، ޕެނަލްޓީ އޭރިއާ ތެރެއިން ނައިޖީރިއާގެ ކުޅުންތެރިޔެއްގެ ގައިގައި ހިފެއްޓުމުންނެވެ.
މެޗުގެ 51 ވަނަ މިނެޓްގައި، ނައިޖީރިއާއަށް ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ވިކްޓާ މޯސަސް އެވެ. ލަނޑަށް ފަހު ނައިޖީރިއާގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅެމުން ދިޔަ އެވެ. ލަނޑު ޖަހާނެ ފުރުސަތުތައްވެސް ތަނަވަސް ކޮށްފަ އެވެ.
ދެ ވަނަ ހާފުގައި، ނައިޖީރިއާއިން އުފަންދަން އުޅުނު ހަމަލާއެއް، ދިފާއު ކުރަން އުޅުމުގެ ތެރޭގައި ޕެނަލްޓީ އޭރިއާ ތެރެއިން އާޖެންޓީނާގެ ޑިފެންޑަރު އަތުގައި ބޯޅަ ޖެހުނެވެ. ނަމަވެސް ވީއޭއާރް ބެލުމަށް ފަހު ރެފްރީ ދެއްކީ ޕެނަލްޓީއެއް ކަމަށެވެ.
ބައިކޮޅަށް ލަނޑު ވަނުމުން، އާޖެންޓީނާގެ ކޯޗް ހޯޖޭ ސަމްޕައޮލީ ބަދަލުތައް ގެނައީ އެޓޭކިން ޑިޕާޓެމެންޓް ވަރުގަދަ ކުރުމަށެވެ. ޑިފެންޑަރުންގެ ބަދަލުގައި އޭނާ ފުރުސަތު ދިނީ އެޓޭކިން ކުޅުންތެރިންނަށެވެ.
މެޗުގެ 86 ވަނަ މިނެޓްގައި، އާޖެންޓީނާ މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ މާކޯސް ރޯހޯ އެވެ. އާޖެންޓީނާ ދެ ވަނަ ބުރަށް ދިޔައީ ކޮރޭޝިއާ އައިސްލެންޑް އަތުންވެސް މޮޅުވުމުންނެވެ.