ބޮލީވުޑް

"ޝޮޓްގަން ޝާދީ"ގައި ޕަރިނީތީއާއި ސިދާތު

ފިލްމު "ޝޮޓްގަން ޝާދީ" ގެ ޓީމުން، އެ ފިލްމަށް ބަތަލާއަކު ހޯދަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް އެ ފިލްމުގެ ބަތަލާއަކަށް ނެގުމަށް މަޝްވަރާތައް ވެސް ކުރެވުނެވެ. އެ ތަރިންގެ ތެރޭގައި ކްރިތީ ޝެނޮން، ސޮނާކްޝީ ސިންހާ އަދި ފާތިމާ ސަނާ ޝެއިޚްވެސް ހިމެނެ އެވެ. ނަމަވެސް މި ތަރިންގެ ޝެޑިއުލްތައް ބިޒީކޮށް އޮތުމާއެކު ފިލްމު ޝޫޓުކުރާނެ ވަގުތެއް ނުލިބުނެވެ.

މިހާރު މި ފިލްމުގެ ބަތަލާއަށް ހަމަ މަޝްހޫރު އެކްޓްރެސްއެއް ކަމަށްވާ ޕަރިނީތީ ޗޯޕްރާ ވަނީ ނަގާފަ އެވެ. ޕަރިނިތީއާއެކު ލީޑުން ފެނިގެންދާނީ ސިދާތް މަލްހޯތުރާ އެވެ. ފިލްމުފެއާއިން ރިޕޯޓުކުރި ގޮތުގައި ޕަރިނީތީ މިހާރު ވަނީ މި ފިލްމު ކުޅުމަށް އެއްބަސްވެފަ އެވެ.

ސިދާތްއާއި ޕަރްނީތީ އެކުގައި މީގެ ކުރިންވެސް ފިލްމެއް ކުޅެފައިވެ އެވެ. އެއީ ފިލްމު "ހަސޭ ތޯ ފަސޭ" އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއްވެސް ލިބުނެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް ގިނަ މީހުނަށް ކަމުދިޔައީ މި ދެމީހުންގެ އޮން ސްކްރީން ކެމިސްޓްރީ އެވެ. މި ފިލްމަށް ޕަރިނީތީ ނެގީ މި ސަބަބަށްޓަކައި ކަމަށް ބެލެވެ އެވެ.

މި ފިލްމުގައި ޕަރިނީތީ ކުޅޭނީ ވަރަށް ބިރުކުޑަ އަންހެއް ކުއްޖެއްގެ ރޯލެވެ. އިންޑިއާގެ ބިހާރީއަށް ނިސްބަތްވާ އަނިޔާވެރި ފޭރޭ މީހެއްގެ ރޯލު ސިދާތު ކުޅޭއިރު، އޭނާ މިހާރު އަންނަނީ މި ރޯލަށް ތައްޔާރުވުމުގެ ގޮތުން ކުލާސްތައްވެސް ނަގަމުންނެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައި އޮންނާނީ އުތުރު އިންޑިއާގައި ކައިވެނިކުރަން އުޅޭ ފިރިހެނުން ރަހީނުކުރާ ހިސާބުންނެވެ.

އެކްތާ ކަޕޫރާއި ޝާއިލެޝް އާރް ސިންހު ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓުކުރަނީ ޕްރަސާންތު ސިންހު އެވެ. ޕްރާސާންތު ކުރިން މަޝްހޫރު ޑައިރެކްޓަރު އާނަންދު އެލް ރާއީއާއެކު މަސައްކަތްކޮށްފައިވެ އެވެ.