ޓޮރޮންޓޯ (ޖެނުއަރީ 12) - އާއިލާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ކަމަށް ބުނެ، އޮސްޓްރޭލިއާއަށް ދާން އުޅެނިކޮށް ތައިލެންޑު އެއާޕޯޓުން ހިފަހެއްޓި ސައުދީ އަރަބިއްޔާގެ އަންހެންކުއްޖާއަށް ކެނެޑާއިން ހޫނު މަރުހަބާ އެއް ކިޔައިފި އެވެ.
އުމުރުން 18 އަހަރުގެ ރަހަފް މުހައްމަދު އަލްގުނޫނަށް ކެނެޑާއިން ހިމާޔަތްދިނުމުން، އިއްޔެ އޭނާ އެގައުމަށް އައުމާއެކު، އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ ކެނެޑާގެ ފޮރިން މިނިސްޓަރެވެ.
"މިއީ ވަރަށް ހިތްވަރުގަދަ ކެނެޑާގެ އާ ރައްޔިތެއް،" ރަހަފް އާއެކު ފޮޓޯއަކަށް ހުއްޓެމުން ފޮރިން މިނިސްޓަރު ކްރިސްޓިއާ ފްރީލަންޑް ނޫސްވެރިންނަށް ވިދާޅުވި އެވެ.
ރަހަފްއަށް ހިމާޔަތްދިން ކަމަށް ހުކުރު ދުވަހު އިއުލާނުކުރައްވަން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ ކެނެޑާ އިން އަބަދުވެސް އިންސާނީ ހައްގުތަކާއި އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.
ބޮޑުވަޒީރުގެ ވާހަކަފުޅު ތަކުރާރުކުރައްވަމުން، ފްރީލަންޑް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހައްގުތައް ނުލިބިތިބި އަންހެނުންގެ މައްސަލަތައް އެއް ދުވަހުން ހައްލު ނުކުރެވޭނެ ކަމަށާއި، ނަމަވެސް އޭގެ ތެރެއިން އެންމެ އަންހެނެއް ވެސް ސަލާމަތް ކުރުމަކީ ލިބުނު އުފަލެއް ކަމަށެވެ.
ކެނެޑާއަށް އެތެރެވުމަށްފަހު ރަހަފް ވަނީ އޭނާއަށް އެހީތެރިވެ، ހިތްވަރުދިން މީހުންނަށް ޓްވިޓާ މެދުވެރިކޮށް ޝުކުރުއަދާކޮށްފަ އެވެ.
"އަހަރެން ބޭނުން އަހަރެންގެ ފުރާނަ ސަލާމަތްކުރަން އެހީތެރިވެ، ހިތްވަރުދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަން،" ރަހަފް ލިޔެފައިވެ އެވެ.
ރަހަފް ތައިލެންޑުގައި ޓްރާންސިޓް ކޮށްފައިވަނީ އާއިލާއަށް ފިލައިގެން، ކުވެއިތުން އޮސްޓްރޭލިއާއަށް ދާން އުޅުމުގެ ތެރޭގައި މިދިޔަ ހޮނިހިރު ދުވަހު އެވެ.
ރަހަފް އާއިލާއާއެކު ކުވެއިތަށް ދިޔައީ ޗުއްޓީ ހޭދަކުރުމަށް ކަމަށްވެ އެވެ. ނަމަވެސް، ތައިލެންޑަށް އެތެރެވުމާއެކު، ރަހަފް ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފަ އެވެ. އަދި އޭނާގެ އާއިލާގެ ނުފޫޒުގައި ތައިލަންޑުން ޑިޕޯޓްކުރަން އުޅުމުން، ރަހަފް ވަނީ އެވާހަކަ ސޯޝަލް މީޑިއާ މެދުވެރިކޮށް ދުނިޔޭގެ ސަމާލުކަމަށް ގެނެސްފަ އެވެ.
ރަހަފް ބުނަނީ އޭނާ އަނބުރާ ފޮނުވާލައިފިނަމަ، އޭނާގެ އާއިލާއިން އޭނާ މަރާލާނެކަމުގެ ބިރު އެބަ އޮތް ކަމަށެވެ. އޮސްޓްރޭލިއާއަށް ފުރިޔަނުދީ އަނބުރާ ކުވެއިތަށް ޑިޕޯޓްކުރަން އުޅުމުން، ރަހަފް ވަނީ އެއާޕޯޓުގައި އޭނަ ހުރި ހޮޓަލުގެ ކޮޓަރީގައި އަމިއްލައަށް ތަޅުލެވިގެން އެކަމަށް ހުރަސްއަޅައިފަ އެވެ.