ވިޔަފާރި

އައިއެމްޓީއެމް ޓޫރިޒަމް ފެއާ އަދާރަން ރިސޯޓުގައި ފަށައިފި

Jun 23, 2018

މޯލްޑިވްސް އިންޓަނޭޝަނަލް ޓްރެވަލް މާކެޓް (އައިއެމްޓީއެމް 2018) ފެއާ އަދާރަން ރިސޯޓުގައި މިއަދު ފަށައިިފި އެވެ.

އަދާރަން ސެލެކްޓް ހުދުރަންފުށި ރިސޯޓުގައި މާދަމާގެ ނިޔަލަށް ކުރިއަށްދާ ފެއާ ހުޅުވައި ދެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ.

ޓުއާ އޮޕަރޭޓަރުން ރާއްޖެ ގެނެސްގެން ބާއްވާ، އައިއެމްޓީއެމް އެ ކުންފުނީގެ ސީއޯއޯ ރާފިލް މުހައްމަދު ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ މި ފެއާގައި 130 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ.

އައިއެމްޓީއެމް 2018 ފެއާގައި 18 ގައުމަކުން ބައިވެރިވެފައިވެ އެވެ. މި ގައުމުތަކުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތައް ކަމަށްވާ ޗައިނާ އާއި އިންޑިޔާ އަދި އިނގިރޭސިވިލާތުގެ އިތުރުން ގެސްޓްހައުސް މާކެޓަށް ޓޫރިސްޓުން އަންނަ ރަޝިއާ އާއި ޔޫކްރެއިން އަދި އަރަބިބައެއް ގައުމުތައް ކަމަށްވާ ޔޫއޭއީ ފަދަ ގައުމުތައް ހިމެނެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އައިއެމްޓީއެމް އިންތިޒާމުކޮށްފައިވަނީ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުނާއެކު ފެއާ ކުރިއަށްދާއިރު، ގެސްޓްހައުސްތަކާއި ސަފާރީ އަދި ރިސޯޓުތަކުން ފެއާ ކުރިއަށްދާ އަދާރަން ރިސޯޓަށް އައިސް ބައްދަލުވުންތައް ކުރިއަށް ގެންދާ ގޮތަށެވެ. މިގޮތުން މި އަހަރުގެ ފެއާގައި ރާއްޖޭގެ 42 ގެސްޓްހައުސް އަކާއި 44 ރިސޯޓެއް އަދި 13 ސަފާރީއަކުން ބައިވެރިވެފައިވެ އެވެ.