ކުޅިވަރު

ޕެނަމާ އަތުން ބޮޑު މޮޅެއް ހޯދައި އިންގެލެންޑް ދެވަނަ ބުރަށް

ވޯލްޑްކަޕުގައި މުޅި އަލަށް ވާދަ ކުރާ ޕެނަމާގެ މައްޗަށް 6-1 ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، އިންގެލެންޑް ދެ ވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

ޕެނަމާ ބަލިވެ އެ ޓީމު ވަނީ މުބާރާތުން ކަޓާފަ އެވެ. އަދި އެ ގުރޫޕުން ދެ ވަނަ ބުރުގެ ޖާގަ ބެލްޖިއަމަށްވެސް މިހާރު ވަނީ ކަށަވަރު ވެފަ އެވެ.

އިންގެލެންގެ ހަ ލަނޑުގެތެރެއިން ތިން ލަނޑު ކާމިޔާބު ކޮށް ހެޓްރިކް ހެދީ، ކެޕްޓަން ހެރީ ކޭން އެވެ. އިންގެލެންޑުން ވަނީ ފުރަތަމަ ހާފުގައި އެކަނިވެސް ފަސް ލަނޑު ޖަހާފަ އެވެ. އިންގްލެންޑްގެ ޑިފެންޑަރު ޖޯން ސްޓޯންވެސް ދެ ލަނޑު ޖެހި އެވެ.

އިންގެލެންޑަށް ލީޑް ނަގައިދިނީވެސް ޖޯން ސްޓޯން އެވެ. މެޗުގެ އަށް ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ އައިރިން ޓްރިޕިއާ ނަގައިދިން ބޯޅަ ގޯލް ތެރެއަށް ވައްދާލައިގެންނެވެ.

އިންގެލެންޑްގެ ދެ ވަނަ ލަނޑު ހެރީ ކޭން ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޕެނަލްޓީ އަކީ ޕެނަމާގެ އެސްކޮބާ، އިންގެލެންޑްގެ ޖޯން ސްޓޯން އަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. ޕެނަމާގެ ކުޅުންތެރިން އެޕީލް ކުރީ، އޭގެ ކުރިން ލިންގާޑް އޮފްސައިޑްގައިވާ ކަމަށެވެ. ކޭން ލަނޑު ކާމިޔާބު ކުރީ 22 ވަނަ މިނެޓް ގައެވެ.

އިންގްލެންޑްގެ ތިން ވަނަ ލަނޑުކާމިޔާބު ކުރީ ޖެސީ ލިންގާޑްއެވެ. އޭނާ ލަނޑު ކާމިޔާބު ކުރި ރަހީމް ސްޓާލިން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ 40 ވަނަ މިނެޓްގައި ސްޓޯން ވަނީ އިންގްލެންޑްުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ހާފު

އެ ނަތީޖާއިން ނިމޭނެ ކަމަށް ބެލުވުނަސް ފަސް ވަނަ ލަނޑު ކޭން ކާމިޔާބު ކުރީ، ލިބުނު ޕެނަލްޓީ އަކުން ފުރަތަމަ ހާފުގެ 45 މިނެޓް ހަމަވެ، އިތުރަށް ދެއްކި ތިން މިނެޓްގެ ތެރެއިން ފުރަތަމަ މިނެޓްގައެވެ. އެ ޕެނަލްޓީއަކީ، ޕެނަމާގެ ޕެނަލްޓީ އޭރިއާ ތެރެއިން ކޭން ގައިގައި ޕެނަމާ ކުޅުންތެރިން ހިފެހެއްޓުމުން ދިން ޕެނަލްޓީ އެކެވެ.

ދެ ވަނަ ހާފުގައި، އިންގްލެންޑްގެ މެޗުގެ ޓެމްޕޯއަށް ވެސް މަޑު ޖެހުމެއް އައެވެ. ފުރަތަމަ ހާފުގައި އެ ޓީމަށް ޖެހުނީ އެންމެ ލަނޑެކެވެ. ރުބެން ލޮފްޓަސް ފޮނުވާލި ބޯޅަ ގޮސް ގޯލް ތެރެއަށް ވަނީ، ކޭންގެ ގައިގައި ޖެހިފަ އެވެ. މިހާރު ލަނޑު ލިސްޓްގެ އެންމެ ކުރީގައި އޮތީ ކޭން އެވެ. އޭނާ ޖެހި ލަނޑުގެ އަދަދު ފަހަކަށް އެރީ އެވެ.

ވޯލްޑްކަޕުގެ، ޕެނަމާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، ފިލިޕޭ ބަލޮއީ އެވެ. އޭނާ ލަނޑު ޖެހުމުން، ޕެނަމާގެ ސަޕޯޓަރުން، ވަނީ ވަރަށް ބޮޑަށް އުފާ ކޮށްފަ އެވެ. ވޯލްޑްކަޕަށް ފަހު އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލެނެ އެވެ. އޭނާގެ މިހާރުގެ އުމުރަކީ 37 އަހަރެވެ.