ރާއްޖެ ކުޅިވަރު

ލަބާން އެނބުރި އައިސް ގްރީންއަށް ސޮއިކޮށްފި

ދެހާސް ފަނަރަވަނަ އަހަރުގެ މޭޑޭގައި ބޭއްވި ސިޔާސީ އެއްވުމެއްގައި ހަމަނުޖެހުން ހިންގި ކަމުގެ ކުށް ސާބިތުވެ ތިން އަހަރު ޖަލުގައި އޮތުމަށް ފަހު މިދިޔަ މަހު މިނިވަން ކުރި ޒުވާން ކީޕަރު ލަބާން ރަޝީދު އަލުން ދަނޑަށް ނިކުނަން ތައްޔާރު ވެއްޖެ އެވެ. އޭނާ ވަނީ މިއަދު ގްރީން ސްޓްރީޓަށް ސޮއި ކޮށްފަ އެވެ.

ލަބާން ގްރީންއަށް ސޮއި ކުރި ނަމަވެސް މިހަފުތާގައި ފަށާ ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ބުރުން އޭނާ ނުފެންނާނެ އެވެ.

"ލަބާން ފިޓްވާން ދެ މަސްވަރު ހޭދަވާނެ އަޅުގަނޑުމެންގެ އުންމީދަކީ އޯގަސްޓް މަހު ލީގް ބްރޭކްވެ ސެޕްޓެމްބަރު މެދު ތެރޭގައި އަލުން ލީގް ފަށާއިރު ލަބާންއަށް ދަނޑަށް ނިކުމެވޭނެ ކަމަށް،" ގްރީންގެ ބޯޑް މެންބަރު މީކާއީލް ބުންޏެވެ. "ލަބާން ގެ ސޮއި މި ކުރުވީ އަންނަ އަހަރާވެސް އެއްކޮށް އަންނަ އަހަރު ބިދޭސީ ކީޕަރެއް ނުގެންނަ ގޮތަށް އަޅުގަނޑުމެން ނިންމާފަ ވާނީ."

މީގެކުރިން އިންޓަ ސްކޫލު ފުޓްބޯޅަ މުބާރާތުގައި އޭނާ ދެއްކި ކުޅުމުން ފުރަތަމަ ޑިވިޝަންގެ ކުލަބު ތަކުން އޭނާ އަށް ކަޅި އަޅަން ފެށި އެވެ. ކިތަންމެ ޒުވާން ވިޔަސް ފުރަތަމަ 11 އަށް އޭނާ އަރުވައިގެން ކުޅެން ޓީމުތަކުން ޖެހިލުމެއް ނުވެ އެވެ. އޭނަ ހައްޔަރު ކޮށްގެން ގެންދިޔައިރު އޭނާ ހުރީ އީގަލްސްގެ އެއް ނަންބަރު ކީޕަރުގެ ގޮތުގަ އެވެ.

އެނބުރި ޖަލުން އައިރު އޭނާގެ ފިޓްނަސް ހުރީ ވަރަށް ބޮޑަށް ގެއްލިފަ އެވެ. ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން އަލުން އެނބުރި އާދެވިދާނެ އެވެ. އޭނާ ހުރީ ވެސް އެ އަޒުމުގަ އެވެ. އޭނާ ބުނީ ފުޓްބޯޅައާ އޭނާ ވަކި ނުވެވޭނެ ކަމަށެވެ.

"އެނގޭ ކުރީގެ ފޯމަށް އަލުން ދާން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަންވެސް،" މީގެކުރިން އަވަސްއާ ވާހަކަ ދައްކަމުން ލަބާން، 22 ބުންޏެވެ. "އެހެން ނަމަވެސް މަސައްކަތް ކޮށްގެން އަލުން އަންގި ލައްވައިގެން ދަނޑަށް ނުކުތުމަކީ ވަރަށް ބޮޑު އުންމީދެއްް."

ބުނީ ލިބޭ ފުރުސަތު ބޭނުންކޮށް އަލުން ކުރި އަރަން އޭނާ އޭނާ ބޭނުންވާ ކަމަށާއި ހުރީ އެހާ ފަސޭހައިން ދޫކޮށްލާ ގޮތަކަށް ވެސް ނޫން ކަމަށެވެ.