ހަބަރު

މާފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމާލައިފި

ކ. މާފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ރަސްމީކޮށް ނިންމާލައިފި އެވެ. އެ މަޝްރޫއު ނިންމާލެއްވީ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ، އެމްޓީސީއާ ހަވާލުކޮށް ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތް 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފެށިއިރު، މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާލާފައި ވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

މިމަޝްރޫއުގެ ދަށުން މާފުށީ ގިރާ ސަރަހައްދަށް 5000 ކޮޑިމީޓަރުގެ ވެލިއަޅައި 440 މީޓަރު ދިގުމިނުގެ ބޮޑުހިލައިގެ ހަތަރު ގޮރޮއިން ގާއިމުކޮށް ސަރަޙައްދު ވަނީ ހިމާޔަތްކޮށްފައެވެ.

ގޮނޑުދޮށް ހިމާޔަތްކޮށް ނިމުން މިއަދު އިފްތިތާހުކޮށް ދެއްވުމަށް ރައީސް އެ ރަށަށް ވަޑައިގެންނެވީ މިއަދު މެންދުރުފަހު އެވެ. އެމަނިކުފާނާއެކު ސަރުކާރުގެ މިނިސްޓަރުން އެރަށަށް ވަޑައިގެންފައި ވެއެވެ. އެރަށަށް ވަޑައިގެންނެވުމުން އެރަށުން ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާ އެވެ.