ކެޕްޓަން އެޑެން ހަޒާޑް އާއި ރޮމެޔޫ ލުކާކޫ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބު 5-2 ން ޓީއުނީޝިއާގެ މައްޗަށް ކާމިޔާބު ހޯދައި، ބެލްޖިއަމް ދެ ވަނަ ބުރުގެ އުންމީދު އާ ކޮށްފި އެވެ.
މިރޭ އިންގެލެންޑާ، ޕެނަމާ ކުޅޭ މެޗުން، އިންގްލެންޑް މޮޅު ވެއްޖެނަމަ، އިންގްލެންޑާއެކު ބެލްޖިއަމްވެސް ދެ ވަނަ ބުރަށް ދާނެ އެވެ. ޓިއުނީޝިއާ މެޗުން ބަލިވުމުން އެ ޓީމަށް ވަނީ މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިފަ އެވެ.
ބެލްޖިއަމުން ވަނީ މެޗުގެ ވަރަށް ކުރީ ކޮޅު، ޓިއުނީޝިއާގެ ގޯލް ހުޅުވާލާފަ އެވެ. މެޗުގެ ހަ ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑަކީ ލިބުނު ޕެނަލްޓީ އަކުން ހަޒާޑް ކާމިޔާބު ކުރި ލަނޑެކެވެ.
އެ ޕެނަލްޓީ ބެލްޖިއަމްއަށް ދިން ގޮތާމެދު، ޓިއުނީޝިއާގެ ކުޅުންތެރިން ޝަކުވާ ކުރި އެވެ. މެޗުގެ ފަސް ވަނަ މިނެޓްގައި، ހަޒާޑްއަށް ޕެނަލްޓީ އޭރިއާގެ އަރިމަތިން ރޮނގު ކައިރިން ކުރި ފައުލާ ގުޅިގެން ރެފްރީ ދެއްކީ ޕެނަލްޓީ އެއް ކަމަށެވެ. ޓިއުނީޝިއާގެ ކުޅުންތެރިން އެޕީލް ކުރަމުން ދިޔައީ ފައުލް ކުރީ އޭރިއާގެ ބޭރުން ކަމަށެވެ. އެކަން ވީއޭއާރް މެދުވެރިކޮށް ބެލުމަށްވެސް ޓިއުނީޝިއާގެ ކުޅުންތެރިން އެޕީލް ކުރި އެވެ.
ލީޑް ނެގީތާ 10 ވަރަކަށް މިނެޓް ފަހުން، ލުކާކޫ ވަނީ ބެލްޖިއަމްގެ ލީޑް ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ޑްރީސް މާޓަންސް އެވެ. އޭގެ ދެ މިނެޓް ފަހުން ޓިއުނީޝިއާއިން ލަނޑު ޖަހައި އުންމީދެއް ހޯދި އެވެ. އެ ޓީމަށް ލިބުނު ހިލޭޖުމެއް ޓީމުގެ ކެޕްޓަން ވާބީ ކާޒްރީ އޭރިއާ ތެރެއަށް ނެގުމުން އެ ބޯޅަ ބޮލުން ގޯލް ތެރެއަށް ފޮނުވާލީ ބްރޯން އެވެ.
ޓިއުނީޝިއާ ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ މެޗުގެ ފުރަތަމަ ހާފުގައި، އަނިޔާގެ ސަބަބުން ދެ ބަދަލު ގެންނަން ޖެހުމެވެ. ބެލްޖިއަމްގެ ތިން ވަނަ ލަނޑު ލުކާކޫ ކާމިޔާބު ކުރި ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގަ އެވެ.
ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓްގައި އެޑެން ހަޒާޑް ވަނީ، ބެލްޖިއަމްގެ ލީޑް ނަގާފަ އެވެ. އޭނާ ލަނޑު ޖެހީ، ޓިއުނީޝިއާގެ ކީޕަރު ފާރޫކް ބެން މުސްތަފާ ކަޓުވާލުމަށް ފަހު އެވެ. ބެލްޖިއަމްއަށް ނަތީޖާ ފުޅާކޮށް ދިނީ، ހަޒާޑްގެ ބަދަލުގައި ކުޅެން ނިކުތް މިޝީ ބަޓްޝުއާއީ އެވެ.
ލަނޑު ޖެހުމުގެ ކުރިން އޭނާ އަށް ވަނީ ރަނުގެ ތިން ފުރުސަތު ލިބިފަ އެވެ. ފުރަތަމަ ބޯޅަ ކީޕަރު ބެން މުސްތޮފާ ނައްޓާ ލުމަށް ފަހު، ފޮނުވާލި ނަމަވެސް އެ ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ދިފާއު ކުރީ ޔަސީނީ މިރަޔާ އެވެ. ބަޓްޝުއާއީ ދެވަނަ އަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑި އަށެވެ. ތިން ވަނަ ބޯޅަ އޭނާ އަށް ފޮނުވާލެވުނީ ކީޕަރު ޑައިވް ކުރި ދިމާލަށެވެ.
ބެލްޖިއަމްގެ ފަސް ވަނަ ލަނޑު އޭނާ ކާމިޔާބު ކުރި މެޗުގެ 90 ވަނަ މިނެޓްގަ އެވެ. އޭގެ ތިން މިނެޓް ފަހުން ޓިއުނީޝިއާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ، ކާޒްރީ އެވެ.