ބޮލީވުޑް

އަނުޝްކާއާ ވިރާޓް އެކުގައި ހޭދަކުރާނީ 21 ދުވަސް

މިދިޔަ އަހަރު ޑިސެމްބަރު މަހު ކައިވެނި ކުރި ހިސާބުން ފެށިގެންވެސް އަނުޝްކާ ޝަރްމާއާއި ވިރާޓް ކޯލީ ވަރަށް އުނދަގުލުގައިވެސް އެކުގައި ވަގުތު ހޭދަކުރަމުން އާދެ އެވެ. ފިލްމުތަކުގެ މަސައްކަތްތަކަަށް އަނުޝްކާ ބޭރު ގައުމުތަކަށް ދަތުރުކުރަމުން އަންނައިރު، ވިރާޓް އަވަދިނެތި އުޅެނީ އޭނާގެ ކްރިކެޓް މެޗުތަކުގަ އެވެ.

ވިރާޓްއަށް ކިރިޔާވެސް ހުސް ވަގުތުކޮޅެއް ލިބޭއިރަށް އަނުޝްކާގެ ފިލްމު ސެޓްތަކަށް ގޮސްއުޅޭކަން މީޑިއާތަކުން އަބަދުވެސް ރިޕޯޓުކުރަމުން އާދެ އެވެ. ދެމީހުންވެސް ބިޒީކޮށް އުޅެންޖެހުމާއެކު އެކުގައި ހޭދަކުރަން ލިބޭ ވަގުތުކޮޅު އޮންނަަނީ ކުޑަވެފަ އެވެ. ކައިވެންޏަށްފަހު މުމްބާއީގައި ހުންނަ މި ދެމީހުންގެ ގޭގައިވެސް އެކުގައި ހޭދަކޮށްފައި ވަނީ މަހަކަށްވުރެ ކުޑަ ދުވަސްކޮޅެކެވެ.

އަނުޝްކާ ގިނަ ފިލްމުތަކެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ފިލްމު "ޒީރޯ" އާއި "ސުއީ ދަގާ" ހިމެނެ އެވެ. ވިރާޓްވެސް ގިނަ މެޗުތަކެއް ކުޅެމުން އަންނައިރު، އަންނަ އަހަރަށްވެސް ގިނަ މެޗުތަކެއް ތާވަލުކޮށްފައި އެބަހުއްޓެވެ. އަނެއްކޮޅުން މި ދެމީހުން ބްރޭންޑުތައް އިޝްތިހާރު ކުރުމަށްވެސް ގިނަ ވަގުތު ހޭދަކުރެ އެވެ.

ދެމީހުންވެސް ބިޒީވުމާއެކު މިހާރު އެ ދެމީހުން ވަނީ އަންނަ އަހަރު މަދުވެގެން 21 ދުވަސް އެކުގައި ހޭދަކުރަން ނިންމާފަ އެވެ. ފިލްމުފެއާއިން ރިޕޯޓުކުރި ގޮތުގައި މި ދެމީހުން މި ގޮތަށް ނިންމީ އަމިއްލަ މަސައްކަތްތަކުގެ އިތުރުން ދެ މީހުން އެކުގައި ފަށާފައިވާ ބައެއް ވިޔަފާރީގެ މަސައްކަތްތައްވެސް ވަގުތުދޭންޖެހެތީ ކަމަށެވެ.

ކޮންމެ އަހަރަކުވެސް 21 ދުވަސްވަންދެން އެއްވެސް އިތުރު މަސައްކަތެއް ނުކޮށް އެކުގައި ވަގުތު ހޭދަކުރަން އެ ދެމީހުން ބޭނުންވެ އެވެ.