ކުޅިވަރު

ޕެނަމާއަށް ބަދަލެއް ނެތް، އިނގްލެންޑް ތާރީހު އިޔާދަކުރަން

ފުރަތަމަ މެޗުގައ، ބެލްޖިއަމް އަތުން ބަލިވެފައި ވީނަމަވެސް، މިއަދު އިންގިރޭސިންނާ ދެކޮޅަށް ކުޅޭ މެޗުގައިވެސް ޓީމަށް ބަދަލެއް ނުގެންނާނެ ކަމަށް ޕެނަމާގެ ކޯޗް ހާމަން ޑަރިއޯ ގޯމޭޒް ބުނެފި އެވެ.

ވޯލްޑްކަޕުގައި، މުޅިން އަލަށް ވާދަ ކުރާ ޕެނަމާއިން، މިރޭ އިނގިރޭސިން އަތުން ބަލި ވެއްޖެނަމަ އެ ޓީމު މުބާރާތުން ކަޓާނެ އެވެ. މިރޭ އިނގިރޭސިން ނިކުންނަނީ އެ ގައުމުގެ ވޯލްޑްކަޕުގެ ތާރީހްގައި، އާންމުކޮށް ނުހެދޭ ރެކޯޑެއް ހެދުމަށެވެ.

އެއީ ވޯލްޑްކަޕުގެ ފުަރަތަމަ ދެ މެޗުން މޮޅުވުމެވެ. އިންގެލެންޑްގެ ވޯލްޑްކަޕު ތާރީހްގައި، މުބާރާތުގެ ފުރަތަމަ ދެ މެޗުން އެ ޓީމުން މީގެ ކުރިން މޮޅު ވެފައި ވަނީ ދެ ފަހަރު އެވެ.

އެއީ 1982 ވަނަ އަހަރާއި 2006 ވަނަ އަހަރު އެވެ. އަމިއްލަ ގައުމުގައި 1966 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕު ޗެމްޕިއަންކަން ހޯދި ނަމަވެސް، ފުރަތަމަ ދެ މެޗުން އިންގެލެންޑަށް މޮޅު ވެވިފަ އެއް ނުވެ އެވެ.

ސައުތުގޭޓް މިފަހަރު ގެނައި ސްކޮޑަކީ، މުބާރާތުގައި ވާދަ ކުރާ އެންމެ ޒުވާން ސްކޮޑްތަކުގެ ތެރޭގައި ހިމެނޭ ސްކޮޑެވެ. އިނގިރޭސިން ތައްޔާރު ވަމުން ދަނީ 2022 ވަނަ އަހަރުގެ ވޯލްޑްކަޕު ކާމިޔާބު ކުރުމަށް ވަރުގަދަ ސްކޮޑެއް އެކުލަވާ ލުމަށެވެ.

އޭނާ ބުނީ، ފުރަތަމަ ދެ މެޗުން މޮޅުވުމުގެ ރެކޯޑް އޭނާގެ ޓީމަށް ހާސިލު ވެއްޖެނަމަ އެއީ، އެ ސްކޮޑަށް ލިބިގެންދާނެ ބޮޑު އިތުބާރެއް ކަމަށެވެ.

"ސަބަބަކީ މި ސްކޮޑް ވަރަށް ޒުވާން، އަހަރެމެންގެ ތާރީހް ބަލައިފިނަ ފެންނާނީ މުޅިން އެހެން ގޮތަކަށް، އެހެންވެ މިކަހަލަ ޒުވާން ސްކޮޑަކަށް އެ ތާރީހް އިޔާދަ ކުރެވޭނަމަ އެއީ ފާހަގަ ކުރެވޭ ކަމަކަށް ވެގެންދާނެ."

އިންގެލެންޑާ ޕެނަމާ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ހަވީރު 5:00 ގަ އެވެ. އަނިޔާގެ ސަބަބުން މިއަދުގެ މެޗުގައި ޑެލީ އަލީއަށް ނުކުޅެވޭނެ އެވެ.