އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެކި ގޮތްގޮތުން ލިބޭ އެހީ އާއި އެ ކެންޑިޑޭޓެއްގެ އަމިއްލަ ފައިސާއިން ހަރަދުކުރާ މިންވަރުގެ ތަފްސީލް ބަލަހައްޓާ، އޭގެ ތަފްސީލް ދިނުމަށް އަންގާ ހާލަތެއްގައި ދޭން މަޖުބޫރުވާ ގޮތަށް ގާނޫނު އިސްލާހުކުރަން ހުށަހަޅައިފި އެވެ.
މި އިސްލާހު ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށެވެ. ހޮޅުދޫ ދާއިރާގެ މެންބަރު ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ހުށަހަޅުއްވާފައިވަނީ އެ ގާނޫނުގެ 68 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރުމަށެވެ. އިސްލާހުގައި އިތުރުކުރަން ހުށަހަޅާފައިވަނީ ކެންޑިޑޭޓުން ކެމްޕެއިނަށް ކުރާ ހަރަދުތަކުގެ ތެރެއިން ބަލަހައްޓަން މަޖުބޫރުވާ ހަރަދުތަކާއި އެ ތަފްސީލްތައް ބަލަހައްޓާނެ ގޮތުގެ ގަވައިދެއް ހެދުމެވެ.
އިސްލާހުގައި ބުނެފައިވަނީ، ކެންޑިޑޭޓުގެ އަމިއްލަ ފައިސާއިން އިންތިހާބާ ގުޅިގެން ހަރަދުކުރާ ފައިސާ އާއި އަމިއްލަ ތަކެތީގެ ތަފްސީލާއި އިންތިހާބާ ގުޅިގެން އެ ކެންޑިޑޭޓެއްް ނިސްބަތްވާ ޕާޓީންނާއި ތިންވަނަ ފަރާތަކުން ލިބޭ މާލީ އެހީ އާއި ތެކޭތިގެ ތަފްސީލް އެ ކެންޑިޑޭޓަކު ނޫނީ ކެންޑިޑޭޓްގެ ރަސްމީ އިންތިހާބީ އެޖެންޓް ރިކޯޑްކޮށް ބަލަހައްޓަންޖެހޭނެ އެވެ. އެ ރެކޯޑްތަކުގެ ލިޔެކިޔުންތައް ރަސްމީ ނަތީޖާ އިއުލާންކުރާތާ ހަ މަސް ދުވަހުގެ ނިޔަލަށް ބަލަހައްޓަން ވެސް ލާޒިމްކުރަން އިސްލާހުގައި ވަނީ ހިމަނާފަ އެވެ.
އިންތިހާބުގެ ހަރަދުތަކާ ގުޅޭ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް އިލެކްޝަން ކޮމިޝަނުން އަންގައިފިނަމަ އެ ފޯރުކޮށްދިނުމަކީ ކެންޑިޑޭޓަށާއި ކެންޑިޑޭޓްގެ އެޖެންޓަށް ލާޒިމް ކަމެއް ކަމަށް ވެސް އިސްލާހުގައި ވަނީ ހިމަނާފަ އެވެ.
މިހާރު ގާނޫނު އޮތް ގޮތުން ވެސް އިންތިހާބަށް ކުރާ ހަރަދުތަކުގެ މާލީ ބަޔާން އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަށް ލާޒިމްކުރެ އެވެ. ނަމަވެސް ކެންޑިޑޭޓްގެ އަމިއްލަ ފައިސާ އާއި ތަކެތިން ކޮށްފައިވާ ހަރަދުތައް ހާމަކުރަން ވަކިން ބަޔާންކޮށްފައެއް ނޯވެ އެވެ.
ގާނޫނުގައި އޮތް ގޮތުން މާލީ ބަޔާނުގައި ހިމަނަން ޖެހެނީ އިންތިހާބާ ގުޅިގެން ކެންޑިޑޭޓުކޮށްފައިވާ ހަރަދުތަކުގެ ތަފްސީލާއި އިންތިހާބުގައި ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ކޮށްފައިވާ ހަރަދުތައް ވަކިން އެނގޭގޮތަށް އެ ހަރަދުތަކުގެ ތަފްސީލާއި އިންތިހާބަށް ހަރަދު ކުރުމަށްޓަކައި ފައިސާ ހޯދިގޮތުގެ ތަފްސީލާއި އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި އެފަރާތްތަކުން ދިން މިންވަރުގެ ތަފްސީލެވެ.
އެކަންތައްތަކުގެ އިތުރަށް ފައިސާ އާއި މުދާ ހިމެނޭ ގޮތުން ކެންޑިޑޭޓްކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް ހިމަނަން އިސްލާހުގައި އިތުރުކުރަން ވަނީ ހިމަނާފަ އެވެ.
އިންތިހާބާ ގުޅިގެން ކެންޑިޑޭޓުންނަށް ކުރެވޭނެ އެންމެ މަތީ އަދަދު ބޮޑުކުރަން ވެސް އިސްލާހުގައި ހިމަނާފައިވެ އެވެ. މިހާރު ގާނޫނު އޮތް ގޮތުން އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރަންވާނީ، އެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ އިންތިހާބީ ދާއިރާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 1500 ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ ފައިސާގެ އަދަދަށްވުރެ އިތުރުނުވާނެ އަދަދަކަށެވެ. ނަމަވެސް އަލަށް ހުށަހެޅި އިސްލާހުގައި އެ އަދަދު 2000 ރުފިޔާއަށް ބޮޑުކުރަން ވަނީ ހުށަހަޅާފަ އެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވަނީ ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ އެންމެހައި ހަރަދުތައް ކުރުމަށްޓަކައި އެކަމަށް ހާއްސަކުރާ އެކައުންޓެއް ރާއްޖޭގައި ހިންގާ ބޭންކެއްގައި ކޮންމެ ކެންޑިޑޭޓެއްގެ ނަމުގައި ހުޅުވަންވާނެއެވެ. ކޮންމެ ކެންޑިޑޭޓަކުވެސް އިންތިހާބާ ގުޅިގެން ކުރާ އެންމެހައި ހަރަދެއް ކުރަންވާނީ އެކައުންޓް މެދުވެރިކޮށް ކަމަށް ގާނޫނުގައި އޮވެ އެވެ. އަދި އެކެންޑިޑޭޓަކަށް އެ އިންތިހާބާ ގުޅިގެން ލިބޭ އެންމެހައި ފައިސާގެ އެހީވެސް ޖަމާކުރަންވާނީ އެ އެކައުންޓަށެވެ.