ދުނިޔެ

"އަޅުވެތިކަމުން" ސަލާމަތްވި ސައުދީ ކުއްޖާ ބޭނުމީ އާދައިގެ ދިރިއުޅުމެއް

Jan 15, 2019
12

ޓޮރޮންޓޯ (ޖެނުއަރީ 15) - ސައުދީ އަރަބިއްޔާގައި އާއިލާގައި އުޅުނީ "އަޅެއްގެ" ގޮތުގައި ކަމަށާއި، ކެނެޑާގައި އުޅެން ބޭނުންވަނީ މިނިވަންކަމާއެކު އާދައިގެ ދިރިއުޅުމެއްކަމަށް، ސައުދީ އަންހެން ކުއްޖާ ބުނެފި އެވެ.

އާއިލާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ކަމަށް ބުނެ، އޮސްޓްރޭލިއާއަށް ދާން އުޅެނިކޮށް ތައިލެންޑު އެއާޕޯޓުން ހިފަހެއްޓި، އުމުރުން 18 އަހަރުގެ ރަހަފް މުހައްމަދު އަލްގުނޫނަށް ކެނެޑާއިން ހިމާޔަތްދިނުމުން އެ ގައުމަށް ގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހެވެ.

ރަހަފް ތައިލެންޑުގައި ޓްރާންސިޓް ކޮށްފައިވަނީ އާއިލާއަށް ފިލައިގެން، ކުވެއިތުން އޮސްޓްރޭލިއާއަށް ދާން އުޅުމުގެ ތެރޭގައި މިދިޔަ ހޮނިހިރު ދުވަހު އެވެ.

ރަހަފް އާއިލާއާއެކު ކުވެއިތަށް ދިޔައީ ޗުއްޓީ ހޭދަކުރުމަށް ކަމަށްވެ އެވެ. ނަމަވެސް، ތައިލެންޑަށް އެތެރެވުމާއެކު، ރަހަފް ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފަ އެވެ. އަދި އޭނާގެ އާއިލާގެ ނުފޫޒުގައި ތައިލަންޑުން ޑިޕޯޓްކުރަން އުޅުމުން، ރަހަފް ވަނީ އެވާހަކަ ސޯޝަލް މީޑިއާ މެދުވެރިކޮށް ދުނިޔޭގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ރަހަފް ބުނަނީ އޭނާ އަނބުރާ ފޮނުވާލައިފިނަމަ، އޭނާގެ އާއިލާއިން އޭނާ މަރާލާނެކަމުގެ ބިރު އެބަ އޮތް ކަމަށެވެ. އޮސްޓްރޭލިއާއަށް ފުރިޔަނުދީ އަނބުރާ ކުވެއިތަށް ޑިޕޯޓްކުރަން އުޅުމުން، ރަހަފް ވަނީ އެއާޕޯޓުގައި އޭނަ ހުރި ހޮޓަލުގެ ކޮޓަރީގައި އަމިއްލައަށް ތަޅުލެވިގެން އެކަމަށް ހުރަސްއަޅައިފަ އެވެ.

ރަހަފް ކެނެޑާގެ ޓޮރޮންޓޯ ސްޓާ ނޫހަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާ ނެގި "ރިސްކު" ގެ ފޮނި މީރުކަން މިހާރު ލިބިފައިވާކަމަށެވެ.

"އަހަރެންނަށް އިތުރަށް ގެއްލޭނެ އެއްޗެއް ނެތް، އަހަރެން ސައުދީގައި އުޅުނީ އަޅެއްހެން، އަހަރެން ބޭނުންވީ ސައުދީގައި އަންހެނުން ދިރިއުޅޭ ހާލު މުޅި ދުނިޔެއަށް ކިޔައިދޭން،" ރަހަފް ބުންޏެވެ.

"ކެނެޑާއަށް އައުމާއެކު ފެނިގެން ދިޔަ ލޯތްބާއި އިހުތިރާމު ފެނިފައި، އަހަންނަށް ހީވީ އަލުން ދުނިޔެއަށް އާދެވުނުހެން."

ކެނެޑާގައި މިހާރު އޭނާއަށް ހަމަޖެހިލައިގެން އެއްވެސް ބިރުވެރިކަމެއް ނެތުމުގެ އިހުސާސުކުރެވޭ ކަމަށާއި، އާ ދިރިއުޅުމާއެކު ކުރިއަށް ހުރި ކަންކަން ތަޖުރިބާކޮށްލަން ކެތްމަދުވެފައިވާ ކަމަށް ރަހަފް ބުނެފައިވެ އެވެ.

"އަހަރެން ނުކުރާ ކަންކަން ކޮށްލަން ބޭނުން، ދަސްނުވެ ހުރި ކަންކަން އަހަރެން ދަސްކުރާނަން، ދިރިއުޅުމުގެ އިތުރުކަންކަން ހޯދާނަން، އަދި ވަޒީފާއެއް އަދާކޮށްގެން މިނިވަންކަމާއެކު އާދައިގެ ދިރިއުޅުމެއް އުޅޭނަން."