ކުޅިވަރު

މެސީގެ އާޖެންޓީނާ ކަޓުވާލުމަށްފަހު ފްރާންސް ކްއާޓާއަށް

ދެ ވަނަ ބުރުގައި، ލިއޮނަލް މެސީގެ އާޖެންޓީނާގެ މައްޗަށް 4-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ފްރާންސް ކްއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މެޗުގައި ތަފާތަކަށްވީ، ފްރާންސްގެ އުމުރުން 19 އަހަރުގެ ކިލިޔަން އެމްބަޕޭ އެވެ. އޭނާ ވަނީ ފްރާންސަށް ދެ ލަނޑު ޖަހައިދީ އިތުރު ލަނޑެއް ޖަހަން ދޮރު ހުޅުވައި ދީފަ އެވެ.

ފުރަތަމަ ހާފުގައި ފްރާންސަށް ލީޑް ނަގައިދިން ލަނޑު، އެންޓްއާން ގްރީޒްމަން ކާމިޔާބު ކުރީ، އެމްބަޕޭއަށް އާޖެންޓީނާގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ޑިފެންޑަރު މާކޯސް ރޯހޯ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެއްގަ އެވެ.

ގްރީޒްމަން ޕެނަލްޓީން ލަނޑު ކާމިޔާބު ކުރީ، މެޗުގެ 13 ވަނަ މިނެޓްގަ އެވެ. ފުރަތަމަ ހާފުގައި އާޖެންޓީނާގެ ޑިފެންޑަރުންނަށް އުޅުނީ އެމްބަޕޭ ހިފަހައްޓާ ނުލެވިގެންނެވެ. އޭނާއަށް ތިން ފައުލެއް ކުރި އެވެ.

ގްރީޒްމަން ލަނޑު ޖެހުމުގެ ކުރިން، ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއް އޭނާ ފޮނުވާލުމުން އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، އާޖެންޓީނާއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެވާ ބެނޭގާ ބަލާލަފައި އޭރިއާގެ ކުރިމަތިން ހުރަސް ކޮށްދިނުމަށްފަހު ދިނީ އެންހަލް ޑީމާރީއާ އަށެވެ. ޑީމާރިއާ ވަނީ ވަރަށް ބަލާލަފައި ބާރު އުންޑައެއްހެން ގޯލް ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.

ދެ ވަނަ ހާފު ފެށުނު ތަނުން، އާޖެންޓީނާއިން ލީޑް ނެގި އެވެ. ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓްގައި ކެޕްޓަން މެސީ ފޮނުވާލި ބޯޅަ ގެބްރިއަލް މާކޯޑޯ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންގޮސް ވަނީ ފްރާންސްގެ ގޯލަށެވެ.

ލީޑް ނެގުމަށް ފަހު އާޖެންޓީނާއިން ލީޑް ހިފެހެއްޓުމަށް، ބޯޅަ ކޮންޓްރޯލްކޮށްގެން ލީޑް ހިފަހައްޓަން ކުޅޭނެ ކަމަށް ބެލެވުނެވެ. ނަމަވެސް އާޖެންޓީނާގެ ކުޅުމަށް ވުރެ ފާހަގަ ވެގެން ދިޔައީ ފްރާންސްގެ ހަމަލާތެކެވެ.

ފްރާންސަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އާޖެންޓީނާއިން ލީޑް ނެގިތާ 10 ވަރަކަށް މިނެޓް ފަހުންނެވެ. ލޫކަސް ހެނާންޑޭޒް އޭރިއާގެ އަރިމަތީގައި ހުރެފައި ގޯލް ކުރިމައްޗަށް ނެގި ބޯޅަ އޭރިއާގެ ކަނާދިމާލުން ބޭރުން ފޮނުވާލީ ބެންޖަމިން ޕަވާޑް އެވެ.

އެމްބަޕޭގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށް، ފްރާންސަށް ލީޑް ނަގައިދިނީ މެޗުގެ 64 ވަނަ މިނެޓްގަ އެވެ. އާޖެންޓީނާގެ ޑިފެންސްގެ ތެރެއިން ދެމިގަތުމަށް ފަހު އެވެ.

އޭގެ ހަތަރު މިނެޓް ފަހުން، ކައުންޓަ އޭޓެކްގައި އުފެއްދި ފުރުސަތެއްގައި އޮލިވާ ޖިރޫޑް ދިން ހިތް ގައިމު ޕާހަކުން އެމްބަޕޭ ވަނީ މެޗުގެ ނަތީޖާ 4-2 ށް ބަދަލު ކޮށްލާފަ އެވެ.

އާޖެންޓީނާގެ ތިން ވަނަ ލަނޑު، މެސީ ނަގައިދިން ބޯޅަ ބޮލުން ފޮނުވާލައިގެން މެޗުގެ 93 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސާޖިއޯ ކުން އަގުއޭރޯ އެވެ.

ފޮޓޯ: ފީފާ