ކުޅިވަރު

ފަހުވަގުތު މޮޅުވެ ސްވިޒަލެންޑް ބްރެޒިލްއާ ހަމަކޮށްފި

ފުރަތަމަ ހާފުގެ ކުރީ ކޮޅުގައި ސާބިއާއިން ލީޑް ނެގި ނަމަވެސް، ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުން 2-1 މޮޅުވެ، ޕޮއިންޓްގެ ގޮތުން ސްވިޒަލޭންޑް ބްރެޒިލްއާ ހަމަހަމަ ކޮށްފި އެވެ.

ސާބިއާއަށް ލީޑް ހިފަހައްޓާ ލެވުނު ނަމަ، މެޗުން ދެ ވަނަ ބުރު ޔަގީން ކުރެވުނީ ހެވެ. ނަމަވެސް މިހާރު އެ ޓީމަށް ދެ ވަނަ ބުރުގެ ޖާގަ ލިބޭނީ ގުރޫޕް ފަހު މެޗުގައި ބްރެޒިލް އަތުން މޮޅު ވެގެންނެވެ.

ސާބިއާއިން ވަނީ މެޗު ފެށިގެން ފަސް ވަނަ މިނެޓްގައި ލިޑް ނަގާފަ އެވެ. ސާބިއާގެ ލަނޑު އެލެގްޒެންޑާ މިޓްރޯވިޗް ކާމިޔާބު ކުރީ ޑްސާން ޓަޑިޗް ނެގި ހުރަސް ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.

ލަނޑުގެ އިތުރުން ފުރަތަމަ ހާފުގައި، ސްވިޒަލޭންޑްގެ ގޯލަށް އަމާޒުކޮށް ސާބިއާއަށް ފޮނުވާ ލެވުނީ އެންމެ ހަމަލާއެކެވެ. އެ ބޯޅަ ސްވިޒަލޭންޑްގެ ކީޕަރު ޔާން ސޮމާ ދިފާއު ކުރީ އެވެ.

ދެ ވަނަ ހާފުގައި، ސްވިޒަލޭންޑުން ކުރިއަށް ޖެހި ވަނީ ކުޅުން ރަނގަޅު ކޮށްފަ އެވެ. އެ ޓީމުން ނަތީޖާ ހަމަހަމަ ކުރި ލަނޑު ގްރެނިޓް ޒަކާ ކާމިޔާބު ކުރުމުގެ ކުރިންވެސް އޭނާ ވަނީ ސާބިއާގެ ގޯލްގެ ދަނޑިއަށްވެސް ބޯޅަ ފޮނުވާލާފަ އެވެ.

ސްވިޒަލޭންޑަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 52 ވަނަ މިނެޓްގަ އެވެ. ސްވިޒަލޭންޑުން އުފެއްދި ހަމަލާއެއް، ސާބިއާގެ ޑިފެންސުން ބްލޮކް ކުރުމުން އެ ބޯޅަ ނިކުތީ ބޭރަށެވެ. ޒަކާ ވަނީ އުންޑައެއްހާ ބާރު މިނުގައި އެ ބޯޅަ ސާބިއާގެ ގޯލަށް ފޮނުވާލާފަ އެވެ.

ސްވިޒަލޭންޑް މެޗުން މޮޅު ކޮށްދިން ލަނޑު ޜާދާން ޝަކީރީ ކާމިޔާބު ކުރީ މެޗުގެ 90 ވަނަ މިނެޓްގައެވެ. އެ ލަނޑު ޖެހުމުގައި ޝަކީރީގެ ސްޕީޑްގެ ބޭނުން އޭނާ ވަރަށް ރަނގަޅަށް ހިފި އެވެ.

މެޗުގައި ޝަކީރީ އަށް، ސްވިޒަލޭންޑްގެ މާރިއޯ ގަވަރޮނަވިޗް ބޯޅަ ދިން އިރު، ސާބިއާގެ ކީޕަރު ފިޔަވައި ހުރިހާ ކުޅުންތެރިން ތިބީ، ސްވިޒަލޭންޑްގެ ހާފުގަ އެވެ. ޓީމުގެ ފަހަތުގައި ހުރެފައި ގަވަރޮނަވިޗް ކުރިއަށް ދިން ބޯޅައަށް ސާބިއާގެ ހާފުގެ ތެރެއަށް ޝަކީރީ ދުއްވައި ގަތީވެސް އަމިއްލަ ހާފުގެ ތެރޭގައި ހުރެފަ އެވެ.

ހާފުގެ މެދެއްހާ ހިސާބުން ޝަކީރީ ބޯޅަ ހޯދައި، އޭނާގެ ބާރު ސްޕީޑް ބޭނުންކޮށްގެން ދުވެފައި ގޮސް ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ގޯލްގެ ތެރެއަށް ބޯޅަ ފޮނާވާލީ ސާބިއާގެ ވަލްޑަމީރު ސްޓަކޯވިޗްއަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.

މޮޅާއެކު، ލިބުނު ތިން ޕޮއިންޓުން، ސްވިޒަލޭންޑް ވަނީ ޕޮއިންޓްގެ ގޮތުން ބްރެޒިލާ ހަމަހަމަ ކޮށްފަ އެވެ. ނަމަވެސް ބްރެޒިލް އަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.