ބޮލީވުޑް

ރަންބީރް ކަޕޫރް އިންސްޓަގުރާމުގައި އުޅެނީ ވަގަށް

ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިން އުޅެނީ ސޯޝަލް މީޑިއާއާއި ވަރަށް ދުރުގަ އެވެ. އޭގެ ތެރެއިން އެއް ތަރިއަކީ ރަންބީރް ކަޕޫރް އެވެ. ބޮލީވުޑްގައި އޭނާ މަސައްކަތްކުރަމުން އަންނަތާ މިހާރު ދިހައަކަށްވުރެ ގިނަ އަހަރު ވެއްޖެ އެވެ.

މިދިޔަ ދިހަ އަހަރުވެސް ސޯޝަލް މީޑިއާއާއި ދުރުގައި އުޅުނު ނަމަވެސް އޭނާއަކީ ސޯޝަލް މީޑިއާގައި މަޝްހޫރު މީހެކެވެ. އޭނާގެ ނަން މަތީގައި ގިނަ ފޭން ޕޭޖުތަކާއި ކުލަބުތައް ހިންގަމުން އަންނައިރު، އިންޓަނެޓުގައި އެންމެ ގިނައިން ސާޗްކުރާ މީހުންގެ ލިސްޓުގައިވެސް އޭނާގެ ނަން ހިމެނެ އެވެ.

ދާދިފަހުން އިންޑިއާގެ މަޝްހޫރު ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ ޓައިމްސް އެފްއެމްއަށް ދިން އިންޓަވިއުއެއްގައި ރަންބީރް ވަނީ އިންސްޓަގުރާމް ބޭނުންކުރާ ކަމަށް އެއްބަސްވެފަ އެވެ. އެކަމަކު އޭނާ އިންސްޓަގުރާމް ބޭނުންކުރަނީ އެއްވެސް މީހަކަށް ނޭނގޭ ގޮތަށް ވަގަށެވެ.

"އަހަރެން ޓުވިޓާއެއް ބޭނުމެއް ނުކުރަން. އެކަމަކު އިންސްޓަގުރާމް ބޭނުންކުރަން. އަހަރެން ގެންގުޅެނީ ވަގު އެކައުންޓެއް. އެއްވެސް އެއްޗެއް ޕޯސްޓެއް ނުކުރަން އެކަމަކު އަހަރެން އެހެން އެންމެން ކުރާ ކަންތައްތައް ބަަލަން. ކޮމެންޓެއް ނުކުރަން. އަހަރެން ބިރުގަނޭ ކޮމެންޓު ބަަލަންވެސް. އެއީ އެކްޓަރަކަށްވެ ހުރެ އާޓިކަލްތަކާއި ވީޑިއޯތަކުގައި ހުންނަ ކޮމެންޓުތައް ފެނުނީމަ އުނދަގޫވާ ގޮތްވާނެތީ. މިހާގެ މޮޅު ވާހަކަތަކާއި ސަކަރާތް ވާހަކަތައްވެސް ލިޔެފައި ހުންނާނެތީ."

ރަންބީރް މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ ހުކުރު ދުވަހު ރިލީޒްކުރާ އޭނާގެ ފިލްމު "ސަންޖޫ" އަށް ތައްޔާރުވަމުންނެވެ. މި ފިލްމުގެ ޕްރޮމޯޝަން މަސައްކަތްތަކުގައި އޭނާ އަވަދިނެތި އުޅޭއިރު، އޭނާއާއި ބެހޭ ތަފާތު އެކި ވާހަކަތައް މީޑިއާ ވަނީ މިދިޔަ ދުވަސްކޮޅުގެ ތެރޭގައި ހިއްސާކޮށްފަ އެވެ.

މަޝްހޫރު އެކްޓްރެސް އާލިއާ ބަޓްއާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ރަންބީރް ވަނީ އެއްބަސްވެފަ އެވެ. އަދި މީގެ ކުރިން މީޑިއާތަކުން އެ ވާހަކައެއް އެހެމުން ރަންބީރް ލަދުން އުޅޭ، ކައިވެނީގެ ވާހަކަތައްވެސް އޭނާ ވަނީ މީޑިއާއާއި ހިއްސާކޮށްފަ އެވެ. ރަންބީރް ބުނީ އޭނާ ވަރަށް އަވަހަށް ކައިވެނިކުރަން ބޭނުންވާ ކަމާށާއި އަދި ދަރިން ހޯދަންވެސް ބޭނުންވާ ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުން ރަންބީރްއާއި އާލިއާ 2020 ވަނަ އަހަރު ކައިވެނިކުރާނެ އެވެ.