ކުޅިވަރު

މިޑްލްސްބަރާގެ ޔޫތުޓީމަށް ކުޅުނު މިޑްފީލްޑަރު އީގަލްސްއަށް

ކުރިން އިނިގިރޭސި ޕްރިމިއާ ލީގްގައި ވާދަ ކުރި މިހާރު، އިނގިރޭސި ޗެމްޕިއަންޝިޕްގައި ވާދަ ކުރަމުން އަންނަ މިޑްލްސްބަރާގެ ޔޫތު ޓީމަށް ކުޅުނު މިޑްފީލްޑަރެއް ކަމަށްވާ ޑެނިއަލް ޑިޒޯންގެ ސޮއި އީގަލްސްއިން ހޯދައިފި އެވެ.

މިއި ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގަށް އީގަލްސް ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމުން ހޯދި ކުޅުންތެރިޔެކެވެ. އޭނާ އީގަލްސްއާއެކު އެއްބަސްވުން ހަދާފައި ވަނީ ސީޒަންގެ ބާކީ އޮތް ބަޔަށެވެ.

އޮސްޓްރޭލިއާ އާއި އިނގިރޭސި ވިލާތުގެ ރައްޔިތުކަން އޮންނަ ޑިޒޯން އަކީ އެޓޭކިން މީޑްފީލްޑަރެކެވެ. ނަމަވެސް ވިންގާއި ސްޓައިކަރުގެ މަގާމަށްވެސް އޭނާ އަށް ކުޅެވޭނެ ކަމަށް އޭނާގެ އެޖެންޓް ބުންޏެވެ.

އީގަލްސްއާ ގުޅުމުގެ ކުރިން، އޭނާ ކުޅުނީ އޮސްޓްރޭލިއާގެ ދަށް ޑިވިޝަނެއް ކަމަށްވާ ވިކްޓޯރިއާގެ ނެޝަނަލް ޕްރިމިއާ ލީގަށެވެ. އޭނާ ކުޅުނު އެންމެ މަތީ ލީގަކީ އިނގިރޭސި ނޮދަން ލީގްގައެވެ.

ޑިޒޯން، 23 އާ ހަވާލަދީ އޭނާގެ އެޖެންޓް ބުނީ، ރާއްޖޭގެ އެންމެ މަތީ ލީގަށް ބަދަލުވުމުން އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ކަމަށެވެ. އަދި އީގަލްސްއަށް ކުޅުމުގެ ސްޓައިލަށް ފަސޭހައިން ހޭނޭނެ ކަމަށް އޭނާ ބުނެފައިވާ ކަމަށް އެޖެންޓް ބުންޏެވެ.

ދިވެހި ޕްރިމިއާ ލީގް ފަށާނީ، މިއަންނަ ބުރާސްފަތި ދުވަހު އެވެ. އީގަލްސް ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހުގެ ހަވީރު އެ ޓީމު ނިކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. އީގަލްސް ވަނީ ނިމިދިޔަ މާލޭ ލީގްގެ ދެ ވަނަ ހޯދާފަ އެވެ.