ލައިފްސްޓައިލް

މަސައްކަތްކުރަނީ ކުރާ ހިތުންތަ؟

Jun 2, 2015

މަސައްކަތަށް ދާން ޖެހޭ ޖެހުން ވަރަށް ގިނައިން އަޅުގަނޑުމެންނަށް ވަނީ ބޮޑު ބުރައަކަށެވެ. ދައްކާ ބަނަހާތަކާ، އުޒުރުތަށް ގިނަ ކަމުން އަޑު އަހަން ހުންނަ މީހާ ޖެހެނީ ކަންފަތް މަތީގައި އަތް އަޅައިގެން ނިކުންނާށެވެ. ފަހަރެއްގައި ތިބާއަކީ ވެސް މީގެއިން މީހަކަށް ވެދާނެއެވެ. މިކަހަލަ މީހުން ދެނެގަތުމަށް، އެމީހުންގެ އަމަލުތައް ހުންނަނީ ކިހިނެތްތޯ ބަލާލަމާ ހިނގާށެވެ.

މިއީ ވަރަށް އާންމު ކަމެކެވެ. މި މިޒާޖުގެ މީހުންނަކީ އޮފީހުގެ ބޮޑުމީހުން ނޫނީ އޮފީހުގައި އުޅޭ އެންމެންގެ މޮޅެތި ވާހަކަ ދައްކާ މީހުންނެވެ. އެހެން މީހުންގެ ހަޔާތުގައި ހިނގާ ހުރިހާ ކަމެއް އެންމެ ފުރަތަމަ އިނގޭ ބަޔަކީ މި ގޮސިޕް ކުރާ މީހުންނެވެ. ނޭނގޭ އެއްޗެއް ނުހުންނާނެއެވެ. އޮފީސްތެރޭގައި އެމީހުން ލޭބަލްވެފަ ތިބެނީ "އެންޓަޓެއިނާއިން" ގެ ނަމުގައެވެ. މީހުންގެ މަސް ކެއުމުގެ އިތުރުން އޮފީހުގެ ހުރިހާ ކަމެއްވެސް ދަންނަނީ ހަމަ މި މީހުންނެވެ.

މަސައްކަތް ކުރަން ބޭނުން ނުވާ މީހަކީ އެއްވެސް ކަމަކާއި ހިތްހަމަ ނުޖެހި އަބަދު ކޮންމެވެސް ކަމަކާއި ޝަކުވާ ކުރާ މީހާއެވެ. އެމީހަކު ބަލާނީ އެެހެން މީހުންގެ ކުށް ހޯދާ، އެހެން މީހުންގެ ބޮލުގައި އިލްޒާމް އެޅުވޭތޯއެވެ. ޓްރެއިންނިންއެއް ހަމަޖެއްސިއްޔާ އެއަށް ނައިސް ފަހުން އޮފިސް ސިސްޓަމުން މައްސަލަ ހޯދާ އެހެން މީހަކަށްވެސް މަސައްކަތް ކުރާކަށް ފުރުސަތެއް ނުދޭނެއެވެ.

އޮފީހަށް އައިސް އެންމެ ފުރަތަމަ ހުޅުވާލެވޭނީ ޓްވިޓާ އެހެންނޫނީ ފޭސްބުކެވެ. މަސައްކަތް ކުރަން ފެށޭނީ ހުރިހާ އެންމެންގެ ކޮމެންޓް ތަކަށް ޖަވާބުދީ، ނިއުސްފީޑްގައި ތިބޭހާ މީހުންގެ ޕްރޮފައިލް ހާވާ ނިމުމުންނެވެ. އެހެންނޫނީ އޮންލައިން ފިހާރައެއް ހާވާލަ ހާވާލާ އޮފީހުގައި ތިބެގެން ކޮންމެވެސް އެއްޗެކަށް އޯޑަރު ދޭނެއެވެ.

އޮފީހުގައި އަށް ގަޑިއިރު މަސައްކަތް ކުރާނަމަ އޭގެ ތެރެއިން ދެ ގަޑިއިރު ހޭދަ ވަނީ ކޮންމެވެސް ބިޓަކަށް ނޫނީ ރަހްމަތްތެރިއަކަށް ކުޅައިގެން "އެއްކަލަ" ކުއްޖާގެ ވާހަކަ ދައްކަންށެވެ. އެހެންނޫނީ އެންމެ ފަހުން އެޕް ސްޓޯރަށް ނިކުތް އާ ގޭމް ޑައުންލޯޑް ކޮށްގެން ކުޅެންށެވެ.

މެންދުރު 12 ނުޖަހަނީސް އޭގެ ދެގަޑި އިރު ކުރިން ނެގި ކޮންޓިނެންޓަލް ބްރޭކްފާސްޓްގެ ހިލަމެއްވެސް ނުހުންނާނެއެވެ. ބަނޑުހައި ވެގެން މުޅި މީހާ ހުންނާނީ ހާންތި ވާވަރު ވެފައެވެ. ގަޑިއެއްހާއިރު ބޭރުގަ އުޅެލާފަ އަނެއްކާވެސް ދޮޅުގަޑި އިރު ފަހުން ކޮފީއަކަށް ދާން ރައްޓެއްސަކު ގުޅީމަ އެޖެހުނީ ދާންށެވެ.

އާންމު ގޮތެއްގައި މިކަހަލަ މީހުންނަކީ ދިރިއުޅުމުގައި އެެއްވެސް ކަހަލަ މަގްސަދެއް، މިސްރާބެއް އޮންނަ ބައެއް ނޫނެވެ. ކުރާ މަސައްކަތް ކުރަނީ ކިރިޔާ އޮފީހުން ކަނޑާނުލާ ބަހައްޓާ މިންވަރަކަށެވެ. ކުރެވޭ މަސައްކަތާ ބަލާ މިމީހުންގެ އާމްދަނީ ވަރަށް ބޮޑެވެ.

ހަވާލު ކޮށްަފައިވާ މަސައްކަތް ނުނިމި ގިނަ ދުވަހަށް ދިގު ދެމުމަކީ މިކަހަލަ މީހުންގެ އާދައެކެވެ. އެންމެ ފަހުން އެމަސައްކަތް ޖެހެނީ އެހެން މީހަކާއި ހަވާލު ކޮށްލަންށެވެ. ގިނަ ފަހަރަށް ކުރަން ހަވާލުކޮށްފައިވާ މަސައްކަތް އިނދެގެން އުޅޭ މީހާއާއި ނޫނީ ގާތްތިމާގެ ކޮންމެވެސް ކުއްޖަކު ލައްވާ ކުރުވަނީއެވެ.

އޭނާ ބުނާ ގޮތުން އޮފީހުގެ އެއްވެސް އިސްފަރާތަކަށް އެމީހަކު ކުރާ މަސައްކަތެއް ކަމުނުދާނެއެވެ. ކުރަން ޖެހޭ މަސައކަތާއި ބަލާ ލިބޭ ބޯނަސް އެއްވެސް އެއްޗަކަށް ނުވެއެވެ. އެކީގައި މަސައްކަތް ކުރަން ޖެހޭ އެކަކުވެސް އޭނާ "އަންޑަސްޓޭންޑެއް" ނުވެއެވެ.

އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހު ހަވީރު ވަންދެން މޭޒުމަތީގައި ބޯ އަޅައިގެން، ކޮންމެވެސް ތަނެއްގަ ރިއްސާ، އެހެންނޫނީ ނުނިދޭ ބަހަނާ ދައްކާނެއެވެ. އެމީހަކު ނިދިއައިސްގެން ވެއްޓި ވެއްޓި ހުއްޓަސް އެދުވަހު އޮފީސް ނިމޭ ގަޑިއަކު އޭނާ ހުންނަނީ އުޑާ ބިމާއި ދޭތެރޭ ނަށާލަ ނަށާލައެވެ. ގެއަށް ގޮސް ހެދުން ބަދަލު ކޮށްލައިގެން އަވަހަށް ބޭރަށް ކޮފީއަށް ދެވޭތޯ ބަލައެވެ. ބައެއް ފަހަރު ގެއަށް ގޮސް އެނދަށް ވެއްޓިގަންނަ ގޮތަށް ލެޕްޓޮޕް މޭމަތީ ބާއްވާއިގެން އެންމެ ފަހުގެ 'ގޭމް އޮފް ތްރޯންސް'ގެ ފަހު އެޕިސޯޑު އަޅުވާލައިގެން ހޮނިހިރު ދުވަސް އަންނަން ދެން އޮންނާނީ އެތާއެވެ.

އޮފީހަށް މަހަކު 30 ދުވަހު ދާން ޖެހޭ އިރު ބަހަނާ ދައްކައިގެން އޮފީހަށް ނައިސް 10 ދުވަހު ހުރެއެވެ. ކުއްލިއަކަށް ކުޅެން ގޮއްސަ ހުއްޓާ ވެއްޓި ދެ ފައިގަ ޕްލާސްޓަރު އަޅަން ޖެހިދާނެއެެވެ. ގޭއަށް ފެން ނުލިބިގެން ފެންނުވެރިގެންނޭ ކިޔާފަވެސް ނައިަސް ތިބެއެވެ. ފަޅާ އަރަނީ ސޯޝަލް މީޑިޔާ އަށްލާ ފޮޓޯ ތަކުންނާއި ސްޓޭޓަސް ތަކުންނެވެ.

އަޅުގަނޑުމި ދަންނަވަނީ ތިޔަ އެންމެހާ ބޭފުޅުން އަބަދު އަވަދި ނެތި ވަޒީފާގައި މަސައްކަތް ކުރަން ދެވިހިފާފަ ތިބޭށެކޭ ނޫނެވެ. އެމީހަކު ކުރާ މަސައްކަތެއް އެންމެ ރަނގަޅު ގޮތުގައި ކުރެވޭނީ އެމީހަކު ކުރާ ހިތުން، ކުރަން ބޭނުންވާ މަސައްކަތެއް ކުރީމައެވެ. ހަމައެކަނި އާމްދަނީ ހޯދުމަށްޓަކައި އެހެންނޫނީ ގިނަ ލާރި ލިބެއޭ ކިޔާ، ތިކުރާ މަސައްކަތަށް ވުރެން ރަނގަޅު ވާނީ ނުކުރިއްޔާއެވެ.

މިހާރު އަޅުގަނޑުމެން މިއުޅޭ މުޖްތަމައުގެ ހާލަތު ހުރި ގޮތުން، ބޭނުންވާ ވަޒީފާަ އަކަށް ނުދެވި އިތުރު އާމްދަނީ ލިބޭ ތަންތަނަށް ދާން އެބަޖެހެއެވެ. ކަންމިހެން އޮތަސް ކެތްތެރިވާން އެބަ ޖެހެއެވެ. އަޑި ގަނޑަކަށް ފަހު އަބަދުވެސް އުސް ގަނޑެއް އަންނާނެއެވެ.