ކުޅިވަރު

ޓިއުނީޝިއާ ޓީމުގެ ޒިންމާ، އަރަބިންގެ ފަހްރު ދެމެހެއްޓުން

މިއަދު ބެލްޖިއަމް އާ ދެކޮޅަށް ނުކުންނަ މެޗަށް، ޓީއުނީޝިއާ ނިކުންނަނީ ބޮޑު ޒިންމާއެއް އެޓީމުގެ ކޮނޑުގައި އޮތް ކަމަށް ދެކިގެން ކަމަށް ޓިއުނީޝިއާގެ ކޯޗް ނަބީލް މާލޫލް ބުނެފި އެވެ.

ޓިއުނީޝިއާ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް ކަމަށް އޭނާ ސިފަ ކުރަނީ، ވޯލްޑްކަޕުގައި އަރަބިންގެ ފަހްރު ދެމެހެއްޓުމެވެ. މުބާރާތުގައި ވާދަ ކުރާ އަރަބި ހަތަރު ޓީމުވެސް ވަނީ ކުޅުނު މެޗުތަކުން ބަލި ވެފަ އެވެ. އެއީ ޓިއުނީޝިއާގެ އިތުރުން، މޮރޮކޯ އާއި ސައުދީ އަރަބިއްޔާ އަދި މިސްރެވެ.

"އަހަރެމެން ޖެހޭނެ (މިއަދު) ގެ މެޗުން މޮޅުވާން އަހަރެމެންނަށް އިތުރު ޗޮއިސްއެއް ނެތް،" އިއްޔަ މީޑިއާ ވާހަކަ ދައްކަމުން މާލޫލް ބުންޏެވެ. "ބެލްޖިއަމްގެ ޓީމު ވަރަށް ގަދަ ނަމަވެސް އަހަރެމެން މިތިބީ ވަރަށް ރަނގަޅަށް ތައްޔާރު ވެގެން، އަހަރެމެން ބޭނުން ވަނީ ފުރަތަމަ މެޗުގައި އަހަރެމެން ހެދި މިސްޓޭކްތަކުން ސަލާމަތް ވާން."

"އެ ޓީމުގެ ޑިފެންސިވް ލައިން ހުޅުވާލުމުގެ ގާބިލު ކަން އަހަރެމެންގެ އެބަހުރި، އަަހަރެމެން ކުރަން ޖެހޭނެ ކަމަކީ ވީއެންމެ އަވަހަކަށް ބެލްޖިއަމްގެ ލައިނަވުރެ ފަހަތަށް ބޯޅަ ގެންދިއުން."

އިންގެލެންޑް އަތުން ޓިއުނީޝިއާ ބަލިވީ، މެޗުގެ އެންމެ ފަހު ވަގުތުގަ އެވެ. އެ ޓީމަށް ބޮޑަށް މައްސަލަ ދިމާވީ ދެ ވަނަ ހާފުގައި މުޅި ޓީމު ފަހަތަށް ފައިބައިގެން ކުޅުމުންނެވެ. މާލޫލް ބުނީ އޭނާގެ ޓީމުގައި ވަރަށް ރަނގަޅު އެޓޭކިން ވެޕަންއެއް އެބައޮތް ކަމަށެވެ.

ޓީއުނީޝިއާ ބެލްޖިއަމް ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން ހަވީރު 5:00 ގަ އެވެ. ބެލްޖިއަމްގެ ކޯޗް ރޮބާޓޯ މާޓިނޭޒްއަށް ޓީމާ މެދު އިތުބާރު އެބައޮތެވެ. ފުރަތަމަ މެޗުން ޕެނަމާ އަތުން އެ ޓީމު މޮޅުވީ ރޮމެޔޫ ލުކާކޫ ކާމިޔާބު ކުރި ލަނޑުނެވެ.

ލުކާކޫ މެޗުގައި މަސައްކަތް ކުރީ އޭނާ އަމިއްލައަށް ލަނޑު ޖެހުމަށް ކަމަށް ނުސްވެރިޔަކު ސުވާލު ކުރުމުން، މާޓިނޭޒް ބުނީ އިންޑަވިޖުއަލް އެއްވެސް މާގަމަކަށް ވާދަ ކުރާކަށް ބެލްޖިއަމްގެ ކުޅުންތެރިން ނުވިސްނާ ކަމަށެވެ.

"ބެލްޖިއަމްގެ ކުޅުންތެރިން ވިސްނަނީ މުޅި ޓީމަށް ކާމިޔާބު ހޯދަން، މާޓިނޭޒް ބުންޏެވެ. "މި ޓީމުގެ ކުޅުންތެރިން ވަކި މަގާމެއް ހޯދިޔަސް ހޯދާނީ މުޅި ޓީމަށް ކާމިޔާބު ހޯދައިދިނުމުގެ ތެރެއިން، އިންޑަވިޖުއަލް މަގާމަކަށް ދާން ބޭނުންވާ ކުޅުންތެރިންވެސް އުޅޭނެ، ނަމަވެސް ވަކިވަކި މަގާމަކަށް ވުރެ އެ ކުޅުންތެރިންްނަށް މުހިންމު ވާނީ މުޅި ޓީމަށް ކުރި އެރުން ހޯދައިދިނުން."