ހަބަރު

މި ވޯޓަކީ ކޯޓެއްގެ ހުކުމަކުން ނިންމާނެ ވޯޓަކަށް ވެގެން ނުވާނެ: ޔާމީން

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ނަގާ ވޯޓަކީ ރާއްޖޭގެ ކޯޓަކުން ނިންމާ ވޯޓަކަށް ވެގެން ނުވާނެ ކަމަށާއި މި ވޯޓަކީ ރައްޔިތުން ނިންމާ ވޯޓަކަށް ހަދަން ޖެހޭ ކަމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކ. މާފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ރަސްމީކޮށް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން ކުރާ ހުރިހާ ކަމަކީ އެއްވެސް ގިންތިއެއް ބާކީނުކޮށް، އެއްވެސް ދާއިރާއެއްގެ މަޝްރޫއެއް ބާކީނުވެ، އެއްވެސް ކަހަލަ ދާއިރާއެއް އެކަހެރިނުކޮށް، މުޅި ސަރުކާރަށް ބޭނުންވާ ވަށާޖެހޭ މަޝްރޫއުތަކެއް ހިންގުން ކަމަށެވެ. އަދި ވިދާޅުވީ، މި ސަރުކާރަށް ފާޑު ކިޔުންތައް އަމާޒުވާ އެއް ކަމަކީ މީގެ ކުރީގެ ސަރުކާރުގެ ތެރޭގައި ބޯ ސޮފްހާތަކެއް ހިމެނޭހެން ބިޔަ މަޝްރޫއުތަކުގެ ވާހަކަތައް ހިމަނައިގެން ނުގެންދަވާތީ ކަމަށެވެ.

ރައީސް ވިދާޅުވީ، ތަރައްގީގެ މަޝްރޫއަކީ ކަރުދާހުން ފެންނާނެ އެއްޗެއް ނޫން ކަމަށާއި ތަރައްގީގެ މަޝްރޫއު ތަކުގެ އަމަލީ މަސައްކަތް ފެންނާނީ އެއިރަކު ވެރިއަކަަށް ހުންނަ މީހެއްގެ ސިކުނޑިންކުރާ މަސައްކަތުން ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތަކަކީ ވަށާޖެހޭ ގޮތަށް އެރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް ކުރެވޭ މަސައްކަތްތައް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"މާފުށި ރީތި ބީޗާއެއްކޮށް ގޮނޑުދޮށް ހިމާޔަތްކޮށް ނިމުނީމަ ނިމުނީއަކީނޫން، ކުނި ނައްތާލުމާއި ފެނާ ނަރުދަމާވެސް ދެންވެސް މިބުނާ ސިނާޔަތްތަކަށް ބޭނުންވާ މަސައްކަތްތައް ކުރެވެންވާނެ، މިކަންކަން ކުރުމަށް އިހްތިޔާރު ކުރަނީ ކާކުތޯ މާފުށީ ރައްޔިތުންވެސް ނިންމަން ޖެހޭނެ، މިހާރު މިއޮތީ އެހާހިސާބަށް އައިސް، މިހާރު މިއޮތީ ދެމޫސުން ބައްދާ ހިސާބަށް އައިސް، އެއް ރައީސެއްގެ ވެރިކަން ނިމޭއިރު ނުވަތަ އެއް ރިޔާސީ ދައުރު ނިމޭއިރު އަނެއް ރިޔާސީ ޒައާމަތަކަށް މިތިބީ އިންތިޒާރުކޮށްގެން، މި ވޯޓަކީ ކޯޓެއްގެ ހުކުމަކުން ނިންމާނެ ވޯޓަކަށް ވެގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓަކީ ރައްޔިތުން އެދޭގޮތަށް ރައްޔިތުން ފާހަގަ ލައިގެން ހޮވާ މީހަކު ދައްކާ ވޯޓަކަށް ވާންޖެހޭނެ ކަމަށެވެ. އަދި މި ވޯޓަކީ ރައްޔިތުން ހިތުން ރުހުމުން ރައްޔިތުން ތަރައްގީއާ އިންތިޒާރުތަކާއި އުންމީދުތަކަށް ނިމުން ގެނެސްދޭ ވަރުގެ ގާބިލިއްޔަތާއި ހަކަތާއި ކެރުންތެރިކަމެއް މާޒީގައި ދައްކާފައި ހުރި މީހަކަށް އާނއެކޭ ބުނުމަށްދޭ ވޯޓަކަށް ވާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ

ރައީސް ވިދާޅުވީ މި ސަރުކާރަށް އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ފާޑުވިދާޅުވަނީ މި ސަރުކާރުން ނަގާފައިވާ ދަރަނި އަދާ ނުކުރެވޭނެ ކަމަށް ވިދާޅުވެ ކަމަށާއި، ނަމަވެސް މި ސަރުކާރަކީ ރަން ތަބަކަކަށް ލައިގެން ހަވާލުކުރި ސަރުކާރެއްނޫން ކަމަށެވެ. މި ސަރުކާރު ހަވާލުވިއިރު އޭރުގެ ދަރަނި 29 ހާސް މިލިއަން ރުފިޔާ އޮތް ކަމަށާއި މިއަދު އެދަރި ވަނީ އަދާކޮށް ނިންމާފައި ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑާ ވާދަކުރާނެ ފާރާތްތަކަށް ނެތިން ބަދުބަހެއް ބުނާކަށް، ނަމަވެސް އެބޭފުންނަށް ގަބޫލުކުރަން ދަތިވަނީ މިހާ ބޮޑު ދަރަންޏެއް އޮތީމަ ކިހިނެތްހޭ އެ ފޫބައްދާނީ، މިއީ ރަން ތަބަކަކަށް ލައިގެން ހަވާލުކުރި ސަރުކާރެއްނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދަރަނި ނަގައިގެން ކޮށްދޭން ބޭނުންވާ ކަންކަން ކޮށްދޭނެ ކަމަށާއި އެއީ އެދަރަނި އަދާކުރުމުގެ ގާބިލްކަން އުފައްދަން ބޭނުންވާތީ ކަމަށެވެ. އަދި ދަރަނި ނަގަނީ ދެއްކޭނެ ކަމުގެ ގާބިލްކަން ހުރީމަ ކަމަށާއި ނަމަވެސް އިދިކޮޅު ފަރާތްތަކަށް އުޅެނީ އެދަރަނި އަދާކުރައްވާނެ ގޮތް ނުވިސްނިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ. ރާއްޖޭގައި މިހާތަނަށް އޮތީ މައުސޫމް މުޖުތަމައުއެއް އޮތް ގައުމެއް ކަމަށާއި ރާއްޖޭގައި ބޮޑެތި ކުށްކުރުން މަދުވަމުންދާ ކަމަށެވެ. އަދި ރާއްޖެއަކީ ޖަލުގެ ގޮޅިތައް އިތުރުކުރަންޖެހޭ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި ރާއްޖެއަކީ ސުކޫލްތަކުގެ ކްލާސްރޫމްތައް އިތުރުކުރާ ބަޔަކަށް ވާން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖެއަކީ ވަޒީފާތަކެއް އުފައްދައިގެން އަމިއްލަ ފައިމައްޗަށް ތެދުވެގެން މަސައްކަތްތަކެއް ކުރަން ބޭނުންވާ ފަހުރުވެރި ގައުމަކަށް ހަދަން ބޭނުންވާނެ، ބޭނުންވާނެ ޒުވާނުންނަކީ މަސައްކަތް ކުރާ ބަޔަކަށްވާން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޒުވާނުންނަކީ ރާއްޖެ ތަނަކަށް ހަދަންތިބި މީހުން ކަމަށެވެ. އަދި ސިޔާސީ މީހުންނަށް ކުރެވޭނީ ފިކުރު ކަމަށާއި ސިޔާސީ މީހުން ކަންކަން ތަންފީޒު ކުރަން ބޭނުންވާނެ ކަމަށެވެ. އެމަސައްކަތްތުގައި އަމަލީ މަސައްކަތް ކުރަން ތިބި ބަޔަކީ ޒުވާނުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.