ހަބަރު

އިދިކޮޅަށް މި ޑިމޮކްރަސީ ކަމުނުދަނީ އެބޭފުޅުން ބޭނުންވާ ހުކުމްތައް ނުނެރޭތީ: ރައީސް

އިދިކޮޅު ފަރާތްތަކަށް މިއަދު ޑިމޮކްރަސީ ކަމުނުގޮސްގެން އުޅެނީ އެބޭފުޅުންގެ ޒާތީ ކަންކަމުގައާ އެބޭފުޅުން އެދިވަޑައިގަންނަވާ ސިޔާސީ ކަންކަމުގައި އެބޭފުޅުން ބޭނުންވާ ހުކުމްތައް އެކި ކޯޓުތަކުން ނުނެރޭތީ ކަމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކ. ގުރައިދޫގެ ތަރައްގީ ކޮށްފައިވާ ބަނދަރާއި ފެނުގެ ނިޒާމު ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ރައްޔިތުންނަށް އުންމީދުތަކެއް ގެނެސް ރައްޔިތުންނަށް ބޭނުންވާ ކަންތަކެއް ކޮށްދެވޭނެކަން ރައްޔިތުންނަށް ވިސްނައިދިނީ މި ސަރުކާރުން ކަމަށާއި ރާއްޖޭގެ ރައްޔިތުންނަކީ މީގެކުރިން ނާއުންމީދާއި މާޔޫސްކަމުުގެ ތެރޭގައި ތިބި ބައެއް ކަމަށެވެ.

"އެހެންކަމުން ގުރައިދޫ މިސާލަކަށް ނަންގަވާފަ ގުރައިދޫއަށް އައިސްފައިވާ ތަރައްގީ ބައްލަވާފަ އަޅާކިޔާލާ، އެއާޕޯޓް އެއާޕޯޓެއް ގޮތަށް ތަރައްގީ ކުރާއިރު މިހާރު މިދަނީ އެއްހާސް އެތައް މިލިއަން ޑޮލަރަކަށް އެ އިންވެސްޓްމަންޓް ވެގެން، ރައްޔިތުން މިކަހަލަ ރަށްރަށުގައި ތިބެގެން މާލެ އަށް ބަރޯސާނުވެ މިރަށްރަށުގައި ތިބެގެން އާންމުދަނީ ހޯދޭނެ ވަސީލަތްތައް ގާއިމްކޮށްދިނުމަށާއި މިތަންތަނުގެ ޒުވާނުންނަށް ރަށުން ބޭރަށް ނުގޮސް ވަޒަނުގައި ތިބެގެން މަސައްކަތް ކޮށްދޭނެ ފުރުސަތު ތަނަވަސްކޮށްދިނުމަށްޓަކައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މަސައްކަތް ކުރަނީ މިޒަމާނުގެ ބްރޭންޑް ނިއު އަދި މި ސަރަހައްދުގެ އެންމެ ވަރުގަދަ އެއާޕޯޓަކަށް ރާއްޖޭގެ އެއާޕޯޓް ހެދުމަށް ކަމަށާއި މި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކުރެވިގެން މިދަނީ އެމަސައްކަތް ކަމަށެވެ. އަދި ވިދާޅުވީ، ބޭނުންވަނީ ތަރައްގީ މުޅި ރާއްޖެއަށް އާންމުވެގެންދާން ކަމަށާއި އެހެންކަމުން މި ތަރައްގީ އާންމުކުރަން ކުރާ މަސައްކަތުގައި ރިސްކު ނަގައިގެން ފައިސާ ހޯދައިގެން އަދި ދަރައިގެންވެސް މިކަން ކުރަން ޖެހޭ ކަމަށެވެ.

"ދަރަންޏަކީ ރާއްޖެއަށް އާކަމެއް ނޫން، އަޅުގަނޑުވެސް ބޭނުންވަނީ ރާއްޖޭގެ ރައްޔިތުންނަށް ދަތިވެފަހުރި ކަންކަން ކޮންމެ ރަށަކަށް ފުދިގެން ދިއުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ސިޔާސީ ބޭފުޅުން އެބޭފުޅުންގެ ދައްކުވާފަހުރި މާޒީއާ އެންމެ ފަހުން ދެއްކެވި ކަންތައްތަކަށް ބައްލަވާ ރައްޔިތުންގެ މަސްލަހަތާއި ރައްޔިތުންގެ ލޯބި ކުރާ ކަންތައްތައް އެބޭފުޅުން ދައްކުވާފައި ހުރި މިންވަރުން އިނގޭ ކަމަކީ އެބޭފުޅުންނަކީ އަމިއްލަ އެޖެންޑާއެއް ހިތްޕަވައިގެން އުޅުއްވާ ބޭފުޅުން ކަމަށެވެ.

"އެބޭފުޅުންގެ ގައުމިއްޔަތުގައި ނުވަތަ ރަަށަށް ކޮށްދެއްވަން ބޭނުންފުޅުވާ ކަންކަމުގެ މެނިފެސްޓޯއެއް ނުފެނެ، އޭގެ ބަދަލުގައި ހައްތަހާވެސް ފެނިގެން މިދަނީ އެހެން ކަހަލަ ކަންތައްތަކެއްް،" ރައީސް ވިދާޅުވި އެވެ. "ކުރީގައި އަޅުގަނޑު ހީއްކުރީ އަޅުގަނޑު އެކަނި ކަމަށް އެއްކޮޅުގައި، ޕީޕީއެމްގައި ހުންނެވީ، އެހެން ނަމަވެސް ރައްޔިތުން ތާއީދު ކުރައްވާކަން ގަބޫލު ކުރެވޭ، އެހެންކަމުން އެކަނިވެސް ހަނގުރާމަ ކުރަން ތައްޔާރަށް ތިއްބެވީ،"

ރައީސް ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ކުރިން އެތައް ބައިވަރު ސިޔާސީ ލީޑަަރުން ތިއްބެވިތަން ދުށިން ކަމަށާއި ނަމަވެސް މިއަދު އެހެނެއް ނޫން ކަމަށެވެ. މިއަދު އިނގިގެން ދިޔައީ އެމީހުންވެސް ތިބީ އެކަނި ކަމަށާއި އެހެންކަމުން މިއީ އެކަނިމާ އެކަނި ކުރާ މުގާބަލާއެއް ނުވަތަ ހަނގުރާމައެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެން މި ދެކޭ ކަހަލަ އަމާން ސުލްހަވެރި ރައްޔިތުންނަށް އޯގާތެރި އަޅާލާ މުޖުތަމައެއް ބިނާ ކުރުމަށާއި އިސްލާމީ އުސޫލުތަކާއި ދިވެހި ރިވެތި އުސޫލުތައް ގެންގޮސްދިނުމަށް، ޑިމޮކްރަސީ އަކީ ކޯއްޗެއްކަން ހަގީގަތުގައި ދައްކައިދިނުން، މިއަދު ޑިމޮކްރަސީ ކަމުނުގޮސްގެން މިއުޅެނީ ކީއްވެގެންތޯ، މިއަދު ޑިމޮކްރަސީ ކަމުނުގޮސްގެން މިއުޅެނީ އެބޭފުޅުންގެ ޒާތީ ކަންކަމުގައާ އެބޭފުޅުން އެދިވަޑައިގަންނަވާ ސިޔާސީ ކަންކަމުގައި އެބޭފުޅުން ބޭނުންވާ ހުކުމްތައް އެކި ކޯޓުތަކުން ނުނެރެވިގެން، ދައުލަތް ބަދުނާމުކޮށް ސަރުކާރުން ކަންކަމާ ބެހޭ ވާހަކައެއް ދައްކަނީއެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން އެއްވެސް ކަމެއްގައި ކޯޓަކަށް އެއްވެސް ކަހަލަ ނުފޫޒެއް ނުފޯރުވާނެ ކަމަށާއި ނަމަވެސް ކޯޓަށް ނުފޫޒު ފޯރުވި މީހުން މިއަދު އެތިބީ ހާމަކަން ބޮޑުގޮތެއްގައި ފަލީހަތްވެފައި ކަމަށެވެ.

ރައީސް ވިދާޅުވީ، ޑިމޮކްރަސީއަކީ ނިޒާމްތަކެއް ނިޒާމާއެއްގޮތަށް އުޅެން ދަސްކުރާ ކުރުން ކަމަށެވެ. ނަމަވެސް ވަކި ބައެއްގެ ވަކި ކަހަލަ ހައްގު ތަކަކާ ހަމައަށް ޖެހުމުން އެ ނިޒާމުން ބޭރުން ކަންތައްތައް ކުރަންވީ ކަމަށެވެ. އަދި އެކަންތައްތައް ނުކުރެވޭ ކަމަށްވާނަމަ ނުވަތަ ނިޒާމްތެރޭގައި ހިފަހައްޓަން މަސައްކަތް ކުރާ މީހާ ހުދުމުހުތާރު ވެރިއަކަށް ވެގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.