ކުޅިވަރު

މެސީ ހުއްޓުވާނެ މާބައިވަރު ގޮތްތަކެއް ފްރާންސް އަތަކު ނެތް

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހުއްޓުވާނެ މާބައިވަރު ގޮތްތަކެއް ފްރާންސްގެ އަތުގައި ނެތް ކަމަށް އެ ޓީމުގެ ކޯޗް ޑިޑިއޭ ޑެޝޯމްޕް ބުނެފި އެވެ.

ޑެޝޯމްޕް ބުނީ، މެސީ ހުއްޓުވޭނީ ޓީމުގެ ހުރިހާ ޑިޕާޓްމެންޓަކުންވެސް ވަރަށް ރަނގަޅަށް ކުޅެގެން ކަމަށެވެ. މެސީ ހުއްޓުވުމަށް، ޑެޝޯމްޕް އަތުގައި އޮތް އެންމެ މުހިންމު ހަތިޔާރަކީ ސްޕެނިޝް ލީގްގެ ދެ ޑިފެންޑަރުން ކަމަށްވާ، ރެއާލް މެޑްރިޑްގެ ރަފާލް ވަރާން އާއި ބާސެލޯނާގެ ސެމިއުލް އުމްޓިޓީ އެވެ.

ފްރާންސް 1998 ގެ ވޯލްޑްކަޕު ހޯދިިއިރު ޓީމުގެ ކެޕްޓަންކަން ކުރި ޑެޝޯމްޕް ބުނީ
100 ޕަސަންޓް މެސީ ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

"މެސީ ވަނީ މެސީ އަށް، އޭނާގެ މިންގަނޑުތަކަށް ބަލާ، 127 މެޗުން 65 ގޯލް،" ޑެޝޯމް ބުންޏެވެ.
"އަހަރެމެންނަށް އެނގޭ އަހަރެމެން ކުރަން ޖެހޭ މަސައްކަތް، އަހަރެމެންގެ އުންމީދަކީ އޭނާ [މެސީ] ހުއްޓުވުން، އެކަމަކު އަހަރެމެންނަށް އެނގޭ ކިތަންމެ ކުޑަ ފުރުސަތެއް ލިބުނަސް އޭނާ ދެމިގަންނާނެ."

ވޯލްޑްކަޕުގައި އަދި މިހާތަނަށް މެސީއަށް އޭނާގެ ކުޅުން ދައްކާ ލެވޭ ގޮތެއް ނުވެ އެވެ. ނައިޖީރިއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުން ފިޔަވައި މެސީ އަށް ކުރެވުނު ކަމެއް ނެތެވެ. މެސީ އާއެކު ލަލީގާއި ވާދަވެރި ކުލަބު އެތުލެޓިކޯ މެޑްރިޑަށް ފްރާންސްގެ ތަރި އެންޓްއާން ގްރީޒްމަންވެސް އޭނާގެ ކުޅުން ދައްކާ ނުލެވެ އެވެ. ފުރަތަމަ މެޗުގައ އޮސްޓްރޭލިއާ ކޮޅަށް ޕެނަލްޓީއެއް ކާމިޔާބު ކުރުން ފިޔަވައި އިތުރު ލަނޑެއް ޖެހިފަ އެއް ނުވެ އެވެ.

ނަމަވެސް ފްރާންސްފެ ކެޕްޓަން ހޫގޯ ލޮރިސް ބުނީ ގްރީޒްމަން އާ މެދު އިތުބާރު އެބައޮތް ކަމަށާއި ވޯލްޑްކަޕުގައި ކުޅޭ އެންމެ ރަނގަޅު ކުޅުންތެރިންގެ ތެރޭގައި ގްރީޒްމަން ހިމެނޭނެ ކަމަށެވެ.

ފްރާންސާއި އާޖެންޓީނާ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިއަދު އިރުއޮއްސި 7:00 ގަ އެވެ. މިރޭގެ ދެ ވަނަ މެޗުގައި އުރުގުއޭ އާ ޕޯޗްގަލް ވާދަ ކުރާނެ އެވެ. އެ މެޗު އޮންނާނީ މިރޭ 11:00 ގަ އެވެ.