ދުނިޔެ

ޓްރަމްޕްގެ ރާގު ބަދަލުވެ އުތުރު ކޮރެއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އާކޮށްފި

Jun 23, 2018
2

އުތުރު ކޮރެއާ އާއި ބެހޭގޮތުން ދެއްކެވި ވާހަކަތަކުގެ ރާގު ބަދަލުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ގައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުުމުގެ ފިޔަވަޅުތައް އާކޮށްފި އެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންއުން އާއެކު ސިންގަޕޫރުގައި ބޭއްވުނު ތާރީހީ ބައްދަލުވުމުގެ އެންމެ 10 ދުވަސް ފަހުން، ޓްރަމްޕް ވަނީ ރާގު ބަދަލުވެ އުތުރު ކޮރެއާ އަކީ "ބޮޑު ނުރައްކަލެއް" ގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އެމެރިކާގެ ރައީސަކު އުތުރު ކޮރެއާގެ ލީޑަރަކާއި ފުރަތަމަ ފަހަރަށް ބައްދަލުކުރައްވާ ލިބުނު ކާމިޔާބީ އަށް މި ނިންމުމުގެ ސަބަބުން ވަނީ ހިޔަނި އެޅިފަ އެވެ.

ޖޫން 12 ވަނަ ދުވަހު ބޭއްވުނު ތާރީހީ ސަމިޓަށްފަހު، ޓްރަމްޕް ވިދާޅުވެފައި ވަނީ، ސުލްހަވުމުގެ ޔަގީންކަމެއްގެ ގޮތުން، ދެކުނު ކޮރެއާއާ އެކު ހިންގާ އަސްކަރީ ހަރަކާތްތައް މިވަގުތު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ އަސްކަރީ އެހީ އާއި ސިފައިން ކޮރެއާ ޕެނިންސުއޭލާ ސަރަހައްދުގެ ގައުމުތަކުގައި ތިބޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ސަމިޓްގެ އެންމެ މުހިންމު ކާމިޔާބީ އެއްގެ ގޮތުގައި ފާހަގަކުރެވުނީ، ކޮރެއާ ސަރަހައްދަށް ސުލްހަ ގެނައުމަށް ނިއުކުލިއާ ހަތިޔާރުން ސަލާމަތްވެފައިވާ ސަރަހައްދަކަށް ކޮރެއާ ސަރަހައްދުގެ ގައުމުތައް ހެދުމެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން، އުތުރު ކޮރެއާއަށް ރައްކާތެރިކަން ދިނުމަށާއި އެ ގައުމުގެ މައްޗަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރަށް ހުންނެވިކަން ރައީސް ޓްރަމްޕް އޭރު ވަނީ ހާމަކުރައްވާފަ އެވެ.

ނަމަވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުތަކަށް ނިމުމެއް ގެންނާނީ، ނިއުކްލިއާ ހަތިޔާރުތައް ނައްތާލުމަށް އުތުރު ކޮރެއާ އިން ލިބޭ އެއްބާރުލުމަށް ބެލުމަށްފަހު އެވެ.

އެކެރިކާގެ ޑިމޮކްރެޓުން ވަނީ، ޓްރަމްޕްގެ ރާގު ކުއްލިއަކަށް ބަދަލުވުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ސަމިޓަކީ "ފޮޓޯ ގަނޑަކަށް" ވުރެ މުހިންމު ބައްދަލުވުމެއްކަމަށާއި، އުތުރު ކޮރެއާ އާއެކު ޒަމާނުއްސުރެ އުފެދިފައިވާ ނުރައްކާތެރި ހާލަތައް ދާއިމީ ހައްލެއް ހޯދަން ސީރިއަސް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.