ހަބަރު

ބީއެމްއެލްގެ ރެކޯޑު ފައިދާއާއެކު ހިއްސާދާރުން އުފަލުން ޑިރެކްޓަރުންގެ މުސާރަ ބޮޑުކޮށްދީފި

May 27, 2015

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)  ގެ ތާރީހުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ފައިދާއާއެކު އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މުސާރަ ބޮޑުކުރަން ހިއްސާދާރުން ރުހުން ދީފި އެވެ.

އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ގައުމީ ބޭންކުގެ އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ އިން 86.1 މިލިއަން ރުފިޔާ (ހިއްސާއަކަށް 16ރ.) ގެ މަގުން ބެހުމަށް ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު އެ ކުންފުނިން ބަހާފައިވަނީ ހިއްސާއަކަށް 15ރ. އެވެ.

މި ފައިދާއާއެކު، ބީއެމްއެލްގެ ޑިރެކްޓަރުގެ ބޯޑުގައި ހިމެނޭ 11 މެންބަރުންނަށް މިހާރު ދެމުން ގެންދާ މުސާރަ ބޮޑު ކުރަން ހިއްސާދާރުން ވަނީ ފާސްކޮށްފަ އެވެ. އެ ގޮތުން ޑިރެކްޓަރުގެ ގޮތުގައި ހިމެނިވަޑައިގަންނަވާ އެގާރަ މެންބަރުންނަށް ކުރިން ދެމުން ގެންދިޔަ 7،000ރ. ގެ ބަދަލުގައި 10،000ރ. ދިނުމަށް ހިއްސާދާރުން ވަނީ ނިންމާފަ އެވެ. އަދި ޗެއާމަން އަށް މިހާރު ދެމުން ގެންދާ 10،000ރ. ގެ މުސާރަ 15،000ރ. އަށް ބޮޑު ކުރުމަށް ވެސް ހިއްސާދާރުން ރުހުން ދީފައިވެ އެވެ. މިއީ އެ ކުންފުނީގެ ޑިރެކްޓަރުގެ ބޯޑުގެ މުސާރަ 2007 ވަނަ އަހަރުން ފެށިގެން ބަދަލު ގެނައި ފުރަތަމަ ފަހަރެވެ.

އަހަރީ އާއްމު ޖަލްސާ ފެށުމުގެ ގޮތުން ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ފެންނަ އެންމެ އުފާވެރި މަންޒަރަކީ ކުރެވުނު އިންވެސްޓްމަންޓުތަކުން ފައިދާ ވަމުންދާ ކަން ކަމަށެވެ.

"މި އިންވެސްޓްމަންޓުގެ ތެރޭގައި މުޅި ބޭންކުގެ ތާރީހުގައި ހިންގުނު ޓެކްނޮލޮޖީ ބަދަލު ކުރުމުގެ ޕްރޮގްރާމާއި މުޅި ގައުމަށް ބޭންކިންގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ހިންގުނު ޕްރޮގްރާމް ހިމެނޭ،" އެންޑްރޫ ވިދާޅުވި އެވެ.

ބީއެމްއެލްއިން މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ބޯޑަށް އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ތިން ހިއްސާދާރުންވެސް ހޮވާލައިވެ އެވެ. ޖަލްސާއަށް ހާޒިރުގެ 75 ހިއްސާދާރުގެ ތެރެއިން 47 ހިއްސާދާރުންގެ އިއްތިފާގުން މި މަގާމަށް ހޮވިފައިވަނީ މއ. ޓިއުލިޕްވިލާ، މުހައްމަދު އަބްދުއްސައްތާރާއި ނ. ހޮޅުދޫ، އިބްރާހިމް މުހައްމަދުގެ އިތުރުން، މ. އެގްޒީޓާ، އިބްތިޝާމާ އަހުމަދު ސައީދެވެ.