ދުނިޔެ

ކާރު ދުއްވުމުގެ ހުއްދަ ލިބުމާއެކު ސައުދީ އަންހެނުން ހުންގާނަށް

Jun 24, 2018
1

ރިޔާޒް (ޖޫން 24) - ހޮނިހިރު ދުވަހުން ފެށިގެން ސައުދީ އަރަބިއާގައި އަންހެނުންނަށް ވެހިކަލް ދުއްވޭ ގޮތަށް ހުއްދަ ލިބުމާއެކު، ގިނަ އަންހެނުން ވަގުތުން ކާރުތަކުގައި މަގު މައްޗަށް ނިކުމެއްޖެ އެވެ.

ރަސްގެފާން ސަލްމާންގެ ޚާއްސަ ގަރާރަކުން އަންހެނުންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ދިނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އަދި މިދިޔަ މަހު ވަނީ އެތަކެއް ހާސް އަންހެނުންނަށް ލައިސަންސް ވެސް ދޫކޮށްފަ އެވެ.

މީގެ ކުރިން ދުނިޔޭގައި އަންހެނުން ކާރު ނުދެއްވޭ ހަމައެކަނި ގައުމަކީ ސައުދީ އަރަބިއާ އެވެ.

ޝާހީ ގަރާރުގައި ހުއްދަކޮށްފައި ވަނީ އިސްލާމީ އުސޫލްތަކާ އެއްގޮތަށް އަންހެނުން ކާރު ދުއްވުމަށެވެ.

ކާރު ދުއްވުމުގެ ހުއްދަ ރަސްމީކޮށް ލިބިފައިވާ އިރު، އެކަމަށް ބާރު އެޅި ގިނަ އަދަދެއްގެ އެކްޓިވިސްޓުން މިހާރު ވެސް ވަނީ ހައްޔަރުކުރެވިފަ އެވެ. އަދި އެމީހުންނަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ ކަމަށް ވެސް ބެލެވެ އެވެ.

ސައުދީ އަރަބިއްޔާއިން މިއަދު ފެންނަމުންދާ އިޖުތިމާއީ، ސަގާފީ އަދި އިގުތިސާދީ ބަދަލުގެ މޭސްތިރިއަކީ ވަލީއަހްދު މުހައްމަދު ބިން ސަލްމާނެވެ.

އެ ގައުމަކީ ޒަމާނީ މެދުމިނުގެ އިސްލާމީ ދައުލަތަކަށް އަނބުރާލުމަށް ޒުވާން ބިން ސަލްމާން ވައުދުވެ ވަޑައިގެންފި އެވެ. މި ނިންމުމާއި ގުޅިގެން ވަރަށް ގިނަ މީހުން ހާއްސަކޮށް ސައުދީ ޒުވާނުންދަނީ އުމުރުފުޅުން 32 އަހަރުގެ މުހައްމަދު ބިން ސަލްމާނުގެ ޒަމާނީ އަދި މެދު މިނުގެ ވިސްނުމަށް ތައުރީފް ކުރަމުންނެވެ.