ހަބަރު

ކައުންސިލަރުން ސަސްޕެންޑް ކުރީ ކޮންގްރެސްއަށް ހުރަސް އަޅަން: އެމްޑީޕީ

ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުުންސިލަރުން ސަސްޕެންޑް ކޮށްފައިވަނީ އެމްޑީޕީ ކޮންގްރެސް ބޭއްވުމަށް ކުރަމުންދާ މަސައްކަތައް ހުރަސް އެޅުމުގެ ގޮތުން ކަމަށް އެޕާޓީން ބުނެފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް އަބްދުﷲ ޔާމިން އަބުދުލްގައްޔޫމްގެ ސަރުކާރުގެ ސިޔާސީ ބޭނުމަށް އެލްޖީއޭއިން އިންތިހާބުކޮށްފައިވާ ކައުންސިލަރުންނަށް އެއްވެސް ހަމައެއްނެތި ފިޔަވަޅުއަޅައި އެއްފަހަރާ 26 ކައުންސިލަރަކު ސަސްޕެންޑްކުރި މައްސަލަ އެޕާޓީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ބަޔާނުގައި ވަނީ، އެލްޖީއޭ އިން ސަސްޕެންޑްކުރި 26 ކައުންސިލަރުން ސަސްޕެންޑްކޮށްފައިވަނީ އެޕާޓީގެ ރިޔާސީ ޕްރައިމެރީގެ ހަރަކާތްތަކުގައި ބައިވެރިވިކަމަށް ބުނެ ގައިރު ގާނޫނީ ހުއްޖަތު ދައްކައިގެން ކަމަށެވެ. އަދި އެ ހުރިހާ ކައުންސިލަރުން ސަސްޕެންޑްކޮށްފައިވަނީ މުސާރަ ވެސް ނުލިބޭގޮތަށް 3 މަސް ދުވަހަށް ކަމަށާއި މިއީ ސަރުކާރުގެ އަނިޔާވެރިކަމާއި ނާއިންސާފު ހައްދުން ނައްޓައިގެން ގޮސްފައިވާކަން ހާމަވެގެންދާ ކަމެއް ކަމަށްވެސް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، އެލްޖީއޭ އިން 26 ކައުންސިލަރުން ސަސްޕެންޑްކޮށްފައިވަނީ މި މަހުގެ ފަހުކޮޅު އއ. އުކުޅަހުގައި އެޕާޓީން ކޮންގްރެސް ބޭއްވުމުގެ މުހިއްމު މަސައްކަތާ ދިމާކޮށް، އެ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން ކަމަށެވެ.

ބަޔާނުގައި އިތުރަށްވަނީ، ސަރުކާރުގެ ސިޔާސީ މަގުސަދު ހާސިލްކުރުމަށް ގާނޫނާ ހިލާފަށް ނުހައްގުން ސަސްޕެންޑްކޮށް މުސާރަ ނުލިބޭގޮތަށް ފިޔަވަޅުއަޅާފައިވާ އެންމެހައި ކައުސިލަރުންނަށް، އެމްޑީޕީގެ ވެރިކަމެއްގައި ހައްގު ބަދަލު ހޯދައިދޭނެ ކަމަށެވެ. އަދި އެ ކައުންސިލަރުންގެ މުސާރަ އަނބުރާ ރައްދުކުރުމާއެކު، އެލްޖީއޭ އިން ގާނޫނާ ހިލާފަށް ހިންގާފައިވާ ކަންކަން ވަރަށް ސީރިއަސްކޮށް ތަހުގީގުކޮށް އެ ފަރާތްތަކާ މެދު ވަކިވަކިން ގާނޫނީ ފިޔަވަޅުއަޅައި އަދަބުދޭނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.