ހަބަރު

ވީއައިއޭގެ ތައްޔާރީ ހާލަތު ދެނެގަތުމަށް އެމަޖެންސީ އެކްސަސައިޒެއް

Jun 24, 2018

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭގައި ފުލް ސްކޭލް އެމަޖެންސީ އެކްސަސައިޒެއް އަންނަ ބުދަ ދުވަހު ހިންގަން ނިންމައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭޭސީއެލުން ބުނީ، ރާއްޖޭގެ ސިވިލް އޭވިއޭޝަން ރެގިއުލޭޝަންގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވީއައިއޭގެ ތައްޔާރީ ހާލަތު ދެނެގަތުމަށާއި އިތުރަށް ތައްޔާރީ ހާލަތު ހަރުދަނާ ކުރުމަށް ފުލް އެމަޖެންސީ އެކްސަސައިޒެއް އަންނަ ބުދަ ދުވަހުގެ ހަވީރު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ހަވީރު 4:00 ރޭގަނޑު 7:00 އަށެވެ. އަދި ހަރަކާތް ކުރިއަށްދާ ވަގުތު އެއާޕޯޓްގެ ހިދުމަށް މެދުކަނޑާލުމަށްވެސް ހަމަޖެހިފައިވާ ކަމަށްވެސް އެމްއޭސީލުން ބުންޏެވެ.

އެމްއޭސީއެލުން ބުނީ، މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ފަސިންޖަރުންނާއި މަތިންދާބޯޓަކަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއެއްގައި އަމަލުކުރަން ހެދިފައިވާާ ޕްލޭންތައް ޓެސްޓް ކުރުމާއި އަމަލު ކުރުމުގައި ދިމާވާ ދަތިތައް ދެނެގަނެ ކުރިމަގުގައި އެކަންކަން މުރާޖާކޮށް އެ މައްސަލަތަކަށް ހައްލު ހޯދުން ކަމަށެވެ.

މި ހަރަކާތަކީ ކޮންމެ ތިން އަހަރަކުން އެއް އަހަރު ބާއްވާ ހަރަކާތެއް ކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ. އަދި މި ހަރަކާތުގެ ސަބަބުން އެއާޕޯޓްގެ ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތި ތަކަށްޓަކައި އެކުންފުނިން ވަނީ މާފަށް އެދިފަ އެވެ.