ދުނިޔެ

ތައިލެންޑުން ޑިޕޯޓް ކުރަން އުޅުނު ސައުދީ އަންހެންކުއްޖާ ހިމާޔަތް ހޯދަނީ

Jan 8, 2019

ބެންގްކޮކް (ޖެނުއަރީ 8) - އާއިލާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ކަމަށް ބުނެ، އޮސްޓްރޭލިއާއަށް ދާން އުޅެނިކޮށް ތައިލެންޑު އެއާޕޯޓުން ހިފަހައްޓާފައިވާ ސައުދީ އަރަބިއްޔާގެ އަންހެންކުއްޖާ ހިމާޔަތް ހޯދުމަށް އދ. ގެ ރެފިއުޖީ އޭޖެންސީގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވާކަމަށް ތައިލެންޑުގެ އިމިގްރޭޝަނުން ބުނެފި އެވެ.

ތައިލެންޑުގެ އިމިގްރޭޝަނުން ބުނީ، އދ.ގެ ރެފިއުޖީ އޭޖެންސީގެ ބެލުމުގެ ދަށުން، 18 އަހަރުގެ ރަހަފް މުހައްމަދު އަލްގުނޫނަށް ވަގުތީ ގޮތުން ތައިލެންޑަށް އެތެރެވުމުގެ ހުއްދަ މިހާރު ދީފައިވާކަމަށެވެ.

ރަހަފް ތައިލެންޑުގައި ޓްރާންސިޓް ކޮށްފައިވަނީ އާއިލާއަށް ފިލައިގެން، ކުވެއިތުން އޮސްޓްރޭލިއާއަށް ދާން އުޅުމުގެ ތެރޭގައި މިދިޔަ ހޮނިހިރު ދުވަހު އެވެ.

ރަހަފް އާއިލާއާއެކު ކުވެއިތަށް ދިޔައީ ޗުއްޓީ ހޭދަކުރުމަށް ކަމަށްވެ އެވެ. ނަމަވެސް، ތައިލެންޑަށް އެތެރެވުމާއެކު، ރަހަފް ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފަ އެވެ. އަދި އޭނާގެ އާއިލާގެ ނުފޫޒުގައި ތައިލަންޑުން ޑިޕޯޓްކުރަން އުޅުމުން، ރަހަފް ވަނީ އެވާހަކަ ސޯޝަލް މީޑިއާ މެދުވެރިކޮށް ދުނިޔޭގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ރަހަފް ބުނަނީ އޭނާ އަނބުރާ ފޮނުވާލައިފިނަމަ، އޭނާގެ އާއިލާއިން އޭނާ މަރާލާނެކަމުގެ ބިރު އެބަ އޮތް ކަމަށެވެ. އޮސްޓްރޭލިއާއަށް ފުރިޔަނުދީ އަނބުރާ ކުވެއިތަށް ޑިޕޯޓްކުރަން އުޅުމުން، ރަހަފް ވަނީ އެއާޕޯޓުގައި އޭނަ ހުރި ހޮޓަލުގެ ކޮޓަރީގައި އަމިއްލައަށް ތަޅުލެވިގެން އެކަމަށް ހުރަސްއަޅައިފަ އެވެ.

ރަހަފްގެ މައްސަލައަށް ދުނިޔޭގެ ލޯތައް އަމާޒުވުމުން، ތައިލެންޑު އިމިގްރޭޝަނުން ވަނީ އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާގޮތަށް އެގައުމުން އަމަލުނުކުރާނެކަމަށް ބުނެފަ އެވެ.

ރަހަފްއަށް ހިމާޔަތްދިނުމުގެ މައްސަލަ، އދ. ރެފިއުޖީ އޭޖެންސީއިން ބަލަމުން އަންނައިރު، އެކަމަށް ފަސް ވަރަކަށް ދުވަސް ނަގާނެކަމަށް ތައިލެންޑު އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.