ދުނިޔެ

އާއިލާއަށް ފިލި ސައުދީ ކުއްޖާއަށް ކެނެޑާއިން ހިމާޔަތް ދީފި

Jan 12, 2019

ބެންގްކޮކް (ޖެނުއަރީ 11) - އާއިލާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ކަމަށް ބުނެ، އޮސްޓްރޭލިއާއަށް ދާން އުޅެނިކޮށް ތައިލެންޑު އެއާޕޯޓުން ހިފަހައްޓާފައިވާ ސައުދީ އަރަބިއްޔާގެ އަންހެންކުއްޖާއަށް ކެނެޑާއިން ހިމާޔަތް ދީފި އެވެ.

ހުކުރު ދުވަހުގެ ރޭ، 18 އަހަރުގެ ރަހަފް މުހައްމަދު އަލްގުނޫނު ވަނީ ދެކުނު ކޮރެއާ މަގުން ކެނެޑާއަށް ދިއުމަށް ތަލެންޑުން ފުރާފަ އެވެ.

"ކެނެޑާ އިން އަބަދުވެސް އިންސާނީ ހައްގުތަކާއި އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާނެ،" ރަހަފްއަށް ހިމާޔަތްދިން ކަމަށް އިއުލާނުކުރައްވަން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވި އެވެ.

"ރަހަފްއަށް ހިމާޔަތްދިނުމަށް އދ. އިން އެދުމުން ކެނެޑާއިން ވަނީ އެކަމަށް އިޖާބަދީފައި،" ޓްރޫޑޯ އިތުރަށް ވިދާޅުވި އެވެ.

ރަހަފް ތައިލެންޑުގައި ޓްރާންސިޓް ކޮށްފައިވަނީ އާއިލާއަށް ފިލައިގެން، ކުވެއިތުން އޮސްޓްރޭލިއާއަށް ދާން އުޅުމުގެ ތެރޭގައި މިދިޔަ ހޮނިހިރު ދުވަހު އެވެ.

ރަހަފް އާއިލާއާއެކު ކުވެއިތަށް ދިޔައީ ޗުއްޓީ ހޭދަކުރުމަށް ކަމަށްވެ އެވެ. ނަމަވެސް، ތައިލެންޑަށް އެތެރެވުމާއެކު، ރަހަފް ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފަ އެވެ. އަދި އޭނާގެ އާއިލާގެ ނުފޫޒުގައި ތައިލަންޑުން ޑިޕޯޓްކުރަން އުޅުމުން، ރަހަފް ވަނީ އެވާހަކަ ސޯޝަލް މީޑިއާ މެދުވެރިކޮށް ދުނިޔޭގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ރަހަފް ބުނަނީ އޭނާ އަނބުރާ ފޮނުވާލައިފިނަމަ، އޭނާގެ އާއިލާއިން އޭނާ މަރާލާނެކަމުގެ ބިރު އެބަ އޮތް ކަމަށެވެ. އޮސްޓްރޭލިއާއަށް ފުރިޔަނުދީ އަނބުރާ ކުވެއިތަށް ޑިޕޯޓްކުރަން އުޅުމުން، ރަހަފް ވަނީ އެއާޕޯޓުގައި އޭނަ ހުރި ހޮޓަލުގެ ކޮޓަރީގައި އަމިއްލައަށް ތަޅުލެވިގެން އެކަމަށް ހުރަސްއަޅައިފަ އެވެ.