ދުނިޔެ

އާއިލާއަށް ފިލި ސައުދީ ކުއްޖާއަށް ރެފިއުޖީ ދަރަޖަ ދީފި

Jan 9, 2019

ބެންގްކޮކް (ޖެނުއަރީ 9) - އާއިލާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ކަމަށް ބުނެ، އޮސްޓްރޭލިއާއަށް ދާން އުޅެނިކޮށް ތައިލެންޑު އެއާޕޯޓުން ހިފަހައްޓާފައިވާ ސައުދީ އަރަބިއްޔާގެ އަންހެންކުއްޖާއަކީ ރެފިއުޖީއެއް ކަމަށް އދ. އިން ކަނޑައަޅައިފި އެވެ.

އދ.ގެ ރެފިއުޖީ އޭޖެންސީގެ ބެލުމުގެ ދަށުން، 18 އަހަރުގެ ރަހަފް މުހައްމަދު އަލްގުނޫނަށް ވަގުތީ ގޮތުން ތައިލެންޑަށް އެތެރެވުމުގެ ހުއްދަ ވަނީ ތައިލެންޑު އިމިގްރޭޝަނުން ދީފަ އެވެ.

ރަހަފް ތައިލެންޑުގައި ޓްރާންސިޓް ކޮށްފައިވަނީ އާއިލާއަށް ފިލައިގެން، ކުވެއިތުން އޮސްޓްރޭލިއާއަށް ދާން އުޅުމުގެ ތެރޭގައި މިދިޔަ ހޮނިހިރު ދުވަހު އެވެ.

އދ. ގެ އޭޖެންސީ އިން ވަނީ، ރަހަފުއަށް ހިމާޔަތް ދިނުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް އޮސްޓްރޭލިއާ ސަރުކާރަށް އޭނާގެ ކޭސް ފޮނުވައިފަ އެވެ.

އޮސްޓްރޭލިއާގެ ހޯމް އެފެއާޒުން ނެރުނު ކުރުނު ބަޔާނެއްގައި ބުނީ ރަހަފުގެ މައްސަލަ އާންމު އުސޫލުގެ ތެރެއިން ބަލަމުންދާނެކަމަށާއި މިވަގުތު އިތުރު އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.

ނަމަވެސް، ރަހަފުއަށް ހިމާޔަތްދޭނެ ކަމުގެ އިޝާރާތެއް އޮސްޓްރޭލިއާގެ ހެލްތު މިނިސްޓަރު ވަނީ ދެއްވައިފަ އެވެ.

ރަހަފް އާއިލާއާއެކު ކުވެއިތަށް ދިޔައީ ޗުއްޓީ ހޭދަކުރުމަށް ކަމަށްވެ އެވެ. ނަމަވެސް، ތައިލެންޑަށް އެތެރެވުމާއެކު، ރަހަފް ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފަ އެވެ. އަދި އޭނާގެ އާއިލާގެ ނުފޫޒުގައި ތައިލަންޑުން ޑިޕޯޓްކުރަން އުޅުމުން، ރަހަފް ވަނީ އެވާހަކަ ސޯޝަލް މީޑިއާ މެދުވެރިކޮށް ދުނިޔޭގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ރަހަފް ބުނަނީ އޭނާ އަނބުރާ ފޮނުވާލައިފިނަމަ، އޭނާގެ އާއިލާއިން އޭނާ މަރާލާނެކަމުގެ ބިރު އެބަ އޮތް ކަމަށެވެ. އޮސްޓްރޭލިއާއަށް ފުރިޔަނުދީ އަނބުރާ ކުވެއިތަށް ޑިޕޯޓްކުރަން އުޅުމުން، ރަހަފް ވަނީ އެއާޕޯޓުގައި އޭނަ ހުރި ހޮޓަލުގެ ކޮޓަރީގައި އަމިއްލައަށް ތަޅުލެވިގެން އެކަމަށް ހުރަސްއަޅައިފަ އެވެ.

ރަހަފުގެ ބައްޕަ އާއި ބޭބެ މިހާރު ތައިލަންޑުގައި ހުރި ނަމަވެސް، އެމީހުންނާއި ބައްދަލުކުރަން އޭނާ ވަނީ އިންކާރުކޮށްފަ އެވެ. އަދި އެ މައްސަލާގައި އާއިލާ އިން ވެސް މީޑިއާ އާއި ވާހަކަ ދައްކަން ވަނީ ދެކޮޅު ހަދާފަ އެވެ.