ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް އެ ދެ މީހުންގެ މެދުގައި މިހާރު އުފެދިފައިވާ ހާއްސަ ގުޅުމާ ބެހޭގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނާތީ ރުޅިގަދަވާ މީހުން ރުޅިގަދަ ވަނީ އެވެ. ދެ މީހުން އެކުގައި ނުފެންނަ ތަނެއް ނެތި، މީޑިއާގައި މި ވާހަކަ މިހާ ގަދައަށް ދެކެވޭއިރު، ދެ މީހުންވެސް ބަހެއް ނުކިޔާނަމަ ދެން ވާންވެސް އޮތީ މިހެންނެވެ.
އެންމެފަހުން އިއްޔެ ޕްރިޔަންކާ ވަނީ ނިކް ގޮވައިގެން މުމްބާއީގައި ހުންނަ އޭނާގެ ގެއަށް ވެސް ގޮސްފަ އެވެ. ރިޕޯޓުތައް ބުނާގޮތުން ޕްރިޔަންކާ ވަނީ އޭނާގެ އާއިލާގެ މެމްބަރުންނާއި މަންމާ އާއި މާމައަށް ވެސް ނިކް ތައާރަފު ކޮށްދީފަ އެވެ. މިއާއެކު މިހާރު ބައެއް މީހުން ބުނަމުން އަންނަނީ ޕްރިޔާންކާއާއި ނިކް "ރިޝްތާ ޕައްކާ" ވީ ކަމަށެވެ. މިއީ އެ ދެ މީހުން ކައިވެނި ކުރަން އުޅޭ ކަމުގެ އިޝާރާތެއްކަަމަށް މީޑިއާތަކުން ވެސް ވަނީ ބުނަން ފަށާފަ އެވެ.
މި ވާހަކަ މިހެން މި ދެކެވެނީ މީގެ ދެ ހަފްތާއެއްކުރިން ނިކް އޭނާގެ އާއިލާއަށް ޕްރިޔަންކާ ތައާރަފުކޮށްދީފައި ވާތީއެވެ. ނިކްގެ ދެ ބެންގެ ދެ ދަރި މީހެއް ކަމަށްވާ ރޭޗަލް ޓަމްބްރޫލީގެ ކައިވެންޏަށް ނިކް ދިޔައީ ޕްރިޔަންކާ ގޮވައިގެންނެވެ. އެ ހަފްލާގެ ތެރެއިން ނިކްގެ އާއިލާގެ ގިނަ ބަޔަކާ ޕްރިޔަންކާ ވަނީ ބައްދަލުކޮށްފަ އެވެ. ޕްރިޔަންކާ ވަނީ ނިކްގެ މައިންބަފައިންނާ ވެސް ބައްދަލުކޮށް އެކުގައި ވަގުތު ހޭދަކޮށްފަ އެވެ.
ނިކްގެ އިންސްޓަގުރާމްގައި ވެސް ޕްރިޔަންކާ ފޮޓޯއާއި ވީޑިއޯތައް މިހާރު ގިނަ އެވެ. މުމްބާއީގެ ޖޭއެފްކޭ އެއާޕޯޓުން މި ދެ ތަރިން އެކުގައި ފެނުނު ފޮޓޯތަކާއި ރޭ މުމްބާއިގައި ޑިނާ ޑޭޓަކަށް ގޮސް އުޅުނު ފޮޓޯތަކެއް ވެސް މީޑިއާގައި މިހާރު އަންނަނީ ދައުރު ވަމުންނެވެ.
މި ދެ ތަރިން އެންމެ ފުރަތަމަ ދިމާވީ މިދިޔަ އަހަރު ބޭއްވި މެޓް ގާލާ އިވެންޓުންނެވެ. އެ އިވެންޓަށްފަހު މި ދެ މީހުންގެ ދެމެދުގައި ގާތް ގުޅުމެއް އުފެދިފައިވެ އެވެ. މި ދެ މީހުން އެފަހަރު މެޓް ގާލާގައި ލީ ޑިޒައިނަރު ރެލްފް ލޯރެންގެ ޑިޒައިންޑް ހެދުންތަކެވެ.
އޭގެ ފަހުން މިއަދާ ހަމައަށް މި ދެ ތަރިން އެކުގައި އެކި ތަންތަނުން ފެނިފައިވެ އެވެ. ލޮސް އެންޖަލަސްގައި އޮތް "ބިއުޓީ އެންޑް ދަ ބީސް ލައިވް ކޮންސާޓް" އާއި ރައްޓެހިންނާއެކު އެކި ދަތުރުތަކާށާއި، ޑިނާ ޑޭޓުތަކަށް ގޮސްފައިވެ އެވެ. ދެ މީހުންގެ މެދުގައި މިކަހަލަ ގާތް ގުޅުމެއް އޮތް ކަމަށް ވާހަކަދެވެން ފެށީ މި ތަންތަނަށް ގޮސް ނަގާފައިވާ ބައެއް ފޮޓޯތައް ދައުރުވާން ފެށި ހިސާބުންނެވެ.