އަލީ އަޝްފާގު (ދަގަނޑޭ)

ޓޮޓެންހަމްއާ ދެކޮޅަށް ކުޅެ ދަގަނޑޭ ތާރީހުގެ ތެރެއަށް

ސީޒަން ނިންމާލުމުގެ ގޮތުން ޓޮޓެންހަމް އިން ކުރާ ޓުއާގައި މެލޭޝިއާގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމްގެ ދެ ލަނޑު ވެސް ޖެހީ އިންގްލެންޑްގެ ގައުމީ ޓީމުގެ ފޯވަޑް ހެރީ ކޭން އެވެ. މެލޭޝިއާ ލީގުން ހޮވާލެވުނު ޓީމުގެ ލަނޑަކީ ޓޮޓެންހަމްގެ ޑިފެންޑަރު ޑެނީ ރޯސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ދަގަނޑޭ އަށް ޓޮޓެންހަމްގެ ޑިފެންޑަރު ޑިއެންޑްރޭ ޔެޑްލިން ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭޖެހުމަކުން، އިންދްރާ ޕުޓްރާ ހުރަސްކޮށްލި ބޯޅަ ގޯލަށް ވަނީ ރޯސްގެ ބޮލުގައި ޖެހިފަ އެވެ.

މި މެޗަށް ދަގަނޑޭ ނެގި ހިސާބުން، ދިވެހިން އިންތިޒާރުކުރަމުންދިޔައީ މި ސީޒަންގެ ޕްރިމިއާ ލީގު ފަސް ވަަނައިގައި ނިންމާލީ ޓޮޓެންހަމްއާ ދެކޮޅަށް ދަގަނޑޭ ކުޅޭތަން ބަލާލާށެވެ. މެލޭޝިއާ ލީގުން ހޮވާލެވުނު ޓީމުގެ ކޯޗު ޑޯލާ ސާލޭ ރޭވި 2-4-4 ފޯމޭޝަންގައި، ދަގަނޑޭ މެޗުގެ ބޮޑު ބައި ކުޅުނީ މެދުތެރެއަށެވެ. އެޓޭކިން މިޑްފީލްޑަރެއްގެ މަގާމުގައި ކުޅުނު ނަމަވެސް، ޓޮޓެންހަމް އިން ޑޮމިނޭޓްކުރި މެޗުގައި ދަގަނޑޭ އަށް ލިބުނީ މަދު ބޯޅައެކެވެ.

އެކަމަކު ދަގަނޑޭ އަކީ ފްރާންސްގެ ގައުމީ ޓީމުގެ ގޯލްކީޕަރު ހޫގޯ ލޮރިސް ބަލަހައްޓަމުންދިޔަ ޓޮޓެންހަމްގެ ގޯލަށް ބޯޅަ ފޮނުވާލަން ފުރަތަމަ ހާފުގައި ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ޓޮޓެންހަމްގެ ހާފުގެ ތެރެއިން އެރިކް ޑަޔާ އަތުން ބޯޅަ ހޯދުމަށް ފަހު، ޕެނަލްޓީ އޭރިޔާ ތެރެއިން ދަގަނޑޭ ތިރިތިރިން ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއްނުވި އެވެ.

މެލޭޝިއާ ލީގުން ހޮވާލެވުނު ޓީމުން ގެނައި ބަދަލުތަކާއެކު، މެޗުގެ ފަހު 20 މިނިޓުގައި ދަގަނޑޭ ކުޅުނީ ސެލަންގޯގެ ބްރެޒިލް ފޯވަޑް ރަންގެލްއާއެކު ފޯވަޑް ލައިންގަ އެވެ. ރަނގަޅު ދެ ބޯޅައެއް އެ ވަގުތުކޮޅުގެ ތެރޭގައި ދަގަނޑޭ އަށް ލިބުނެވެ. ޓޮޓެންހަމްގެ ހާފުގެ ތެރެއިން ޔެޑްލިން ކައިރިން ދެމިގަތުމަށް ދަގަނޑޭ މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބެއްނުވި އެވެ. އަދި އޭގެ ފަހުން ޕެނަލްޓީ އޭރިޔާ ބޭރުން ޓޮޓެންހަމްގެ ބެންޖަމިން ސްޓަމްބޫލީ ކައިރިން ދަގަނޑޭ ދެމިގަތް ނަމަވެސް، ސްޓަމްބޫލީ ވަނީ ދަގަނޑޭ އަށް ފައުލްކޮށްފަ އެވެ.