ކުޅިވަރު

ސާބިއާ ބަލިކޮށް އެއްވަނައިގައި ބްރެޒިލް ދެވަނަ ބުރަށް

ސާބިއާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ގުރޫޕް "އީ" ގެ އެއް ވަނައިގައި ބްރެޒިލް ދެ ވަނަ ބުރުގެ ޖާގަ ހޯދައިފި އެވެ.

ދެ ވަނަ ބުރުގައި ބްރެޒިލް ކުޅޭ މެޗުގައި، އެ ޓީމު ނުކުންނާނީ ގުރޫޕްގެ އެފް ގެ ދެ ވަނަ ހޯދި މެކްސިކޯއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 7:00 ގަ އެވެ.

ގުރޫޕްގެ ދެ ވަނަ ހޯދި ސްވިޒަލޭންޑް ދެ ވަނަ ބުރުގައި ވާދަ ކުރާނީ، ގުރޫޕް އެފްގެ އެއް ވަނަ ހޯދި ސްވިޑެން އާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ، އަންނަ އަންގާރަ ދުވަހުގެ އިރުއޮއްސި ރާއްޖޭ ގަޑިން 7:00 ގަ އެވެ.

އެންމެ ފަހުން ކުޅުނު ދެ މެޗުގައި ބްރެޒިލްއަށް އުނދަގޫ މޮޅެއް ހޯދުނަސް، މިރޭ އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ޓީމު އެންމެ މުހިންމު ތަރި ނޭމާ ޖޫނިއާގެ ފަރާތުން ވެސް މިރޭ ރަނގަޅު ކުޅުމެއް ފެނުނެވެ. ޓީމުގެ ގޭމްގައި އޭނާގެ ބައިވެރިވުން ވަރަށް ބޮޑަށް ފެނިގެން ދިޔަ އެވެ.

ފުރަތަމަ ހާފުގެ ކުރީ ކޮޅު ވާތު ބެކް މާސެލޯއަށް އަނިޔާ ވެގެން، ބަދަލު ކުރަން ޖެހުމުން ބްރެޒިލަށް މައްސަލަ ކުރިމަތި ވެދާނެ ކަމަށް ބެލެވުނު ނަމަވެސް އެތަން އެހާ ބޮޑަށް ފެނިގެން ނުދެ އެވެ. މާސެލޯގެ ބަދަލުގައި ކުޅެން އެރި، ފިލިޕޭ ލުއިސް ވެސް ވަނީ ރަނގަޅު ބޯޅަތަކެއް ކުރިއަށް ސަޕްލައިކޮށް ދީފަ އެވެ.

ބްރެޒިލްގެ ފުރަތަމަ ލަނޑު، ފިލިޕޭ ކްޓީނިއޯ ދިން ޕާހަކުން ކާމިޔާބު ކުރީ ޕައުލީނިއޯ އެވެ. އެ ލަނޑު ޖެހުމުގައި އޭނާގެ ފިޒިކަލްގެ ބޭނުން ވަރަށް ރަނގަޅަށް ހިފި އެވެ. ސާބިއާގެ ކީޕަރާއި ޑިފެންޑަރުން ހުރަސް އަޅައި އޮއްވައި އޭގެ ތެރެއިން ދެމިގަނެ ހުހަށް އޮތް ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 36 ވަނަ މިނެޓްގަ އެވެ.

ދެ ވަނަ ހާފުގައި، ބްރެޒިލުން ކުޅުން ރަނގަޅު ކުރި އެވެ. ނަމަވެސް ސާބިއާއިން އުފައްދަމުން ދިޔަ ހަމަލާތައް ހުއްޓުވޭނެ ގޮތެއް ބްރެޒިލްގެ ޑިފެންސަކަށް ނުހޯދުނެވެ. ސާބިއާއިން ފޮނުވާލި ހަމަލާއެއް ގޯލްތެރެއަށް ޖަހަޖަހައި އޮއްވައި ތިއާގޯ ސިލްވާ ދިފާއު ކުރުމުން އެ ބޯޅަ ހޯދީ ކީޕަރު އެލިސަން އެވެ.

ބްރެޒިލްގެ ދެ ވަނަ ލަނޑު، މެޗުގެ 68 ވަނަ މިނެޓްގައި ނޭމާ ނެގި ކޯނަރު ބޮލުން ގޯލް ތެރެއަށް ވައްދައިލައިގެން ލަނޑު ކާމިޔާބު ކުރީ ތިއާގޯ ސިލްވާ އެވެ.

އެ ލަނޑަށް ފަހު ނޭމާ އަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް ގޯލްގެ އެތެރެއަށް ބޯޅަ ވައްދާލެވިފައެއް ނުވެ އެވެ.

ފޮޓޯ: ފީފާ