(21 ޖޫން 2018 އާ ގުޅޭ)
"އޯ ސްކާލެޓް! އައި ވުޑް ލަވް ދެޓް... ވިތައުޓް އެނީ ކްލޯތްސް... ޔޫ އެންޑް މީ" ހެމުންހެމުން އަރްސަލް ބުނެލިއެވެ. ނިމްރާ ބުނި އެއްޗެއް އަރްސަލް އަނބުރާލި ގޮތުން އޭނާ ވެސް ރަކިވިއެވެ. ނަމަވެސް އެ އަސަރު ފޮރުވާލަމުން އަރްސަލްގެ އަތުގައި ނިމްރާ ޖަހާލިއެވެ.
ނިމްރާގެ ދަތްދޮޅީގައި ކަނާއަތުގެ އިނގިލިތަކުން ހިފާލައި އުފުލާލަމުން ވައަތްތިލައިގެ އިނގިލިތަކުން ނިމްރާގެ އިސްތަށިގަނޑު އެއްފަރާތްކޮށްލާ އެ މޫނަށް ފަރުވާތެރިކަމާއެކު އަރްސަލް ބަލަން ފެށިއެވެ. ލަދުން އިސްޖަހާލަން ބޭނުންވި ނަމަވެސް ނިމްރާއަށް ހުރަސް އެޅީ ދަތްދޮޅީގައި ހިފަހައްޓާލައިގެން ހުރި އަރްސަލްގެ އަތްތިލައެވެ.
"ކީއްވެ ތިވަރަށް ތި ބަލަނީ؟" ނިމްރާގެ ސުވާލަށް އަރްސަލް ހިނިތުންވުމެއް ރައްދުކުރިއެވެ.
"އަހަރެން ބަލައިގެން ނުވޭތަ؟ އަހަރެން މި ބަލަނީ އަހަރެންގެ މިލްކަކަށް... އަހަރެން ނޫން މީހަކަށް ބެލުމުގެ ހައްޤެއް ވެސް ބީހުމުގެ ހައްޤެއް ވެސް ނެތް" އަރްސަލްގެ ލޮލުން ފާޅުވަމުންދިޔަ އަސަރުތަކުން އޭނާގެ ބަހުގެ ޔަގީންކަން ސާބިތުކޮށްދޭ ކަހަލައެވެ. ނިމްރާގެ ހަށިގަނޑަށް ފިނިކަމެއް އިޙްސާސް ކުރެވުނު ފަދައެވެ. ހަށިގަނޑުގެ ލޯލިތައް ކޮޅަށްޖެހި ހީބި ނަގައިފިއެވެ. ބޭނުންނުވާ އެތައް އަސަރުތަކެއް އަރްސަލްގެ ކުރިމަތީގައި ނިމްރާގެ ހިތް ބޭޒާރުކުރުވައެވެ. ނިމްރާއަށް ވަމުންދިޔަ ގޮތް އަރްސަލްއަށް ފާހަގަކުރެވި އެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެންދިޔައެވެ. މަޑުމަޑުން ނިމްރާގެ އުނަގަނޑުގައި ހިފާލައި ގެނެސް އަރްސަލްގެ ގައިގާ ޖައްސާ ހިފަހައްޓާލިއެވެ. އަދި ނިމްރާގެ ކޯތާފަތުގައި ފިރުމާލިއެވެ.
"އައި ވޯންޓް ޔޫ... އައި ނޯ ޔޫ ވޯންޓް މީ ޓޫ" އަރްސަލް ސިއްރުން ބުނެލިއިރު އޭނާގެ ތުންފަތް ހުރީ ނިމްރާގެ ކޯތާފަތުގައި ޖެހިފައެވެ. ނިމްރާ ތިރީތުންފަތުގައި ދަތްއަޅާ ބާރުކޮށްލުމާއެކު ނިކަން އަވަހަށް ދެފަރާތަށް ބޯހޫރާލިއެވެ.
"ގާލްސް ކެން ޕްލޭ ސޭފް!... ބަޓް ވީ ކާންޓް ހައިޑް ވަޓް ވީ ވޯންޓް... މައްސަލައަކީ ފިރިހެނުން ބޭނުންވެއްޖެނަމަ އެކަން އެހެންމީހުންނަށް ވެސް ސިއްރުނުވާތީ" ހިނިތުންވެލަމުން އަރްސަލް ބުނެލިއެވެ. އޭނާގެ ވާހަކައިން ނިމްރާގެ މޫނަށް ރަތްކުލަ ވެރިވެގެންދިޔަތަން އަރްސަލް ދުށްޓެވެ. އަދި އަވަސް ހަރަކާތާއެކު އަރްސަލްގެ ބަނޑުގައި ދެއަތް ވިއްދާލާ ދުރަށް ކޮއްޕާލިއެވެ.
"ތިކަހަލަ ވާހަކަ ނުދައްކަފާނަންތަ؟" ނަޒަރު ތިރިކޮށްލައިގެން ހުރެ ނިމްރާ ބުނެލިއެވެ.
"އަހަރެމެންނަކީ އެކަހަލަ ވާހަކަ ނުދެއްކޭވަރު ބައެއްކަމަކަށް އަހަރެން ނުދެކެން" ނިމްރާގެ ކޯތާފަތުގައި ބޮސްދެމުން އަރްސަލް ބުނެލިއެވެ.
"އެހެންވިޔަސް ހެޔޮ... ގައިގާ ޖެހިގެން ނުތިއްބަސް ވާހަކަދެއްކޭނެއެއްނު... ޕްލީޒް" ނިމްރާގެ އުނަގަނޑުގައި ވަށާލެވިފައި އޮތް އަރްސަލްގެ އަތް ދުރަށްލާން އޭނާ މަސައްކަތް ކުރިއެވެ.
"އޯކޭ ފައިން... ދުރަށް ޖެހިލާއިރަށް އަހަންނަށް ފިލަން ނޫޅޭތި" އަރްސަލްގެ އަތަށް ދޫ ދެމުން ނިމްރާއާ ދުރަށް ޖެހިލިއެވެ. ހަމަނޭވާ ނިމްރާއަށް ލެވުނީ ދެނެވެ.
"ހެދުން... ގަންނަންތަ ޖެހެނީ؟ ފައިސާ ދެންތަ؟... ނޫނީ އަހަންނަށް ބިލްކުރާށޭ ބުނޭ. އެހެން އެކްސަސަރީޒް ވެސް ބޭނުންވާނެއެއްނު" އިރުކޮޅަކު ހުރެފައި އަރްސަލް ވާހަކަދައްކަން ފެށިއެވެ.
"އިޓްސް އޯކޭ... އަހަންނަށް ލިބޭ މުސާރައިން އެވަރުގެ ޚަރަދެއް ކުރެވޭނެ. އަހަރެން ބުނީމެއްނު އަހަރެން ގެންދަން ހުރިއްޔާ ދާންށޭ މި ހުރީ... ސޯ ޑޯންޓް ވޮރީ، ވަގުތު ޖެހެންވާއިރަށް އަހަރެން ހުންނާނީ ތައްޔާރުވެގެން" ނިމްރާ ބުނެލިއެވެ.
"އަހަރެން ގަނެދޭން ބޭނުންވެގެންނޭ މި ބުނީ... އަހަރެން ބޭނުން ސްކާލެޓް ހެދުން ހެޔޮވަރުކުރަން ދާއިރު ދާން... އެކަމަކު ދެން ހިޔެއްނުވޭ ވަގުތެއް ވާނޭހެން. މާދަމާ ވެސް، އޭގެ އަނެއް ދުވަސް ވެސް ވަރަށް ބިޒީވާނެ. ސްކާލެޓް ކަމެއް ބޭނުންވެއްޖެއްޔާ އަހަރެން ގާތު ބުނައްޗޭ... ކޮންމެ ކަމެއްވިޔަސް އޯކޭ، ޔޫ ހޭވް މައި ނަންބާރ، ޖަސްޓް ގިވް މީ އަ ކޯލް އިނގޭ، ކިތަންމެ ބިޒީކޮށް އުޅުނަސް ފޯނަށް ޖަވާބުދޭނަން" ނިމްރާއަށް ބަލާލަމުން އަރްސަލް ބުނެލިއެވެ. ނިމްރާ އަނގައިން ނުބުނި ނަމަވެސް ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ. އެހެންވިޔަސް އަރްސަލްއަށް ޔަގީންވަނީ ނިމްރާ އޭނާގެ ގާތުން ކަމަކަށް ނޭދޭނެކަމެވެ.
* * * * *
އަރްސަލްއާއި ރާދިން އިންތިޒާރު ކުރަމުން އައި ދުވަސް ޖެހިއްޖެއެވެ. ހެނދުނު ސައިބޮއެގެން އެޕާޓްމެންޓުން ދެ ޒުވާނުން ނުކުންނަން އައީ އެކުއެކީގައެވެ. އެރޭ އަށެއް ޖަހާއިރު ފަށަން ހަމަޖެހިފައި އޮތް ރަސްމިއްޔާތުގެ ހުރިހާ ކަމެއް އެންމެ ފަހު ފަހަރަށް ބެލުމަށް ޓަކައި އެ މީހުންގެ މަންޒިލަކަށްވީ ހޮޓެލެވެ.
"އާނާއާއި ހަލަފް އަންނާނެ ދިހައެއް ޖަހާކަން ހާއިރު، މި އޮތީ ކީކާޑު" އެޕާޓްމެންޓުން ނުކުތުމުގެ ކުރީން ރާދިން ބުނެލިއެވެ. ނިމްރާ ކީކާޑުގައި ހިފުމާއެކު ބޯޖަހާލިއެވެ.
"ސްކާލެޓް! އިތުރު ކަމެއް ބޭނުންތަ؟" ރާދިންގެ ކުރިއަށް ޖެހިލާ އަރްސަލް އަހާލިއެވެ. ނިމްރާ ދެފަރާތަށް ބޯހޫރާލިއެވެ.
"އެންމެން އެކުގައި ބޭރަށް ނުކުތަސް ބަލައިގެން އުޅޭތި، ޖަސްޓް ބީ ސޭފް އިނގޭ... އަހަރެމެންނަށް އެހާ އަވަހަކަށް ގެއަކަށް ނާދެވޭނެ، މިއަދު އެއްވެސް އެއްޗެއް ހަދާނެކަމެއްނެތް، ތިރީ ރެސްޓޯރެންޓުން އެންމެން ބޭނުން އެއްޗެއް އޯޑާކުރޭ... އަހަރެމެން ދާނީ ބުނެލާފައި، އޯކޭ!... ދެން... ފޯނު ހިފައިގެން އުޅެއްޗޭ" އަރްސަލް ބުނެލިއެވެ.
"އޯކޭ!... ތި ދެ މީހުން ވެސް ބަލައިގެން އުޅެއްޗޭ" ނިމްރާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ރާދިންއާއި އަރްސަލް ބޯޖަހާލާފައި ހިނިތުންވެލަމުން ލިފްޓާ ދިމާއަށް ހިނގައިގަތެވެ. އެޕާޓްމެންޓުގެ ދޮރުލައްޕާލީ ނިމްރާއެވެ.
ޝިހާނާއާއި ހަލަފް އަންނަންވާއިރަށް ނިމްރާ ހުރީ ތައްޔާރުވެލައިގެންނެވެ. ރާދިން ބުނިހެން ދިހައެއް ޖަހަންވީއިރު އެ ދެ މީހުން ތިބީ އެޕާޓްމެންޓު ދޮރުމަތީގައެވެ. ބެލް އަޅާ އަޑަށް ނިމްރާ އައިސް ދޮރު ހުޅުވުމާއެކު ފުރަތަމަ ވެސް އެތެރެއަށް ދެމިގަތީ ހަލަފްއެވެ. ކުޑަކޮށް ނިމްރާ ގެނެސް ގާތް ކޮއްލުމާއެކު އޭނާގެ އިސްތަށިގަނޑު ހަލަފް ހާވާލިއެވެ.
"ހަލަފް!... ދެންމެއޭ ފުނާ އެޅީ" އިސްތަށިގަނޑު ރީތިކުރަމުން ނިމްރާ ބުނެލިއެވެ.
"ސައި ވެސް ނުބޮއެ މިއައީ... ރެޑް! ކާއެއްޗެއް ދީބާ" ކައުންޓަރު ކައިރީ ހުރި ސްޓޫލްގައި އިށީންނަން އައި ހަލަފް ބުނެލިއެވެ.
"ނިދާ ނުހޭލަންޏާ ސައެއް ވެސް ނުބޮވޭނެއެއްނު" ޝިހާނާ ވަދެ އެޕާޓްމެންޓުގެ ދޮރު ލައްޕާލަމުން ބުންޏެވެ.
"ގަދަކަމުން ދޯ ހަލަފް ގޮވައިގެން ތި އައީ" ހަލަފްއަށް ސައި ހަދައިދޭން އުޅުނު ނިމްރާ އަހާލީ ޝިހާނާ ގާތުއެވެ.
"ޝަރޫދައްތަ ބުނި ހަލަފް އެނދުން ވައްޓާލައިގެން ނޫނީ ނުހޭލާނެއޭ. އެހެންވެ ކޮޓަރިއަށް ވަދެ އެނދުން ވައްޓާލައިގެން ގޮވައިގެން މިއައީ... އެކަމަކު ސައި ނުބުއި ހަމަ ގަސްދުގަ އިނގޭ... އަހަރެން މަޑުކުރަން އުޅުނީމަ ހަލަފް އަމިއްލައަށް ބުނީ ރެޑްއަށް ލަސްވާނެއޯ... އަސްލު ނިމްގެ އަތުން ސައިބޯންވެގެން އޭނާ އެ އައީ" ޝިހާނާ ބުނެލިއެވެ. ނިމްރާ ހީނލާފައި ހަލަފްއަށް އޮރެންޖު ފަނިތަށްޓެއް ހަދައިގެން ގެންގޮސްދިނެވެ. އަދި އާންމުކޮށް އަރްސަލް ސައިބޯން ތައްޔާރުކުރާ އެއްޗެހި ހަލަފްއަށް ނަގައިދިނެވެ.
ކާރުގެ ކުރީ ސީޓުގައި ހަލަފްއާއި ޝިހާނާ ތިބިއިރު ނިމްރާ އިނީ ފަހަތުގައެވެ. ކަންފަތައް ހެޑްސެޓް ޖަހާލި ގޮތަށް ދެ ލޯ މަރާލައިގެންނެވެ. އެ މީހުންގެ މަންޒިލަށް އާދެވުމާއެކު ނިމްރާއަށް ހަލަފް ގޮވާލިއެވެ. ތިން މީހުން އެކުގައި ކާރުން ފައިބައިގެން އައިސް ވިޝާން އުޅޭ އިމާރާތައް ވަނެވެ. އޭނާގެ އެޕާޓްމެންޓު ހުންނަ ފަންގިފިލާއަށް އާދެވުމާއެކު ހަލަފް އަވަހަށް އައިސް ބެލް ޖަހާލިއެވެ.
"ހޭ ޕްރިންސް!" އެޕާޓްމެންޓު ދޮރު ހުޅުވާލުމާއެކު ހަލަފް ބުނެލިއެވެ.
"އަދި ކިރިޔާ ދޯ މޯނިންގްވީ... ތީ ހެނދުނު އަންނާނަމޭ ބުނި މީހާ" އެންމެން އެތެރެއަށް ވަނުމަށް ދޮރު ބޮޑަށް ހުޅުވާލަމުން ވިޝާން ބުންޏެވެ.
"ސޮރީ މޭން... ހޭ! މީޓް މައި ސިސްޓާސް، މީ އާނާސިސް، އެންޑް ޔޫ ނޯ ރެޑް" ހަލަފް އައިސް ސޯފާއެއްގައި އިށީނެވެ. ވިޝާން ހިނިތުންވުމެއް ބަދަލުކޮއްލަމުން ޝިހާނާ ސަލާމްކޮއްލިއެވެ. އަދި ނިމްރާގެ މޫނުގެ ދެފަރާތުން ހިފައި އެ މޫނަށް ބަލާލިއެވެ.
"ޑާލިންގް! އައި މިސްޑް ޔޫ، ހަލަފް ކައިރީ ކިތަންމެ ވަރަކަށް ބުންޏަސް އޭނާ ރެޑް ގެންނަ ކަހަލަ ޚިޔާލެއް ނުކުރި، އެންޑް ރެޑް، ޔޫ ސީރިއަސްލީ ނީޑް ޓު ޗޭންޖް ދެޓް، ހޯލް ވާޑްރޮބް ޗޭންޖު ކުރަންވެފައި ތި ހުރީ" ކަންބޮޑުވެފައި ބުނެލާ އުސޫލުން ވިޝާން ބުނެލީ ނިމްރާ ލައިގެން ހުރި އެއްޗިއްސަށް ބަލާލަމުންނެވެ. ނިމްރާ ހަމައެކަނި ހިނިތުންވެލީއެވެ.
"ތިކަމާ އުޅޭނީ ފަހުން، އިހަށް އަހަރެމެންނަށް ދައްކަބަލަ ސަޅި ކަލެކްޝަނެއް... ޕްރިންސް! މިފަހަރު އަހަރެން ބޭނުމީ ތަފާތު ސްޓައިލެއް" ހަލަފް ބުނެލިއެވެ.
ޙަފުލާއާ ގުޅޭ ގޮތުން ވިޝާން ސުވާލުކުރިއެވެ. ޝިހާނާ އެދުނީ ރާދިންއާއެކު ރަސްމިއްޔާތައް ދާތީ އޭނާގެ ކަޅުކުލައިގެ ޓަކްސީޑޯއާ ގުޅޭނޭ ހެދުމެއް ލާށެވެ. ހަމައެގޮތަށް ނިމްރާ ވެސް ޚިޔާލު ފާޅުކުރީ އަރްސަލްގެ ނޫކުލައިގެ ސޫޓާއި ގުޅޭނޭ ހެދުމެއް ބެލުމުށެވެ. ވިޝާންއަށް ކަމުދާ ދެތިން ހެދުމެއް ހެދުން އަޅުވާ ރެކުގައި އަޅުވާލުމަށްފަހު އެ ދަމަމުން އައިސް ސިޓިން ރޫމުގައި މަޑުކޮށްލިއެވެ. އަދި ހަރުގައި ހުރި ތަނުން ޝިހާނާއަށް ޓަކައި ވިޝާން ޚިޔާރުކުރި ހެދުންތައް ދައްކާލިއެވެ. ތިން ހެދުން ވެސް ވަރަށް ރީއްޗެވެ. ވިޝާން އެދުނީ ހެދުންތައް ލައިގެން ނުކުމެ އެންމެނަށް ދައްކާލުމަށެވެ. އެފަދައިން ޝިހާނާ ކަންތައްކުރިއެވެ. ތިން ހެދުމުގެ ތެރެއިން އެންމެންނަށް ވެސް ކަމުދިޔަ ހެދުން ޝިހާނާއަށް ވެސް ވަރަށް ބޮޑަށް ކަމުދިޔައެވެ. ނިމްރާ ހެދުން ހެޔޮވަރު ކުރީ އޭގެ ފަހުގައެވެ.
"އޯ ގޯޑް! ތި ހެދުމުގަ ރެޑް ފެނިފަ ދޮންބެ ފެއިންޓް ނުވިއްޔާ ރަނގަޅު" ހަލަފް ހީނގަންނަމުން ބުނެލިއެވެ. ނިމްރާއަށް ލޯގަނޑު ބަލާލެވުނީ ހާސްވެފައި ހުރެއެވެ. ޝިހާނާ ވެސް ހީނގަތް އަޑު އިވުނެވެ.
"ޓޫ ސެކްސީ" ހެމުންހެމުން ހަލަފް ބުނެލިއެވެ. އެއާއެކު ނިމްރާ ބަލާލީ ވިޝާންއަށެވެ. ކަންބޮޑުވުމުގެ އަސަރާއެކު ނިމްރާ އަވަހަށް ދެ ފަރާތަށް ބޯހޫރުވާލީ ހެދުން ކަމުނުދާކަން އަންގާލަމުންނެވެ. މިފަހަރު ވިޝާން ކައިރިއަށް ވެސް ހިނިއައެވެ.
"އައި ނޯ ހީ ވިލް ކިލް މީ" ހަލަފްއާއި ޝިހާނާއަށް ބަލާލަމުން ނިމްރާ ބުނެލިއެވެ. ހަމަ އެވަގުތު ޝިހާނާ ފޯނުން ފޮޓޯއެއް ނެގިއެވެ. އަދި ވަގުތުން ރާދިންއަށް ފޮނުވާލައި އެ ފެޓޯ އަރްސަލްއަށް ދެއްކުމަށް ޝިހާނާ މެސެޖުކޮއްލިއެވެ.
* * * * *
އިވެންޓް މެނޭޖަރާއެކު ބޯލް ރޫމުގެ ލައިޓިން ޓެސްޓު ކުރުމުގައި އުޅުނު އަރްސަލްއަށް ރާދިން ގޮވާލިއެވެ. އެހެންނަމަވެސް އަތުން އިޝާރާތްކޮއްލީ މަޑުކޮށްލުމަށެވެ. މުހިންމު ވާހަކައެއް މެނޭޖަރާއި ދެމެދުގައި ދެކެވެމުން ދިޔައިމައެވެ. ގިނައިރެއްނުވެ އަރްސަލްގެ ފޯނަށް މެސެޖެއް އައިކަން އެނގި އޭނާ އަތުގައި އޮތް ފޯނަށް ބާލިއެވެ. ރާދިން ވައިބާ މެސެޖެއް ކުރީކަން އެނގުމުން ހައިރާންވެފައި އާނާއަށް އަރްސަލް ބަލާލިއެވެ. އޭރު ފްލޯރިސްޓްއާ ވާހަކަދައްކަން ހުރި ރާދިން އަތުން އިޝާރާތްކޮއްލީ ފޯނު ބެލުމަށެވެ. އިވެންޓް މެނޭޖަރު ކައިރިން ދުރަށް ޖެހިލެވުމާއެކު އަރްސަލް އަވަސް އަވަހަށް ފޯނު ބަލާލިއެވެ. އެއާއެކު އޭނާގެ ތަލިން ކުޅުހިކުނު ކަހަލައެވެ. ދެ ލޯ ބޮޑުކޮށްލައިގެން ފޯނުން ފެންނަމުން ދިޔަ ފޮޓޯއަށް ބަލަން ހުރެވުނީއެވެ.
"ޝީ އިޒް ހޮޓް" އަރްސަލްގެ ކޮނޑާ ދިމާލުން ބޯ އަރިކޮށްގެން އޮވެ ރާދިން ބުނެލިއެވެ. އެހިނދު އަވަސް އަވަހަށް އަރްސަލް ކަރުކެހިލިއެވެ.
"ނޯ ޝީ އިޒް ނޮޓް... ކޮންތާކު އެ ތިބީ، އާނާ ވެސް ހުރެގެން އެކަން އެ ކުރަނީ، އަތަނެތްތަނުގައި ބުރަކަށީގައި ވެސް ފޮތިކޮޅެއް ނުހައްދަވާ، ފަލަމަސްގަނޑާ ހަމައިން ފަޅާލާފައި އޮތްއިރު ހީވަނީ ރުމާލެއްގެ ދެކަން ގެނެސް ބަނދެލާފައި ހުރިހެންނު، އަހަންނަށް އޭރު ވެސް އެނގުނޭ ހަލަފްއާއި އާނާ ބައިވެރިވެއްޖެއްޔާ އެކަހަލަ ކަމެއް ކުރާނޭ... ޗޮއިސް ދިނީ އެކަހަލަ ހެދުމެއް ޚިޔާރުކުރާކަށްނޫން... ރާދު! އައި ވިލް ބީ ބެކް" އަރްސަލް ދެ ފަރާތައް ބޯހޫރާލާފައި ބުނެލިއެވެ. އަދި ޖީންސުގެ ޖީބަށް ފޯނު ކޮއްޕާލަމުން ދާން ހިނގައިގަތެވެ. އެވަގުތު އޭނާގެ މުލައްދަނޑީގައި ރާދިން ހިފެހެއްޓިއެވެ.
"ހަމަޖެހިބަލަ! އެއީ އާނާ ކޮއްލި ސާމާސާއެކޭ... އެ ހެދުން ނިމްއަށް ކަމުނުދާތީ އެހެން ހެދުމެއް އެމީހުން ނެގީ. އަރްސަލްއަށް ތިވަރު ވާނޭ ކިޔާފައޭ އާނާ އެ ފޮޓޯ ފޮނުވީ. ނިމްއަށް ނުވެސް އެނގި އޭނާ އެކަން ކުރީ... ކޮންމެވެސް ވަރެއްގެ އިތުބާރެއް ނިމްއަށް ކޮއްބަލަ... އޭނާ އެކަހަލަ ހެދުމެއް ލާފާނޭ އަރްސަލްއަށް ހީވޭތަ" ރާދިން ހިނިއައިސްފައި ހުރެ ބުނެލިއެވެ. ހަޤީޤަތް އެނގުމުން އަރްސަލްއަށް ހިނިއައިސްފައި ހުރެ ބޯކަހާލެވުނީއެވެ.
ހޮޓެލްގެ ހުރިހާ ކަމެއް ނިންމާ އެރޭގެ ޙަފުލާގައި ބައިވެރިވާ ސްޓާފުންނާއި ބައްދަލުކޮށް އެންމެފަހުގެ އިރުޝާދުތައް ޚިއްޞާކުރެވުނެވެ. އިންތިޒާމު ކުރެވިފައިވާ ހުރިހާ ކަމެއްގެ ޒިންމާ ޖެނެރެލް މެނޭޖަރާއި ހަވާލުކުރެވުނެވެ. އަދި ސެކިއުރިޓީ ކަންކަން ހޮޓެލްއާ ކޮންޓްރެކްޓް ހަދާފައިވާ ފާމްއާ ހަވާލުކުރެވުނެވެ. ވީއައިޕީ ކާޑު ދޫކުރެވިފައިވާ ފަރާތްތަކުގެ ވެހިކަލްތައް ހޮޓެލްގެ އަންޑަގްރައުންޑް ޕާކިން އޭރިއާގައި ޕާކުރުމަށްޓަކައި ފިރިހެން "ވެލެޓް" އިން ހަމަޖައްސައި ދިނީ ވެސް ސެކިއުރިޓީ ފާމްއިންނެވެ. ކެއުމާއި ބުއިން ހަމަޖެއްސީ ހޮޓެލްގެ ޝެފުން މެދުވެރިކޮށެވެ.
"އިޓްސް އޯލް އަފްޓު ޓު ޔޫ ޒޭވިއާ... ތޭންކްސް އަލޮޓް މޭން، ސީ ޔޫ ޓުނައިޓް" ސެކިއުރިޓީ ފާމްގެ ވެރިޔާއާ އަރްސަލް ސަލާމްކޮއްލިއެވެ. އަދި ރާދިންއާއި ދެ މީހުން ހޮޓެލްއިން ނުކުތެވެ.
* * * * *
ޝިހާނާގެ ރަޙުމްތެރިކަމުގައި ގެއަށް އައިސް މޭކަޕްކޮށްދިނުމުގެ ހުރިހާ ކަމެއް ކޮށްދިނީ ޒުވާނުންގެ ތެރޭގައި މޭކްޕްގެ ދާއިރާގައި މަޝްހޫރުކަން ހޯދަމުން އަންނަ ޒުވާން އަންހެން ވިޔަފާރިވެރިޔާ އިލިޔާގެ ސެލޯންގެ ފަރާތުންނެވެ. އިރުއޮއްސި ހަތްގަޑި ބައިވަން ވީއިރު ހުރިހާ ކަމެއް ނިމެއްޖެއެވެ. ސިޓިންރޫމުގައި ރާދިންއާއި އަރްސަލް ތިއްބެވެ. ރާދިން ހުރީ އަރްސަލްގެ ކަރުގައި އޮތް ބޯޓައި ރަނގަޅުކޮށްދޭށެވެ. ރާދިން ހުރީ ކަޅުކުލައިގެ ޖެކެޓުގެ ތެރެއިން ރިހި ދަޅައެއް އަޅާ ވެސްޓެއް ލައިފައެވެ. ހުދު ގަމީހާއެކު ކަރުގައި އޮތީ ކަޅުކުލައިގެ ބޯޓައިއެކެވެ. އަރްސަލްއާއި ރާދިންއާ ޚިލާފަށް ހަލަފް ލައިގެން ހުރީ ޒަމާނީ ގޮތްގަނޑު އެކުލެވޭ ފަދަ ސޫޓެކެވެ. މައިގަނޑު ކުލައަކީ ކަޅުކުލައެވެ. ތަފާތުވަނީ ހަލަފްގެ ބްލޭޒާއެވެ. ރަންކުލައިން ފިނިފެންމާ ވެޔޮގަނޑެއް ވައަތުގެ ކޮނޑާ ދިމާ މޭމަތިންނާއި އަތުކުރީގައި ކުރަހާފައިވިއެވެ. ހަމަ އެކަހަލަ ވެޔޮގަނޑެއް ކަނާއަތުގެ މަތީގައި ވިއެވެ. ބްލޭޒާގެ އެތެރެއިން ހުރީ ހުދުކުލައިގެ ސްލިމްފިޓް ގަމީހެއް ލާފައެވެ. އަރްސަލް ބުނި ހެން އޭނާ ހުރީ ރޯޔަސް ބްލޫ ޓަކްސީޑޯގައި ހުދު ގަމީހުގައެވެ. އެ މީހުންގެ ތެރެއަށް ފުރަތަމަ ތައްޔާރުވެގެން ނުކުތީ ޝިހާނާއެވެ. އޭނާ ފެނުމާއެކު ރާދިންއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ.
"ބިއުޓިފުލް" ހިނިތުންވެލައިގެން ހުރެ ރާދިންއަށް ބުނެލެވުނެވެ. "ނޫޑް" ކުލައިގެ ހެދުމުގައި ރިހިކުލައިގެ އެމްބްރޮއިޑަރީ މަސައްކަތް ކޮށްފައި ހުއްޓެވެ. ދިގުކޮށް ހުރި އަތްކުރިއާއި މޭމަތިން ފެށިގެން ތިރިއަށް ވާގޮތަށް މަލުގެ ވެޔޮގަނޑެއް ފެތުރިފައި އޮތް ކަހަލައެވެ. ޝިހާނާގެ އުނަގަނޑުގައި އަޅާފައި އޮތް "ސިލްވާ މެޓަލް ބެލްޓް" ހެދުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވެއެވެ. ރާޅުބާނި ގޮތަށް ހަދާފައިވާ ޝިހާނާގެ އިސްތަށިގަނޑު އޮތީ ދޫކޮށްލާފައެވެ. އަތުގައި ރިހިކުލައިގެ ކްލަޗްއެއް އޮތެވެ. ފާހަގަކޮށްލެވޭ ފަދަ ލޮލުގެ މޭކަޕެއް ކޮށްފައި ހުރިއިރު ތުންފަތުގައި ހުރީ މަޑު ކުލައެއް ޖައްސާފައެވެ.
"ކޮބާ ރެޑް" ހަލަފް އަހާލިއެވެ.
"އެބަ އާދޭ... ފަހުވަގުތު ހެދުމުގެ ޒިބު ނޭޅުވިގެން ވަރަށް ހާސްވެފައި ހުރީ، މިހާރު އެޅުވިއްޖެ... ކުޑަ ތާއްޓެއް އެރީ" ހިނިތުންވެލަމުން ޝިހާނާ ބުނެލިއެވެ. އަދި އައިސް ރާދިންގެ ގާތުގައި މަޑުކޮށްލިއެވެ.
ނިމްރާ ފެނުމާއެކު އަރްސަލް ބޭރަށް ލާލާ ހުރި ނޭވާ ވެސް ހުއްޓުނެވެ. ހަލަފް ފުންމައިގެން ތެދުވުމާއެކު އޭނާގެ ކޮނޑުގައި އަރްސަލް ހިފެހެއްޓިއެވެ. އަދި ކުރިއަށް ޖެހިލާ ނިމްރާއަށް އަރްސަލް އަތްދިއްކޮށްލިއެވެ.
ނިމްރާގެ ހެދުމުގެ މަތިން ފެށިގެން ތިރީ ފަސްބަޔާ ހަމައަށް ގަދަ ނުލުން ފެށިގެން އެންމެ މަޑު ނޫކުލައަށް ފޭދިފައި ހުރި ކަހަލައެވެ. މަތީބުރިކޮޅުގައި ރަންކުލައިގެ ފިޔަތަކުން ކުރެހުން އަޅާފައިވިއެވެ. ކުރުކުރު ދެއަތް ލާފައި ހުރިއިރު ދެއަތުގައި ވެސް ވަނީ ރަންކުލައިގެ ދިގުކޮށް ހުރި ފަތްތަކުން ކުރެހުން އަޅާފައެވެ. އުނަގަނޑުގައި ރަންކުލައިގެ ޓައީއެއް ޖަހާފައި ހުރި ބެލްޓެއް އަޅާފައި ހުރުމުން ނިމްރާގެ އުނަގަނޑުގެ ހިމަކަން ފާޅުވެއެވެ. އަދި ފުއްޕާލާފައި އޮތް ހެދުމުގެ ތިރީބައި ފަރުމާކޮށްފައި ހުރީ ގަދަނުލާއި މަޑުނުލާއި ބޭބީ ބްލޫ ކުލަ ހިމެނޭ މާތަކުންނެވެ. ކޮންމެ މަލެއްގައި ރަންކުލައިގެ ފަތެއް ހަރުކޮށްފައި ހުއްޓެވެ. ހެދުމުގެ ތިރީގައި ހުސްކޮށް ހުރި ބައިތަކުގައި ނުލާއި ހުދުކުލައާއި ރަންކުލައިގެ އެސް ހަރުކޮށްފައި ހުއްޓެވެ. ނިމްރާގެ އިސްތަށިގަނޑު ފަހަތުން އޮމާންކޮށް ތަތްކޮށްލެވިފައި އޮތްއިރު ނިތްމައްޗަށްވީ ބައި އޮތީ ދޫކޮށްލެވިފައެވެ. ރީތި އޮފުކަމެއް އެ އިސްތަށިގަނޑުވިއެވެ. އެކަމުގެ ސަބަބުން އިސްތަށިގަނޑުގައި ޖައްސާފައި ހުރި ރަތްކުލަ ފާޅުވާލެއް ބޮޑުވެފައި ކުލަ ގަދަކަމަށް ދައްކައެވެ. "ސްމޯކީ އައީޒް" މޭކަޕް ލޮލުގައި ކޮށްފައި ހުރިއިރު ތުންފަތުގައިވަނީ ނޫޑް ކުލައެއް ޖައްސާފައެވެ. އެސްފިޔަތައް ދިގުވެފައި ކަޅިރަވައިގައި ޖާދޫއެއްވާ ފަދައެވެ.
"ޑޫ އައި ލުކް އެކްސެޕްޓަބަލް" ހިނިތުންވެލަމުން ނިމްރާ އަހާލިއެވެ. ބޭއިޚްތިޔާރުގައި ހިނިތުންވެވުނު އަރްސަލް މަޑުމަޑުން ބޯޖަހާލިއެވެ.
"ވީ ސޯ މެޗިންގް ރެޑް" އަރްސަލްގެ އަނެއްފަރާތުން އައިސް ނިމްރާގެ އަތުގައި ހިފާލަމުން ހަލަފް ބުނެލިއެވެ. އަރްސަލް ވަށައިގެން ކަޅި ހިންގާލީ ފަރުވާކުޑަ ގޮތަކަށެވެ.
"ކީފާ ގުޅައިފި" ފޯނުން ހިފައިގެން ހުރެ ރާދިން ބުނެލިއެވެ. އެންމެންގެ ސަމާލުކަން ވަގުތުން ހުއްޓުނީ ރާދިންއަށެވެ.
"އެކޮޅުން ދިމާކުރާނެ ވާހަކަ ބުނޭ... އަހަރެމެން ވެސް ދާން ނުކުންނަމާ" އަރްސަލް ބުނެލިއެވެ. ރާދިން ބޯޖަހާލާފައި ފޯނުން ވާހަކަދައްކަން ފެށިއެވެ.
* * * * *
ހޮޓެލް ހުންނަ މަގަށް އެޅުމުގެ މާކުރީން ސާޗްލައިޓްތަކުގެ އަލިތައް ފެންނަން ފެށިއެވެ. މަގަށް ވަދެވުނު އިރު ދުއްވާއެއްޗެހިން ބާރުބޮޑުވެފައި ވެއެވެ. ހޮޓެލްގެ ގޭޓާ ހަމައަށް އަންނަން އިރުކޮޅެއް ނެގިއެވެ. ނަމަވެސް ގޭޓާ ހަމައަށް އާދެވުމާއެކު މަގުމައްޗާއެކު ހޮޓެލްގެ ތެރެއަށްވާ ގޮތަށް އަޅާފައި އޮތް ރަތްދޫލަ ފެނުނެވެ. މުޅި ސަރަޙައްދު ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަމުން ޝިހާނާއާއި ނިމްރާގެ އިތުރުން ހަލަފް ވެސް އިނީ އަޖައިބުވެފައެވެ. ކަޅުކުލައިގެ ގަމީހާއި ފަޓުލޫނުގައި ރަތްޓައިތަކެއް އަޅައިގެން އަޅައިގެން އުޅޭ ބަޔަކު މަގުމަތީގައި ހަރަކާތްތެރިވަމުންދިޔައެވެ. އަރްސަލްއާއި ރާދިންގެ އިޝާރާތާއެކު ނިމްރާއާއި ޝިހާނާ ކާރުން ފޭބިއެވެ. އެމީހުންނާއެކު ހަލަފް ފޭބިއެވެ. ރަންކުލައިގެ ދެފަރާތަށް ހުޅުވާލެވޭ ބިއްލޫރި ދޮރު ހޮޓެލްގެ ތެރެއިން މީހަކު ހުޅުވާލިއެވެ. އެއާއެކު އަރްސަލްއާއި ރާދިންއަށް މަރުޚަބާ ކީ ހޮޓެލްގެ ޖެނެރަލް މެނޭޖަރެވެ. ލޮބީގެ އެއްފަރާތުގައި ފެންއޮހޭ ގޮތަށް ހަދާފައި އޮތް މަސްފެންގަނޑާއި އޭގެ ކައިރީ ހުރީ ބޮޑެތި ގަސްތައް ފުރަތަމަ ވެސް ނިމްރާގެ ލޮލުގައި އަޅައިގަތެވެ. ލޮބީގައި ހުރި ގޮނޑިތައް ފެނި އަރާމުވާނޭ ހިތަށް ސިފަކުރެވުނެވެ. ހަމައެއާއެކު ރަތްލަކުޑީގެ ދިގު "ކޮންސިއާޖް" ފާހަގަވެއެވެ. އެ ރަތްކުލައި ދިގު ކައުންޓަރުގައި ވަނީ ކަޅާއި ރަންކުލައިގެ ބޯޑަރުން ފަރުމާކޮށްފައެވެ. އޮފުއަރާއިރު މޫނު ފެންނަވަރުވެއެވެ. ފަހަތުގައި މަޑުކޮށްލައިގެން ތިބި ސްޓާފުންގެ މޫނުތަކުގައިވާ ހިނިތުންވުން ފެނި ހިތަށް ހަމަޖެހުން ލިބިގެންދެއެވެ. ލޮބީގައި ބޮޑެތި ޗާންދަލިޔާ އެލުވާފައި ހުރިއިރު މުޅި ތަނަށް އޮތީ ރަތް ކުލައަކަށްދާ އައްޔެއް ވެރިވެފައެވެ. ފާރުތަކުގައި ހުރި ބޮޑެތި ކުރެހުންތަކާއި ސެންޓަރޕީސް ޗާންދަލިޔާއިން އެކަނި ވެސް ހޮޓެލްގެ ފުރިހަމަކަން ރަމްޒުކޮށްދެއެވެ. އާޝޯޙުވެފައި އެކި ދިމާއަށް ނަޒަރު ހިންގަމުންދިޔަ ނިމްރާގެ އުނަގަނޑުގައި ފުރަގަހުން އަރްސަލް އަތްޖައްސާލުމާއެކު ބަލާލެވުނެވެ.
"ޑޫ ޔޫ ލައިކް އިޓް" ހިނިތުންވެލައިގެން ހުރި އަރްސަލް އަހާލިއެވެ.
"ވާއު! ސްޕީޗްލެސް... އެބްސޮލޫޓްލީ ޕާފެކްޓް... ލަގްޖޫރިއަސް" ނިމްރާ ބުނެލިއެވެ.
"ލެޓްސް ގޯ އިންސައިޑް" ބޯލްރޫމަށް ދިއުމަށް ޓަކައި ޖެނެރަލް މެނޭޖާރގެ ފަހަތުން އައި އަރްސަލް ބުނެލިއެވެ. އަދި ލޮބީގައި ހުރި އެލެވޭޓާއަށް އެންމެން އެރިއެވެ.
ބޯލްރޫމު ތެރެއަށް ވަދެވުމާއެކު ނިމްރާއަށް ހީވީ މުޅިން އެހެން ދުނިޔެއަކަށް އާދެވުނު ހެނެވެ. ތަނަށް ވެރިވެފައި އޮތް އަލިކަމާއި މާޙައުލު ވެސް މުޅިން ބަދަލުވީއެވެ. އެ ބޮޑު ހޯލުގެ ތެރޭގައި އެތައް ބައިވަރު މޭޒު ޖަހާފައިވިއެވެ. އެއިން ކޮންމެ ވަށް މޭޒެއްގެ ދޮށުގައި އަށް މީހުންނަށް އިށީނދެވޭނޭހެން ގޮނޑި ޖަހާފައި ހުއްޓެވެ. ކޮންމެ މޭޒެއްގެ މަތީ ހުދުފިނިފެންމާ ބޮނޑިއަކާއެކު ހޮޓެލްއާ ބެހޭ މަޢުލޫމާތު ހިމެނޭ ލީފްލެޓްތަކެއް ހުއްޓެވެ. ހޯލްގެ އެއްކޮޅުގައި ބޮޑު ސްޓޭޖެއް ހަދައި ލައިވް މިއުޒިކު ކުރިއަށްދާނޭ ގޮތް ހަމަޖައްސާފައިއޮތްއިރު ސްޓޭޖްގެ މެދުގައި ބޮޑު އިސްކުރީނެއް ހުއްޓެވެ. އަރްސަލްއާއި ރާދިންއަށް ޚާއްޞަ ކުރެވިފައި ހުރީ ސްޓޭޖާ ދިމާ ކުރިމައްޗަށްވާ ގޮތަށް ހުރި މޭޒެވެ.
"އަރްސަލް" އެންމެން އެނބުރިލީ ކީފާގެ އަޑު އިވިގެންނެވެ. އޭރު ހަށިގަނޑުގެ ބައްޓަން އެނގޭނޭހެން ފަހާފައި ހުރި ރަތްކުލައިގެ ހެދުމެއްގައި ހުރެ ފަރިގޮތަކަށް އެމީހުންގެ ގާތުގައި އައިސް ކީފާ މަޑުކޮށްލިއެވެ. އަލިއެޅިލާ ގޮތުން ހެދުމުގައި ހުރި ރަތްކުލައިގެ ވެލިފޮތިން ޖަރީކުރެވިފައިވާ ބައިތަކުގެ ވިދުން ގަދަވެއެވެ. ރާދިންއާއި އަރްސަލްއަށް ވަގުތުން ބަލާލެވުނީ އެކަކު އަނެކަކަށެވެ. އަރްސަލްގެ މޫނުން ނުރުހުން ފާޅުވެގެންދިޔައެވެ.
"އައި ނޯ އައި އޭމް ސޮރީ" ކީފާ ދެއަތް ފުޅާކޮށްލަމުން ބުނެލިއެވެ. ނަމަވެސް އެ އަޑު އެހުމުގެ ބަދަލުގައި އޭނާގެ އަތުގައި ހިފާ ދަމައިގަންނަމުން އަރްސަލް ހިނގައިގަތީ އެންމެނާ އެކަހެރިވުމަށެވެ. އެހިނދު ވާނުވާ ނޭނގިފައި ހުރި ނިމްރާއަށް ބަލާލެވުނީ ރާދިންއާއި ޝިހާނާއަށެވެ. ޝިހާނާ ދެކޮނޑު އުފުލާލީ އޭނާއަށް ވެސް މިވަނީ ކިހިނެއްކަމެއް ނޭނގެއޭ އިޝާރާތްކުރާ ފަދަ ގޮތަކަށެވެ. (ނުނިމޭ)