ކުޅިވަރު

ހުރިހާ މެޗަކުން މޮޅުވެ ކޮރޭޝިއާ އެއްވަނަ އަށް

ގުރޫޕްގެ ފަހު މެޗުގައި، އައިސްލެންޑްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ގުރޫޕްގެ ހުރިހާ މެޗަކުން މޮޅުވެގެން ކޮރޭޝިއާއިން ގުރޫޕްގެ އެއް ވަނަ ހޯދައިފި އެވެ.

ގުރޫޕްގެ އެއް ވަނަ ހޯދުމުން، ދެ ވަނަ ބުރުގައި ކޮރޭޝިއާ ނިކުންނާނީ ގުރޫޕް ސީ ގެ ދެ ވަނަ ޑެންމާކާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 11:00 ގަ އެވެ.

އެ ގުރޫޕްގެ ދެ ވަނައަށް ދިޔައީ، މިރޭ ނައިޖީރިއާ ބަލިކުރި އާޖެންޓީނާއިންނެވެ. ދެ ވަނަ ބުރުގައި އާޖެންޓީނާ ވާދަ ކުރާނީ ގުރޫޕް ސީ ގެ އެއް ވަނަ ފްރާންސާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މި އަންނަ ހޮނިހިރު ދުވަހު އިރުއޮއްސި 7:00 ގަ އެވެ.

ކޮރޭޝިއާ ކުރިން ކުޅުނު ދެ މެޗުގައި، ފުރަތަމަ 11 ގައި ކުޅުނު މުހިންމު ދެ ކުޅުންތެރިން ކަމަށްވާ، މާރިއޯ މަންޒޫކިޗް އާއި އިވާން ރަކިޓިޗްގެ ބަދަލުގައި ފުރަތަމަ 11 އިން ފުރުސަތު ދިނީ ބަދަލު ކުޅުންތެރިންނަށެވެ.

ކޮރޭޝިއާއިން ލީޑް ނެގީ މިލާން ބަޑިޗް އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފު ފެށިގެން އަށް ވަނަ މިނެޓްގައެވެ.

އައިސްލެންޑުން ނަތީޖާ ހަމަހަމަ ކުރީ، މެޗުގެ 76 ވަނަ މިނެޓްގައި، އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. އެ ލަނޑު ކާމިޔާބު ކުރީ ގިލްފީ ސިގޮޑްސަން އެވެ. އޭގެ ފަހުން ކޮރޭޝިއާ މޮޅުކޮށްދިން ލަނޑު 90 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އީވާން ޕެރިސިޗް އެވެ.