ރިޕޯޓް

އައިޝާގެ ފުރަތަމަ ސިޔާސީ ފިޔަވަޅު: ފެނުނު ތަފާތު މަންޒަރު!

އެކި މައްސަލަތަކުގައި ޖަލަށްލާފައިވާ ސިޔާސީ ބޭފުޅުންގެ އަނބިކަނބަލުންގެ ހަރަކާތްތަކަކީ މީގެ ދުވަސްތަކެއް ކުރިން ފެށިގެން ދިޔަ ހަރަކާތެކެވެ. ކޮންމެ ބޭފުޅެއްގެ ދިފާއުގައި ވާހަކަ ދައްކަވައި މުއައްސަސާތަކަށް ހުއްޓުމެއް ނެތި ހިންގަވަނީ އަނބިއަނބިކަނބަލުންނެވެ. ނަމަވެސް އެފަދަ އެއް ބޭފުޅެއް ކަމަށްވާ ގާސިމް އިބްރާހިމްގެ އަނބިއަނބިކަނބަލުން މިވީ ދުވަހު ތިއްބެވީ އެ މަސައްކަތާ ދުރުގަ އެވެ. އެކަމަކު ކެތް ނުކުރެއްވިގެން ކަމަށް ވިދާޅުވެ ގާސިމްގެ އެންމެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ، އައިޝާ މިވަނީ ފަރުދާ ކަހާލައްވާ ނުކުމެވަޑައިގަންފަ އެވެ.

އައިޝާ ސިޔާސީ މައިދާނަށް އެޅި ފުރަތަމަ ފިޔަވަޅަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ކުރިމަތިލެއްވުމެވެ. މީގެ ކުރިން ގޭގައި އިންނަވާ އައިޝާ އެކަމަށް ކުރިމަތިލެއްވުމަށް ފަހު ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން މީހުންގެ ތެެރޭގައި ޝާމިލުވާން ފެށި މިއީ ފުރަތަމަ ފަހަރެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށް ދިޔަ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ ހުރިހާ ހަރަކާތެއްގައި އައިޝާ ބައިވެރިވަޑައިގެންނެވި އެވެ. ފުރަތަމަ އައިޝާގެ ފަރާތުން ފެންނަމުން ދިޔައީ މީހުންގެ ތެރޭގައި އުޅުމަށް ޖެހިލުންވާ މަންޒަރެވެ. ނަމަވެސް ކޮންގްރެސް ބައިވެރިވި އެންމެން ވެސް އައިޝާ ދިޔައީ މަރުހަބާ ކިޔަމުންނެވެ. ބައްދަލުކޮށް ސަލާމް ކުރައްވައި ސެލްފީ ނަގަމުންނެވެ. ކޮންގްރެސް ނިންމާލިއިރު އައިޝާ ހުންނެވީ އެ ހުރިހާ ކަމަކަށް ވަރަށް ފަރިތަވެފަ އެވެ.

ކޮންގްރެސްގައި މައިގަނޑު ގޮތެއްގައި ތިން ރަސްމީ ހަރަކާތެއް ކުރިއަށް ދިޔަ އެވެ. އެ ތިން ހަރަކާތް ނިންމުމުން ވެސް އެންމެން ޝާމިލްވީ އެއް ކަމަކާ އެވެ. "އައިޝާ މެޑަމް"އާއެކު ސެލްފީ ނުވަތަ ފޮޓޯ ނެގުމަށް އެންމެން ކިއު ހަދާލަ އެވެ. އެއް ފަހަރަށްވުރެ ގިނަ ފަހަރަށް ފޮޓޯ އާއި ސެލްފީތައް ނެގި މީހުން ގިނަ އެވެ. އެންމެންގެ ދުލު ކުރީގައި ވެސް އޮތީ "އައިޝާ މެޑަމް" އެވެ.

ކޮންގްރެސްގައި ބައިވެރިވި ޖުމްހޫރީ ޕާޓީގެ މެންބަރަކު ބުނީ، އައިޝާ އެ ކޮންގްރެސްގައި ބައިވެވަޑައިގެންނެވުމުން ޕާޓީގެ މެންބަރުންނަށް އުފާވެރިކަން ލިބިގެން ދިޔަ ކަމަށެވެ. އަދި ގާސިމް އިބްރާހިމް އެ މެންބަރުންގެ ގާތުގައި ނެތް ދަނޑިވަޅެއްގައި އައިޝާ މެޑަމް ވަރަށް ގާތުން މަސައްކަތް ކުރެއްވުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަޒުމެއް ކަމަށެވެ.

ޕާޓީގެ އިސް ބޭފުޅުން ވެސް ވަނީ އައިޝާ ކޮންގްރެސްގެ ހުރިހާ ހަރަކާތަކަށް ވަގުތު ދެއްވުމުން ޝުކުރު އަދާކުރައްވާފަ އެވެ. ގާސިމްގެ ހަ ބޭފުޅުންގެ މަންމަ އައިޝާއަށް ކުރީ ސަފުގެ އެންމެ މެދުން ޖާގަ ދީފައިވާއިރު އެންމެންގެ ވެސް ހާއްސަ އިހްތިރާމެއް އޭނާއަށް ދިނެވެ.

ވަރަށް މަޑުމަތިރިކޮށް ހުންނަވާ އައިޝާ ސިޔާސީ ގޮތުން ފުރަތަމަ ދެއްވި އިންޓަވިއު ވެސް ވެގެން ދިޔައީ ތަފާތު އިންޓަވިއުއަކަށެވެ. އޭނާ ވަނީ ސިޔާސީ ގޮތުން ވަރަށް ކުރިއަށް ވަޑައިގަންނަވަން ހުންނެވިކަން އިއުލާން ކުރައްވާފަ އެވެ. އަދި އެ މަސައްކަތަށް ވަޑައިގެންނެވި ސަބަބު ހާމަކުރައްވާފަ އެވެ.

އައިޝާ ވިދާޅުވި ގޮތުގައި އޭނާ ސިޔާސީ މައިދާނަށް ނުކުންނަން މަޖުބޫރުވީ ދޮން ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމަށް ލިބެމުންދާ އަނިޔާއަށް ކެތްނުކުރެވިގެންނެވެ. އައިޝާއަށް ވިދާޅުވެވުނީ އެ ހިސާބަށެވެ. އިންޓަވިއު ވެސް ދެން ކުރިއަކަށް ނުދިޔަ އެވެ. އޭނާ ކީރިތިކުރައްވަން ފެއްޓެވި އެވެ. އައިޝާ މަސަލަސްކޮށްފައިވަނީ ޕާޓީގެ އިސް ބޭފުޅުންނާއި އާއިލީ ބޭފުޅުންނެވެ.

ގާސިމް ނެތް ދަނޑިވަޅެއްގައި އައިޝާ ކުރިއަށް ނުކުމެވަޑައިގެންނެވުމުން ޕާޓީގެ މެންބަރުންނަށް އުފާވެރިކަން ލިބިފައިވާއިރު ޕާޓީގެ ލީޑަރުކަމާ ހަމައަށް ވެސް ވަޑައިގެންނެވުމުގެ ވިސްނުން ހުންނެވި ކަމުގެ އިޝާރާތެއް ވެސް ރޭ އައިޝާ ދެއްވާފައިވެ އެވެ.

ގާސިމްގެ މަގާމަށް ވަޑައިގަންނަވާނަންތޯ ސުވާލުކުރުމުން އައިޝާ ދެއްވީ ކުރު ޖަވާބެކެވެ؛ "ތިޔަ ސުވާލުގެ ޖަވާބު ދޭން އަދި އަޅުގަނޑު ބޭނުމެއް ނުވޭ، ތި ސުވާލަށް ޖަވާބު ދޭން ޖެހޭ ހާލަތު ވަރަށް ކައިރި މުސްތަގުބަލެއްގަ އެބަ އާދޭ، އެ ހާލަތުގަ އަޅުގަނޑު ތި ސުވާލަށް ޖަވާބު ދޭނަން،"

އައިޝާ ވިދާޅުވީ، މިހާރު އޭނާ ހުންނެވީ ސިޔާސީ މައިދާނުގައި ކުރިއަށް ވަޑައިގެންނެވުމުގެ ފުރިހަމަ އަޒުމުގަ ކަމަށާއި އެ މަސައްކަތުގެ ކޮޅެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. "އޭގެ މާނައަކީ އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާނީއޭ މަސައްކަތުގަ ދެމިހުންނާނީއޭ، ހާލަތު ތަންދޭ ގޮތަކުން އަޅުގަނޑު މަސައްކަތް ކުރާނަން،" އައިޝާ ވިދާޅުވި އެވެ.