ކުޅިވަރު

މެސީގެ ޖާދޫއަށް މުޅި އާޖެންޓީނާ ކެތްމަދުވެފައި

ވޭތުވެދިޔަ 10 އަހަރު ފެނުނީ މި މަންޒަރެވެ. އާޖެންޓީނާ އުނދަގޫ ހާލަތަކަށް ވެއްޓޭ ކޮންމެ ފަހަރަކު އެ ޓީމު ކޮޅަށް ނަގަނީ، ކެޕްޓަން ލިއޮނަލް މެސީ އެވެ. މިފަހަރުގެ ވޯލްޑްކަޕަށް އާޖެންޓީނާ ކޮލިފައި ނުވެދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް އާޖެންޓީނާ ވޯލްޑްކަޕަށް ކޮލިފައި ކޮށްދިނީ، ކޮލިފައިންގެ އެންމެ ފަހު މެޗުގައި އެކްއެޑޯ ކޮޅަށް މެސީ ހެދި ހެޓްރިކުންނެވެ.

ވޯލްޑްކަޕުގެ ގުރޫޕް "ޑީ" ގެ ފަހު މެޗުގައި، މިރޭ ނައިޖީރިއާ އާ ދެކޮޅަށް ނުކުންނަ މެޗަކީ، ވޯލްޑްކަޕުގައި ކުރިއަށް ދިއުމަށް އާޖެންޓީނާއަށް އޮތް އެންމެ ފަހު ފުރުސަތެވެ. މުޅި އާޖެންޓީނާ އެދެނީ މެސީގެ ޖާދޫއަށެވެ.

މިރޭގެ މެޗަށް ނުކުންނައިރު އާޖެންޓީނާ ނުކުންނަނީ ކުރިން ދެ މެޗުގައި އެ ޓީމަށް ހެދުނު މިސްޓޭކުތައް ރަނގަޅުކޮށްގެންނެވެ. ޓީމަުގެ ލައިންއަޕަށް ބަދަލު އަންނާނެ ކަމުގެ އިޝާރާތް ކޯޗް ހޯޖޭ ސަމްޕައޮލީ ވަނީ ދީފަ އެވެ.

"އަހަރެމެން ގެނައި ބަދަލު ތަކުން ވަކިވަކި ކުޅުންތެރިންގެ އިންޑަވިޖުއަލް ހުނަރާއި މުލި ޓީމެއްގެ ގޮތުގައި ކުޅޭތަން ފެންނާނެ." ސަމްޕައޮލީ ބުންޏެވެ.

އައިސްލެންޑާ ދެކޮޅަށް އަތުން މޮޅުވުމުން، ނައިޖީރިއާއަށް އޮތީ ބޮޑު އިތުބާރެއް ލިބިފަ އެވެ. ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އާޖެންޓީނާ އަށް ވުރެ ބޮޑަށް އޮތީވެސް ނައިޖީރިއާ އަށެވެ. ކޮރޭޝިއާ އަތުން އައިސްލެންޑް ބަލިވެ، އާޖެންޓީނާ މެޗު އެއްވަރު ކޮށްލައިގެން ވެސް ނައިޖީރިއާ އަށް ދެ ވަނަ ބުރަށް ދެވޭނެ އެވެ.

ނައިޖީރިއާގެ ކޯޗް ރޯރް ބުނީ، އާޖެންޓީނާ އާ ދެކޮޅަށް ނުކުންނަ މެޗަށް، ނައިޖީރިއާގެ ކުޅުންތެރިންނަށް އިތުބާރު އެބައޮތް ކަމަށެވެ.